މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން އެލަވަންސް ވަޒީފާގައި އުޅޭ ގައިދީންނަށް ހާއްސަކޮށް “ސްޓާޓިން އާޓް ވޯކްޝޮޕް” ގެ ނަމުގައި ކުރެހުމާބެހޭ ވޯކްޝޮޕެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)އިން މާފުށީ ޖަލުގައި ފަށައިފިއެވެ.

ތިން ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ މި ވޯކްޝޮޕްގައި ހަފްތާއަކު ފަސް ދުވަހު ކިޔަވާދޭނެ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ. އަދި މި ވޯކްޝޮޕްގައި ކުރެހުމަށް ޝައުގުވެރިވާ އަށް ގައިދީން ބައިވެރިވެފައިވާ ކަމަށް ވެސް ވެސް ކަރެކްޝަނުން ބުނެއެވެ.

މި ވޯކްޝޮޕްގައި ކުރަހަން ފަށައިގަންނާނެ ގޮތް ކިޔަވައިދިނުމުގެ އިތުރުން އެކި ބާވަތުގެ ޕެއިންޓް ބޭނުންކޮށްގެން ކުރެހުން ފުރިހަމަކުރާނެ އުކުޅުތައް ކިޔާދޭނެ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ކަރެކްޝަނުން ބުނީ މި ވޯކްޝޮޕްގެ ބައިވެރިންނަށް ކިޔަވާދެނީ މާފުށީ ޖަލުގެ އޮފިސަރެއް ކަމަށެވެ.

ކޯވިޑް-19 އާ ގުޅިގެން، ކްލާސްތަކާއި އެހެނިހެން މަސައްކަތްތައް މެދު ކަނޑާލި ނަމަވެސް، ސަރުކާރުން އައު އާންމު ހާލަތު އިއުލާންކުރުމާ ގުޅިގެން، ރައްކާތެރި ފިޔަވަޅުތަކާއެކު ކޯސްތަކާއި ކްލާސްތައް މިހާރު ކުރިއަށް ގެންދަން ފަށާފައިވާ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.