ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ތަންފީޒު ކުރުމާގުޅޭ ގޮތުން އިދާރާތަކާއެކު، ޕޮލިސީ ލެވެލްގައި މަޝްވަރާ ކޮށްފިއެވެ.

އޭޖީ އޮފީހުން ބުނީ ކުޑަކުދިންގެ އަދުލުގެ ގާނޫނު އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ތަންފީޒު ކުރުމަށްޓަކައި، އެ ގާނޫނުތަކުގެ ދަށުން ދައުލަތުގެ އެކި އިދާރާތަކުގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި އެ އިދާރާތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތާ ގުޅޭގޮތުން ޕޮލިސީ ލެވެލްގެ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

އެބައްދަލުވުން ބާއްވާފައި ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުގެ އިސްނެގުމުގެ މަތިން މިއަދު އޮންލައިންކޮށް ކަމަށް އޭޖީން ވަނީ ބުނެފައެވެ.

މި ބައްދަލުވުމުގައި އެޓާނީ ޖެނެރަލާއި، މިނިސްޓާ އޮފް ހޯމް އެފެއާޒާއި، މިނިސްޓާ އޮފް އެޑިއުކޭޝަނާއި، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސާއާއި، ޕްރޮސިކިއުޓާ ޖެނެރަލާއި، ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ސީއީއޯ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އޭގެ އިތުން މިނިސްޓްރީ އޮފް ޖެންޑާ، ފެމެލީ އެންޑް ސޯޝަލް ސާވިސަސްއާއި، ޖުވެނައިލް ކޯޓާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ޖުޑީޝަލް އެކަޑެމީއާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސްއާއި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސް ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ބައްދަލުވުމުގައި، ކުޑަކުދިންގެ އަދުލުގެ ގާނޫނާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ތަންފީޒުކުރުމަށްޓަކައި ކުރަންހުރި ކަންކަން ކަމާބެހޭ އެންމެހައި މުއައްސަސާތަކުގެ މެދުގައި ވިލަރެސްކުރެވިގެން ކުރިއަށް ގެންދާނެ ގޮތަކާމެދު މަޝްވަރާ ވަނީ ކޮށްފައެވެ. މި މަސައްކަތް ކުރުމަށްޓަކައި ޕޮލިސީ ލެވެލްގެ ސްޓިއަރިން ކޮމިޓީއަކާއި، ޓެކްނިކަލް ލެވެލްގެ ވަކިން ގްރޫޕެއް އެކުލަވާލެވިފައިވާ ކަމަށް އޭޖީ އެފީހުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން މަސައްކަތް ފަށައިގަތުމަށްޓަކައި ވަކިން ގްރޫޕުން ކުރަންހުރި ކަންކަން އެކަށައަޅައި، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ވަކިން ގްރޫޕްގެ މަސައްކަތްތައް ސްޓްއަރިން ކޮމިޓީއަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ. ދެ ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޔުނިސެފްގެ އެހީތެރިކަމާއެކު ކަމަށް އޭޖީ އިން ބުނެއެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ނޮވެންބަރު 20، 2019 ގައި ތަސްދީގުކޮށްފައިވާއިރު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް މިއަހަރުގެ ފެބުރުވަރީ 20 އިން ފެށިގެން ދަނީ އަމަލުކުރެވެމުންނެވެ. އަދި ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލުކުރަން ފަށާނީ މިއަހަރުގެ ނޮވެންބަރު މަހުގެ 20 ގައެވެ.