ތަފާތު ހިޔާލުތަކުގެ ފަރާތްތަކުގެ މަޝްވަރާއަކީ ސަރުކަރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކަށް ވަޑައިގަންނަވާ ހުރިހާ ފަރާތްތަކަކީ އަބަދު ސަރުކާރަށް ތާއިދު ކުރައްވާ ފަރާތްތަކެއް ނޫން ކަމަށެވެ. އަދި އެކި ހިޔާލުގެ އެކި ބާވަތުގެ ފަރާތްތައް މަޖިލީހަށް ވަޑައިގަނެ މަޝްވަރާ ދެއްވުމަކީ ސަރުކާރު ޖަވާބުދާރީ ކުރުމުގެ ނިޒާމް ކަމަށް އެމަނިކުފާނު މިހެން ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އެމަނިކުފާނު ގެންދަވަނީ ވެރިކަމުގެ ނިޒާމާމު ބަދަލު ކުރަން ޖެހޭ ކަމުގެ އިޝާރާތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ބަރުލަމާނީ ނިޒާމެއް ގެންނަން ޖެހޭ ކަމަށް އެމަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
މިދިޔަ ހުކުރު ދުވަހު ގާނޫނުއަސާސީއަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި ލޯ އިނިޝިއޭޓިވް ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ، މި ގާނޫނުއަސާސީ ބިނާވެގެން އައީ ވަރަށް ބޮޑަށް ބަރުލަމާނީ ސިފައިގައި ކަމަށާއި، ވެރިކަމުގެ ނިޒާމު އޮންނަންވީ ގޮތާ ގުޅޭ ގޮތުން ނެގި ވޯޓުގެ ނަތީޖާ އެމްޑީޕީން ބަލައި ނުގަންނަ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ވެރިކަން ކުރުމުގައި ދިމާވި ހުރިހާ ދައްޗެއް ދިމާވީ މި ގާނޫނުއަސާސީ ތަންފީޒުކުރަން ރިޔާސީ ނިޒާމެއްގައި ލިބުމުން ކަމަށެވެ. ސަބަބެއް ކަމުގައި އެމަނިކުފާނު ވިދާޅުވީ އެއީ މި ގާނޫނުއަސާސީއަކީ ތޮބީއީ ގޮތުން ރިޔާސީ ނިޒާމަކަށް ފައްކާވެފައި އޮތް ނިޒާމެއް ނޫން ކަމަށް ވާތީ ކަމަށެެވެ.
އެމަނިކުފާނު ވަނީ އެ ވާހަކަ ދައްކަވާ ކޮންމެ ފަހަރަކު އެ ވާހަކަ ނޫހުގެ ހެޑްލައިނަށް ގެންނާތީ އެކަން ނުކުރުމަށް އިލްތިމާސްކޮށް، އެއީ އެމަނިކުފާނު ދައްކަވާ ވަރަށް އާދައިގެ ވަރަށް ފޫހިވާ ވާހަކައެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ބައެއް ފަހަރު ބައެއް ނޫސްވެރިންނަށް އެއީ ޕޮލިޓިކަލް ކޮންފްލިކްޓެއްގެ ޕިޗެއް ކަމަށް ހީވާ ކަމަށާއި އެކަން ވަނީ އެހެން ނޫން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.