3 ރަށަކުން 6 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީން ބުނީ، މި 6 މީހުންގެ ތެރެއިން 5 މީހުންނަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވުނު މީހުން ކަމަށާއި އަނެއް މީހާއަކީ ފުރަބަންދު ކަރަންޓީނުން ޕޮޒިޓިވްވި މީހަކު ކަމަށެވެ. މި މީހުން ޕޮޒިޓިވްވީ، ހދ ނާވައިދޫ، ހއ. އިހަވަންދޫ އަދި ހއ. ފިއްލަދޫ އިންނެވެ.

އެގޮތުން ނާވައިދޫ އިން ޕޮޒިޓިވް ވީ 68 އަހަރުގެ އުމުރުން ދުވަސްވީ ދިވެހި ފިރިހެނެކެވެ. އޭނާ ޕޮޒިޓިވްކަން އެނގިފައިވަނީ ފުރަބަންދު ކަރަންޓީނު ނިންމުމަށްފަހު ނެގި ސާމްޕަލް އަކުންނެވެ.

އިހަވަންދޫން ޕޮޒިޓިވް ވީ ދެ ބިދޭސީންނެވެ. އެމީހުން ޕޮޒިޓިވް ވީ ތަހުތު ބޯޓު ކްލަސްޓާއިންނެވެ. އެމީހުން ޕޮޒިޓިވްކަން އެނގިފައިވަނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިންނެވެ. އަދި ފިިއްލަދޫން ވެސް ދެ ބިދޭސީންނާއި ދިވެއްސަކު ޕޮޒިޓިވް ވެފައި ވާއިރު، އެމީހުން ޕޮޒިޓިވްކަން އެނގިފައި ވަނީ ވެސް ކޮންޓެކްޓް ޓްރޭސިންގެ ތެރެއިންނެވެ. އެގޮތުން އެއީ ހއ. ކެލާގެ ސަވާރީ ބޯޓާ ގުޅުން ހުރި ފިއްލަދޫގެ ބީއެމްއެމްއޭ އެކްސްޕްރެސް ބޯޓުން ޕޮޒިޓިވްވި ބައެކެވެ.

3 ރަށަކުން 6 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު، އިއްޔެ އެކަނިވެސް 86 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

އިއްޔެ ޕޮޒިޓިވްވި 86 މީހުންގެ ތެރެގައި ހިމެނެނީ 56 ދިވެހިންނާއި ބަންގްލަދޭޝްގެ 27 މީހުންގެ އިތުރުން އިންޑިއާ މީހަކާއި ފިލިޕީންގެ މީހެއްގެ އިތުރުން ލަންކާ މީހެކެވެ. އަދި މި 86 މީހުންގެ ތެރެއިން 85 މީހުން މާލެ ސަރަހައްދުން ޕޮޒިޓިވް ވެފައި ވާއިރު އެކަކު ޕޮޒިޓިވް ވެފައި ވަނީ އަތޮޅުތެރެއިންނެވެ.

ރާއްޖެއިން ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު 4680 އަށް އަރާފައި ވާއިރު، އިއްޔެ 19 މީހަކު ބަލިން ރަނގަޅުވެ، ޖުމްލަ ރަނގަޅުވި މީހުންގެ އަދަދު ވަނީ 2725 އަށް އަރާފައެވެ. މިހާރު ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރު ވަމުންދާއިރު އެކްޓިވް ކޭސްގެ ގޮތުގައި ޖުމްލަ 1936 ކޭސް އަށް ވަނީ އިތުރުވެފައެވެ. އޭގެ ތެރެއިން 128 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އައިސޮލޭޝަން ފެސިލިޓީގައި ޖުމްލަ 1391 މީހުން އެބަ ތިއްބެވެ.