ކޮވިޑް-19 ފެނި، މިހާރު އެކްޓިވް ކޭސްތައް ފެނިފައިވާ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރު ކޮށްފިއެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ހަވީރު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އައިޝަތު ސާމިޔާ ވިދާޅުވީ، ކޮވިޑް ބަލި ފެތުރޭ ރަށްރަށުގައި މާސްކު އެޅުމަކީ މަޖުބޫރު ކަމެއް ކަމަށެވެ.
ހަމައެއާއެކު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް މާސްކް އެޅުމަށާއި މާސްކް އަޅާއިރު ފޮތި މާސްކް އެޅުމަށް އިލްތިމާސްކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގައި އެހާ ގިނަ ބަޔަކު އެއްފަހަރާ މާސްކް އަޅަން ޖެހުމުން މާސްކް ލިބުމުގައި ދަތިތަކެއް އުޅޭނެ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ފޮތިމާސްކް އެޅުން އެންމެ ރަނގަޅު ކަމަށާއި އެ ގޮތުންވެސް ބަލި ޖެހުމުން ރައްކާތެރިވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑް ބަލި ފެތުރޭ ރަށްރަށުގައި މާސްކު އެޅުމަށް މަޖުބޫރުކޮށްފައިވާ އިރު، އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރާ ހުރިހާ އުޅަނދެއްގައި ދަތުރުފަތުރު ކުރާ ވަގުތު މާސްކް އެޅުން މަޖުބޫރުކަމަށް އެޗްއީއޯސީން ބުނެއެވެ.
މިހާރު ކޮވިޑް ފެތުރެމުންދާ މި ހާލަތުގައި ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތައް އަޅާފައިވާއިރު މާލެ ސަރަހައްދުގައި ތިބި މީހުން ރަށްރަށަށް ދާން ބޭނުންވި ނަމަވެސް ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ފުރަބަންދުގެ ކަރަންޓީނަށް ދެވޭނީ ކޮންމެހެން ދާން ޖެހޭ ފަރާތްތަކަށް އެކަނި ކަމަށް ސާމިޔާ ވިދާޅުވިއެވެ. އެ ގޮތަށް އަމަލު ކުރަން ނިންމާފައިވަނީ މިހާރު 10 ރަށެއްގައި ކޮވިޑް ބައްޔަށް ޕޮޒިޓިވް ކޭސް ފެނިފައި ވުމުން ކޮވިޑް ކޭސް ރަށްރަށުގައި ފެތުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށް ވެސް އެޗްއޯސީން ބުނެއެވެ.