ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު 92 އަށް އަރައިފިއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 92 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ.

އޭގެ ތެރެއިން 87 މީހުންނަށް ފަރުވާ ދެމުން ދަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކަމަށެވެ. މީގެ އިތުރުން އައިޖީއެމްއެޗްގެ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް 11 ގައި އެކަކަށް ފަރުވާ ދެމުންދާ ކަމަށާއި ޑީއެޗް 16 ގައި ތިން މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ. އަދި ބ.އޭދަފުށީ ކޮވިޑް ފެސިލިޓީގައި އެކަކަށް ފަރުވާ ދެމުން އަންނައިރު، ށ. ފުނަދޫ ކޮވިޑް ސެންޓަރުގައި ވެސް ދެ މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ.ނަޒްލާ ވިދާޅުވީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ހަ މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށެވެ. އޭގެ ތެރެއިން ފަސް މީހަކަށް ފަރުވާ ދެނީ ހުޅުމާލެ މެޑިކަލް ފެސިލީޓީގައެވެ. ދެ މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ވެސް އެކަކަށް ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، އިއްޔެ އަކީ ރާއްޖޭގައި 24 ގަޑިއިރު ތެރޭ ކޮވިޑް ކޭސް އެންމެ ގިނައިން ފެނިފައިވާ ދުވަހެވެ. އެގޮތުން އިއްޔެ އެކަނި ރާއްޖެއިން 215 ކޭސް ފެނިފައި ވެއެވެ. އޭގެ ތެރޭގައިވެސް ގިނައީ ދިވެހިންނެވެ. މިއަދު ޖުމްލަ 149 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ. މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ޖެހުނު ދިވެހިންގެ އަދަދު 1785 އަށް ވަނީ އަރާފައެވެ.

ޑރ. ޝީނާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކުރިއަށް އޮތް 5 މަސްދުވަހުގެ ތެރޭގައި ރާއްޖެއިން 5445 މީހަކަށް ކޮވިޑް ޖެހުމުގެ ފުރުސަތު އެބައޮތެވެ. އެގޮތުން ކޮވިޑްގެ ހާލަތު އެންމެ ގޯސް ވަނީ މި މަހު ކަމަށް ލަފާ ކޮށްފައި ވާއިރު، މިމަހު އެކަނި 2373 މީހަކަށް ބަލި ޖެހޭނެއެވެ. އެއީ ދުވާލަކަށް 170 މީހުންނެވެ. އަދި މި މަހު 475 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭނެ ކަމަށްވެސް ޑރ. ޝީނާ ލަފާ ކުރައްވައިފައި ވެއެވެ.

ސެޕްޓެމްބަރު މަހަަށް ބަލާއިރު، ޖުމްލަ 1464 މީހަކަށް ޖެހޭނެ ކަމަށް ލަފާކޮށްފައި ވެއެވެ. އެއީ ދުވާލަކު 105 މީހަކަށް ކަމަށްވާއިރު، އޭގެ ތެރެއިން ޖުމްލަ 293 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭނެ ކަމަށް ޑރ.ޝީނާ ލަފާ ކުރައްވައިފައި ވެއެވެ. އޮކްޓޫބަރު މަހަށް ބަލާއިރު، 945 މީހަކަށް ބަލި ޖެހި، 189 މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭނެ ކަމަށް ލަފާކޮށްފައި ވެއެވެ. އޭގެ ތެރއިން ދުވާލަކު 68 މީހަކަށް ކޮވިޑް ޖެހޭނެ ކަމަށް ޑރ.ޝީނާގެ ހިސާބުތަކުން ދައްކައެވެ.

ނޮވެމްބަރު މަހަށް ބަލާއިރު، ޖުމްލަ 409 މީހަކަށް ކޮވިޑް ޖެހޭނެ ކަމަށް ލަފާކޮށްފައި ވެއެވެ. ޑިސެމްބަރު މަހު 254 މީހަކަށް ކޮވިޑް ޖެހޭނެ ކަމަށް ލަފާކޮށްފައި ވާއިރު، ކުރިއަށް އޮތް 5 މަސްދުވަހުގެ ތެރޭގައި 1090 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭނެ ކަމަށާއި އޭގެ ތެރެއިން 128 މީހަކަށް އައިސީޔޫގައި ފަރުވާ ދޭން ޖެހޭނެ ކަމަށް ޑރ.ޝީނާ ލަފާ ކުރައްވައިފައި ވެއެވެ. އައިސީޔޫއަށްލާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން މަރުވާނެ ކަމަށް ލަފާކޮށްފައިވާއިރު އެއީ 64 މީހުންނެވެ.