މިއަދު ރާއްޖޭގައި ކޮވިޑް-19އަށް 89 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި 19 ބަންގްލްދޭޝް މީހުންނާއި އިންޑިއާގެ 6 މީހަކާއި ލަންކާ ދެ މީހަކާއި ބްރިޓީޝްގެ ދެ މީހަކާއި އެމެރިކާ މީހެއްގެ އިތުރުން އިޖިޕްޓް މީހެއް ކަމަަށެވެ.

މިއަދު އިތުރު 89 މީހަކު ޕޮޒިޓިވްވެ ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު 4769 އަށް އަރާފައިވާއިރު، މިއަދު ވަނީ އިތުރު 29 މީހަކު ރަނގަޅުވެފައެވެ. އެއާ އެކު ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 2754 އަށް އަރާފައެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރު ވަމުންދާއިރު އެކްޓިވް ކޭސްގެ ގޮތުގައި ޖުމްލަ 1996 ކޭސް އަށް ވަނީ އިތުރުވެފައެވެ. އޭގެ ތެރެއިން 129 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އައިސޮލޭޝަން ފެސިލިޓީގައި ޖުމްލަ 1470 މީހުން އެބަ ތިއްބެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 19 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 14 ދިވެހިންނާއި 5 ބިދޭސީންނެވެ. 14 ދިވެހިންގެ ތެރޭގައި 6 ފިރިހެނުންނާއި 8 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.