ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އިތުރު މީހަކު ހއ. އިހަވަންދޫއިން ފެނުމާއެކު އެރަށާއި ހދ. ނޮޅިވަރަމް ކަރަންޓީން ކޮށްފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމަތު ހެލްތް އިމަޖެންސީ އޮޕްރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ އިހަވަންދޫ މޮނިޓަރިންއަށް ލާފައި ވަނީ އެރަށުން އިތުރު މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން ކަމަށެވެ. ނޮޅިވަރަމް ކަރަންޓީނު ކޮށްފައި ވަނީ އިހަވަނދުއަށް ދިޔަ ބޯޓުން ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން، އެ ބޯޓު ނޮޅިވަރަމްއަށް ވެސް ގޮސްފައި ވާތީއެވެ.
އެޗްޕީއޭ އިން އެ ދެރަށްވެސް ކަރަންޓީން ކޮށްފައި ވަނީ މިއަދު 15:31 ހާއިރެވެ. ކައުންސިލް ތަކަށް ފޮނުވާފައިވާ ލިޔުމުގައި ވާގޮތުން ރަށުގައި މިވަގުތު ތިބި ބައެއް މީހުންގެ ކިބައިން، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނުމާ ގުޅިގެން ސިއްހީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށާއި އެކަމަށް އެއްބާރުލުން ދިނުމަށް ވަނީ އަންގާފައެވެ.
އެ ދެރަށްވެސް ކަރަންޓީން ކުރުމާ ގުޅިގެން ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި އެޗްޕީއޭގެ ހުއްދަ ނެތި ރަށަށް އެއްވެސް މީހަކު އެރުން މަނާ ވާނެއެވެ.
ފަހަކަށް އައިސް މާލެއިން އަތޮޅުތެރޭގެ ރަށްރަށަށް ގޮސް ކަރަންޓީނުގެ މުއްދަތު ހަމަ ކުރާ ބައެއް މީހުން ދަނީ ކޮވިޑަށް ޕޮޒިޓިިވް ވަމުންނެވެ. އެގޮތުން އިހަވަންދޫގެ "242" ނަމަކަށް ކިޔާ ބޯޓަކުން އެ ރަށަށް ދިޔަ މީހަކު ޕޮޒިޓިވް ވެފައި ވަނީ މިމަހުގެ އެއްވަނަ ދުވަހެވެ. އޭގެ ފަހުން ވަނީ އެ ބޯއްޓާ ގުޅުންހުރި ތިން މީހަކު އެ ރަށުން ޕޮޒިޓިވް ވެފައެވެ. 242 ބޯޓަކީ މުދާ އުފުލާ ބޯޓެކެވެ. އެ ބޯޓު އިހަވަންދޫއަށް ގޮސްފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
އަދި މާލެއާއި ކެލައާ ދެމެދު ދަތުރު ކުރާ ސަވާރީ ބޯޓު މާލެއިން ކެލައަށް ދިޔައީ މާލެ ފަޅުގައި ދެ ހަފްތާ އޮތުމަށް ފަހުއެވެ. އެ ބޯޓު ރަށަށް ދިޔަ މަގުމަތީގައި ހދ. ނޮޅިވަރަންފަރާއި، ހއ ވަށަފަރާއި އެއަތޮޅު ދިއްދުއަށް ވަނީ ގޮސްފައެވެ. ސަވާރީ ބޯޓުގެ ކައްޕި ކޮވިޑަށް ޕޮޒިޓިވް ވީ، ކޮވިޑްގެ އަލާމާތްތައް ފެނި ދަތުރުމަތީގައި ހދ ނޮޅިވަރަންފަރަށް ޖައްސާ ހެދި ޓެސްޓުންނެވެ. މައުލޫމާތު ލިބިފައި ވާ ގޮތުގައި، ބޯޓުގެ ކައްޕީގެ އިތުރުން، ފަޅުވެރިންނަށް އުޅޭ ބައެއް މީހުންގެ ކިބައިންވެސް އޭރު އަލާމާތް ފެންނަމުން ދިޔައެވެ.
އިހަވަންދޫއިން ކޮވިޑް ކޭސްއެއް ފުރަތަ ފެނުމުން އެ ރަށު ކައުންސިލުން ނެރެފައިވާ ބަޔާނުގައި ވަނީ، ޒަރޫރީ ބޭނުންތަކަށް މެނުވީ ގެއިން ބޭރަށް ނުނިކުތުމަށާއި ބޭރަށް ނުކުންނަ ނަމަ މާސްކް އަޅައިގެން ނުކުތުމަށް އަންގާފައެވެ. އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން މިސްކިތްތަކަށް ނުދިއުމަށާއި މިސްކިތްތަކަށް ދާ ފަރާތްތަކުން އަމިއްލަ މުސައްލަ ގެންދިއުމަށް ކައުންސިލުން އިލްތިމާސް ކުރެއެވެ. އަދި އިޖްތިމާއީ ގައިދުރުކަން ދެމެހެއްޓުމަށާއި އިޖުތިމާއީ ހުރިހާ ހަރަކާތެއް މި ވަގުތު މަނާކޮށްފައިވާ ކަމަށް އެ ކައުންސިލުން ބުނެއެވެ.