ކޮވިޑްގެ މި ހާލަތުގައި ދީފައިވާ ލުއިތަކަށް ބަަދަލު ގެނެސް މިއަދު (އޮގަސްޓް 8، 2020) އިން ފެށިގެން މާލެއިން ރަށަށް ދެވޭނީ ވަކި ޝަތުރުތަކެއް ހަމަވާ ފަރާތްތަކަށް ކަމަށް އެޗްޕީއޭއިން ކަނޑައަޅައިފިއެވެ.

އެޗްޕީއޭއިން މިރޭ އާންމު ކުރި ގަވާއިދު ބުނާ ގޮތުން މެޑިކަލް އިމަޖެންސީއެއްގައި ނުވަތަ ޑޮކްޓަރަށް ދެއްކުމަށް މާލެ އައުމާއި ގުޅިގެންނާއި، މާލޭގައި ދިރިއުޅޭތަން ދޫކޮށްލަން ޖެހުމާއި ގުޅިގެންނާއި، ރަސްމީ ބޭނުމަކަށް މާލެ އައިސް ރަށަށް ދިއުމާއި، ވަޒީފާ ގެއްލިގެން ނުވަތަ ވަޒީފާ ރަށަށް ބަދަލުވުމާއި ގުޅިގެންނާއި، އަދި ޝަރުއީ ކޯޓަކަށް ހާޒިރުވާން ޖެހޭ ނަމަ ދެވޭނެއެވެ.

މާލެއިން ރަށަށް ދެވޭ އެ އުސޫލަކީ ރަށްރަށް ފުރަބަންދު ކަރަންޓީނަށް ދިއުމަށް މިހާރުވެސް އެދެން ޖެހޭ "ހާލުބެލުން" ޕޯޓަލްގައި ރަޖިސްޓްރީ ވުމަށް ފަހު އެ ޕޯޓަލްގެ ހޯމް ކަރަންޓީން ފުރިހަމަ ކުރާ ފަރާތްތަކަށް އެދެވޭނެ އުސޫލެކެވެ. އަދި އެ އުސޫލަށް އެދެން މަތީގައި ބުނެފައިވާ 5 ޝަތުރުތުން ކުރެ ޝަތުރެއް ފުރިހަމަވާންވެސް ޖެހެއެވެ.

އެ އުސޫލުގެ ދަށުން މާލެއިން ރަށަށް ދާން އެދޭ މީހުން ހުށަހަޅަން ޖެހޭ ލިޔުންތައް ރަށު ކައުންސިލަށް ހުށަހަޅަން ޖެހޭނެ ކަމަށާއި، އެ ލިޔުންތަކުގެ މައްޗަށް ބަލައި އެމީހަކު ކަރަންޓީނު ވުމަށް އެދޭ ތަނެއް ކައުންސިލުން ބަލާ ޗެކްކޮށް އެޗްޕީއޭއަށް އަންގަން ޖެހެއެވެ.

ކައުންސިލްތަކުން އެކަން ކުރުމަށްޓަކައި ބަލާ ފާސްކޮށް ''ފާސް ޕޯޓަލް" މެދުވެރިކޮށް ހުށަހެޅުމުން ހޯމް ކަރަންޓީން ވުމަށް އެދިފަވާ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތައް އެޗްޕީއޭގެ ފަރާތުން ބަލައި ވެރިފައި ކުރުމަށް ފަހު އެމީހަކު ދަތުރުކުމަށް އެދިފައިވާ ތާރީހަށް ކަރަންޓީނު ލިޔުން އަދި ބިލްޑިން މޮނިޓަރިން ނޯޓިސް ހާލުބެލުން ޕޯޓަލްގައި އަޕްލޯޑް ކުރާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މާލެއިން ރަށަށް ދާން ޓިކެޓް ނަގަންވާނީ ކަރަންޓީނު ލިޔުމާއިި ބިލްޑިން މޮނިޓަރިން ނޯޓިސް ލިބުމުން ކަމަށެވެ.

މި މަހުގެ މިހާތަނަށް 535 މީހަކަށް ހޯމް ކަރަންޓީނަށް ދިއުމުގެ ހުއްދަ ވަނީ ދީފައެވެ.