މ.ދިއްގަރު ބޯޓެއްގެ 4 ފަޅުވެރިއަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

މިކަން މ. ދިއްގަރު ކައުންސިލުން ވަނީ 'ދަ ޕްރެސް' އަށް ކަށަވަރު ކޮށްދީފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ދިއްގަރު ކައުންސިލްގެ މެންބަރު އިމްރާން އިސްމާއިލް ވިދާޅުވީ ދިއްގަރު ބޯއްޓެއްގައި މަސައްކަތް ކުރާ 4 ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެކަން އެނގިފައި ވަނީ މިއަދު ކަމަށެވެ.

އެ މީހުން ޕޮޒިޓިވްވި ކަން އެނގުނީ މާލެ އިން ފުރައިގެން މ އަތޮޅަށް ބޯޓު ދަތުރު ކުރަމުން ދަނިކޮށްކަމަށާއި ޕޮޒިވިކަން އެނގުމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ބޯޓު އަނބުރާ މާލެ އަށް އައުމަށް އަންގާފައި ވުމުން މިހާރު ދަތުރުކުރަމުން ދަނީ މާލެއަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ބޯއްޓު އައި ރަށާ ކޮޅަށް ނަމަވެސް، ޕޮޒިޓިވްވި ކަން އެނގުމުން އަނބުރާލާފަ މާލެއަާ ކޮޅަށް މިހާރު ދަތުރުކުރަމުން ދަނީ އެޗްޕީއޭގެ އެންގުމަށް" އިމްރާން

ދިއްގަރު ބޯއްޓަކުން ބަޔަކު ޕޮޒިޓިވް ވެފައި ވާއިރު، ހއ. ކެލާ "ސަވާރީ" ބޯޓުގެ ކައްޕި ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭނާ ޕޮޒިޓިވް ވެފައި ވަނީ ކޮވިޑްގެ އަލާމާތްތައް ފެނި ދަތުރުމަތީގައި ހދ ނޮޅިވަރަންފަރަށް ޖައްސާ ހެދި ޓެސްޓުންނެވެ. މައުލޫމާތު ލިބިފައި ވާ ގޮތުގައި، ބޯޓުގެ ކައްޕީގެ އިތުރުން، ފަޅުވެރިންނަށް އުޅޭ ބައެއް މީހުންގެ ކިބައިންވެސް އޭރު އަލާމާތް ފެންނަމުން ދިޔައެވެ.

ހއ. އިހަވަންދޫއިން "242" ނަމަކަށް ކިޔާ ބޯޓަކުން އެ ރަށަށް ދިޔަ ފަރާތެއްވެސް ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އެ ބޯއްޓުން އަތުރުކުރި އިތުރު ދެ މީހަކުވެސް ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ އިތުރުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް (ޔުއާރްއެޗް)ގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ފޮނުވާލި ބަލި މީީހަކުވެސް މިއަދު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވެފައެވެ.