ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިންނާ ގުޅޭ އާ ގަވައިދެއް އަންނަ ހަފްތާ ގެޒެޓް ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް ނިއުސްގެ 'ރާއްޖެ މިއަދު' ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ބިދޭސީންނާބެހޭ ގަވައިދަށް ގެންނަ އިސްލާހުތަކާއެކު ބިދޭސިންނާ ގުޅުންހުރި ގިނަ މައްސަލަތައް ހައްލު ވެގެންދާނެ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ބިދޭސިންގެ މައްސަލައަކީ އެބޭފުޅާ އެމަގާމާ ހަވާލުވީ އިރުވެސް އޭގެ ކުރިންވެސް ބޮޑު މައްސަލައެއްގެ ގޮތުގައި ރައްޔިތުން ދެކެމުން އައި ކަމެއް ކަމަށެވެ. އަދި ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން އެކަންތައްތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ބިދޭސިންނާ ގުޅޭ ގިނަ މައްސަލަތަކެއް އެބަހުރި ކަމަށާއި އެކަންކަން އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ނުދަނީ ކޯވިޑް-19 އާއެކު ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން ކަމަށް ފައްޔާޒު ވަނީ ފާހަގަކުރައްވަފައެވެ.

ކޯވިޑްގެ ސަބަބުން ބިދޭސީންގެ މައްސަލަތައް އިތުރަށް ގޯސްވެފައިވާކަން ފައްޔާޒު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ބިދޭސީން ތިބޭ ތަންތަނުގެ ހާލަތު ދަށްކަމާއި، ތޮއްޖެހިގެން ބިދޭސީންނެއް ގެންގުޅުމުގެ ސަބަބުން ކޯވިޑް-19 ފެތުރޭ މިންވަރުވެސް އިތުރުވެ، އެކަމުގެ ނޭދެވޭ އަސަރު ދިވެހި އާބާދީއަށްވެސް ކުރާނެ ކަމަށް ފައްޔާޒު ވަނީ ފާހަގަކުރައްވާފައެވެ. އަދި ބިދޭސިން ލައްވާ މަސައްކަތް ކުރުވާ މުސާރަ ނުދިނުމުގެ މައްސަލައަކީ ވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން އެ މައްސަލަތަކަށް ހައްލު ހޯދުމަށް ބިދޭސީން މަސައްކަތްތަތެރިންނާއި ބެހޭ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ފައްޔާރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ބައެއް މީހުން ޑީޕޯޓު ކުރި ވާހަކައަކީ ރަނގަޅު ވާހަކައެއް ކަމަށާއި ޑީޕޯޓު ކުރިކަމަށް މައުލޫމާތު ލިބިފައިވަނީ އިހުތިޖާޖު ކުރުމަކުން ނޫން ކަމަށެވެ.

އެގޮތުން ޑީޕޯޓުކޮށްފައިވަނީ ފުލުހުންނާއި ސިފައިންނަށް އެޓޭކް ކޮށް މާރާމާރި ހިންގާ ތުހުމަތު ކުރެވޭ މަދު ބައެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މުޒާހަރާކުރި ގިނަ ފަރާތްތައް އެބަތިބި. އެފަރާތްތަކުގެ ހައްގުތައް ހޯދައިދޭން ގާނޫނުގެ ތެރެއިން އެބަ މަސައްކަތްކުރެވޭ. ކޯޓުތަކުގައި މައްސަލަތައް އެބަ ކުރިއަށްދޭ. އެކަމުގައި މީޑިއޭޓަރެއްގެ ރޯލު އަދާކޮށްގެން ހައްލުކުރެވޭނެތޯ ލޭބާ ރިލޭޝަންސް އޮތޯރިޓީ މެދުވެރިކޮށް މަސައްކަތް ކުރަމުން މިދަނީ. ރާއްޖޭގައި މަސައްކަތްކުރުމަށް ގެނެވޭ ބިދޭސީން މަސައްކަތްތަތެރިންނާއި ބެހޭ އައު ޤަގަވާއިދު އަންނަ ހަފްތާގެ ތެރޭގައި ގެޒެޓުކުރެވޭނެ. އެ ގަވާއިދުގެ ތެރެއިން މިހާރު ހުރި ބިދޭސީންގެ ގިނަ މައްސަލަތަކަކަށް ހައްލު ލިބިގެންދާނެ
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް

މާލޭގައި ބިދޭސީން ވިޔަފާރިކުރަން ތިބޭ ކަމުގެ ޝަކުވާ އަކީވެސް ބޮޑު މައްސަލައެއް ކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ އެފަދަ ގިނަ ތަންތަނަކީ ކޮންމެވެސް ދިވެއްސެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ތަނެއްކަމުން، އެކަމުގައި ފިޔަވަޅު އެޅުމުގައި ގޮންޖެހުން ކުރިމަތިވާ ކަމަށެވެ. އަދި އާ ގަވައިދުގެ ދަށުން އެފަދަ ވިޔަފާރިތައް ކުރެވޭނެ އުސޫލު ހިމަނާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ އެމިނިސްޓްރީން ކުރިއަށްގެންދާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމު ކޯވިޑްގެ ސަބަބުން އެކަށީގެންވާގޮތެއްގައި ކުރިއަށް ނުގެންދެވި އޮތުމަކީބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުމެއްކަމަށެވެ.

ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިކޮނޮމިކް މިނިސްޓަރު ވަނީ މި އަހަރުގެ ތެރޭގައި 20،000 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ސިފައިން ހޯދާފައިވާ މައުލޫމާތުތަކުން އެނގޭގޮތުގައި ރާއްޖޭގައި 250،000 ވުރެ ގިނަ ބިދޭސީން އުޅެއެވެ. ރާއްޖޭގައި 179،954 ބިދޭސީން ރަޖިސްޓަރީ ވެގެން އެބަ އުޅޭއިރު، 66،000 އަށް ވުރެ ގިނަ ބިދޭސީންނަކީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނެވެ.