އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 6 އަށް އަނެެއްކާވެސް އިތުރުކޮށްފިއެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރި މީ ހަ ވަނަ ފަހަރެވެ.

ކޮވިޑް-19 ބައްޔަކީ "ޕެންޑެމިކް" އެއް ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅުމާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަތުގެ ހާލަތު ސަރުކާރުން އިއުލާން ކޮށްފައި ވަނީ އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުންނެވެ. އެންމެ ފަހުން އެ މުއްދަތު އިތުރުކުރީ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ.

ހެލްތު މިނިސްޓަރު އަމީން މިރޭ ނެރުއްވި ގަރާރުގައި ވަނީ، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތް މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން މިހާރު އިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު ސެޕްޓެންބަރު މަހުގެ ހަ ވަނަ ދުވަހު ގެ ނިޔަލަށް ދެމެހެއްޓުމަށް ވަނީ ނިންމާފައިވާ ކަމަށެވެ.

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ މުއްދަތު އަނެއްކާ ވެސް އިތުރު ކުރެއްވީ ކޮވިޑް-19 ގެ ނުރައްކާ އަދިވެސް އޮތުމުން ކަމަށް އެ ގަރާރުގައި ބުނެއެވެ. އަދި އެ ނުރައްކާ ކުޑަކޮށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާ ދެއްވާފައިވާ ކަމަށް ވެސް ވެއެވެ.