ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މިއަދު އާންމުކުރި މައުލޫމާތައް ބަލާއިރު، މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭ މީހުންގެ އަދަދު ޖުމްލަ 128 އަށް އަރާފައިވާ ކަމަށެވެ.
ރޭގެ ނިޔަލަށް 110 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ އިރު ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އިތުރު 18 މީހަކަށް ވަނީ އެޑްމިޓްކޮށް ފަރުވާ ދޭން ފަށާފައެވެ.
މިމަހުގެ 4 ވަނަ ދުވަހު 92 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި އޭގެ އޭގެ ތެރެއިން 87 މީހުންނަށް ފަރުވާ ދެމުން ދަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކަމަށާއި އައިޖީއެމްއެޗްގެ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް 11 ގައި އެކަކަށް ފަރުވާ ދެމުންދާ ކަމަށާއި ޑީއެޗް 16 ގައި ތިން މީހަކަށް ފަރުވާ ދެމުންދާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޑރ.ނަޒްލާ ވިދާޅުވެފައި ވަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ހަ މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށާއި އޭގެ ތެރެއިން ފަސް މީހަކަށް ފަރުވާ ދެނީ ހުޅުމާލެ މެޑިކަލް ފެސިލީޓީގައި ކަމަށެވެ. ދެ މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ވެސް އެކަކަށް ދަނީ ފަރުވާ ދެމުންނެވެ.
ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، އިއްޔެ އަކީ ރާއްޖޭގައި 24 ގަޑިއިރު ތެރޭ ކޮވިޑް ކޭސް އެންމެ ގިނައިން ފެނިފައިވާ ދުވަހެވެ. އެގޮތުން އިއްޔެ އެކަނި ރާއްޖެއިން 215 ކޭސް ފެނިފައި ވެއެވެ. އޭގެ ތެރޭގައިވެސް ގިނައީ ދިވެހިންނެވެ. މިއަދު ޖުމްލަ 149 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ. މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ޖެހުނު ދިވެހިންގެ އަދަދު 1785 އަށް ވަނީ އަރާފައެވެ.
ޑރ. ޝީނާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކުރިއަށް އޮތް 5 މަސްދުވަހުގެ ތެރޭގައި ރާއްޖެއިން 5445 މީހަކަށް ކޮވިޑް ޖެހުމުގެ ފުރުސަތު އެބައޮތެވެ. އެގޮތުން ކޮވިޑްގެ ހާލަތު އެންމެ ގޯސް ވަނީ މި މަހު ކަމަށް ލަފާ ކޮށްފައި ވާއިރު، މިމަހު އެކަނި 2373 މީހަކަށް ބަލި ޖެހޭނެއެވެ. އެއީ ދުވާލަކަށް 170 މީހުންނެވެ. އަދި މި މަހު 475 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭނެ ކަމަށްވެސް ޑރ. ޝީނާ ލަފާ ކުރައްވައިފައި ވެއެވެ.
ސެޕްޓެމްބަރު މަހަަށް ބަލާއިރު، ޖުމްލަ 1464 މީހަކަށް ޖެހޭނެ ކަމަށް ލަފާކޮށްފައި ވެއެވެ. އެއީ ދުވާލަކު 105 މީހަކަށް ކަމަށްވާއިރު، އޭގެ ތެރެއިން ޖުމްލަ 293 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭނެ ކަމަށް ޑރ.ޝީނާ ލަފާ ކުރައްވައިފައި ވެއެވެ. އޮކްޓޫބަރު މަހަށް ބަލާއިރު، 945 މީހަކަށް ބަލި ޖެހި، 189 މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭނެ ކަމަށް ލަފާކޮށްފައި ވެއެވެ. އޭގެ ތެރއިން ދުވާލަކު 68 މީހަކަށް ކޮވިޑް ޖެހޭނެ ކަމަށް ޑރ.ޝީނާގެ ހިސާބުތަކުން ދައްކައެވެ.
ނޮވެމްބަރު މަހަށް ބަލާއިރު، ޖުމްލަ 409 މީހަކަށް ކޮވިޑް ޖެހޭނެ ކަމަށް ލަފާކޮށްފައި ވެއެވެ. ޑިސެމްބަރު މަހު 254 މީހަކަށް ކޮވިޑް ޖެހޭނެ ކަމަށް ލަފާކޮށްފައި ވާއިރު، ކުރިއަށް އޮތް 5 މަސްދުވަހުގެ ތެރޭގައި 1090 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭނެ ކަމަށާއި އޭގެ ތެރެއިން 128 މީހަކަށް އައިސީޔޫގައި ފަރުވާ ދޭން ޖެހޭނެ ކަމަށް ޑރ.ޝީނާ ލަފާ ކުރައްވައިފައި ވެއެވެ. އައިސީޔޫއަށްލާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން މަރުވާނެ ކަމަށް ލަފާކޮށްފައިވާއިރު އެއީ 64 މީހުންނެވެ.