އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލްއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްވަރުވާގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވައިފިއެވެ.

އެމްނެސްޓީއިން މިއަދު ފޮނުވި ސިޓީގައި ވަނީ އަދީބަށް ގަވައިދުން ބޭސްފަރުވާ ލިބިގަތުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ގޮވާލައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ގޮތުން އަދީބަކީ ގްލޫކޯމާ، ކިޑްނީ ސްޓޯން އުފެދުން، ސްލީޕް އެޕްނިއާ، އެތެރެ ހަށީގައި ސިސްޓު އުފެދުން އަދި ހޭނެތުން ފަދަ ސިއްހީ މައްސަލަތައް ހުންނަ މީހެއް ކަމަށް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

ގައިދީންނަށް ބޭސްފަރުވާ ފޯރުކޮށް ނުދިނުމަކީ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ރާއްޖެއަށް ލާޒިމުވާ ކަންކަމާ ހިލާފު ކަމެއް ކަމަށާއި އިންޓަނޭޝަނަލް ކޮވަނެންޓް އޮން އިކޮނޮމިކް ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސްގެ ދަށުން އިންސާނުންނަށް ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ލިބުމުގެ ހައްގު ހޯދައި ދިނުމަށް މަސައްކަތް ކުރަން ޖެހޭނެކަން އެމްނެސްޓީން ބުނެއެވެ. އަދި ގައިދީންނަށް ސިއްހީ ފަރުވާ ދިނުމަކީ ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުންވެސް ލާޒިމު ކަމެއް ކަމަށް އެމްނެސްޓީން ބުނެއެވެ.

ހަމައެއާއެކު ޖަލުތަކަކީ ކޮވިޑް-19 ވައިރަސް ފެތުރެން ފަސޭހަ ތަންތަންކަން ފާހަަކޮށް އެކަންކަމާ މެދު ސަމާލުވުމަށްވެސް އެމްނެސްޓީން ބުނެއެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި އަދީބުގެ މައްޗަށް އެންމެ ފުރަތަމަ ދައުލަތުން އުފުލި 30އަށް ވުރެ ގިނަ ދައުވާ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ބޭރުކޮށްލިއެވެ. އެފަހުން އޭނާގެ މައްސަލަ އަލުން ތަހުގީގުކޮށް ކުރީ ހަތް ދައުވާއެވެ. އެއީ އަދީބާއެކު ދައުލަތުން ހެދި ޑީލްއެއްގެ ދަށުންނެވެ. އެ ޑީލްގެ ދަށުން އަދީބަށް ބޭސްފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ފުރަންވެސް ފުރުސަތު ދެނެވެ. އަދި އިއުތިރާފު ވާން އަދީބު އެއްބަސްވެސްވިއެވެ.

އެގޮތުން މި ސަރުކާރުން ވަނީ މިދިޔަ އަހަރުތެރޭގައި ބޭސް ފަރުވާއަށް އަދީބު އިންޑިއާއަށް ފޮނުވާފައެވެ. އަދީބުގެ ލޮލުގެ ބައްޔަށް ފަރުވާ ހޯއްދެވީ އިންޑިއާގެ ޕޫނާގައި ހުންނަ ރޫބީ ހޯލް ކްލިނިކުންނެވެ. އޭނާއަށް ފަރުވާ ދިން ޑޮކްޓަރު، ޑޮކްޓަރު ޝްރުތިކާ ކަންކާރިޔާ އިންޑިއާގެ ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި މިދިޔަ އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް އެ ހޮސްޕިޓަލްގައި އަދީބަށް ވަނީ ފަރުވާ ދީފައެވެ. އޭނާ ބެލެމަށް ފަހު އެ ޑޮކްޓަރު ވަނީ 6 މަސް ފަހުން އަނބުރާ ދައްކަން ވަޑައިގަތުމަށް ލަފާދީފައެވެ.

މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އަދީބުގެ މައްޗަށް ކޮށްފައިވާ ހަތް ދައުވާ ބާތިލްކުރުމާއެކު އަދީބު ވަނީ މިނިވަންވެފައެވެ. އަދީބު މިނިވަން ވުމާއެކު ވަނީ އަދީބަށް ފުރާވަޑައިގަތުން މަނާކޮށް އޭނާގެ ޕާސްޕޯޓު ހިފަހައްޓަށް ކޯޓު އަމުރެއް ވެސް ނެރެފައެވެ. ކްރިމިނަލް ކޯޓުން އަދީބުގެ މައްޗަށް ކުރި 7 ދައުވާ ބާތިލް ކުރި ނިންމުން ދައުލަތުން ވަނީ ފަހުނ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަދި އެ އިސްތިއުނާފު މައްސަލައިގެ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބަހައްޓައި ދިނުމަށް ދައުލަތުން އެދުނެވެ.

ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައިވެސް އަދީބު ވަނީ އޭނާގެ ސިއްހީ މައްސަލަތައް ފާހަގަކުރައްވައި ޖަލަށް ބަދަލު ނުކުރުމަށް އެދިވަޑައިގެންފައެވެ. އެގޮތުން ސްލީޕް އެޕްނިއާގެ ސަބަބުން އޭނާ މިހާރު ނިދަންވެސް ޖެހެނީ މެޝިނެއް ގުޅައިގެންކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.