ރައްޔިތުން މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބޭއްވުމަށް އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ގޮވާލައްވައިފިއެވެ.
އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 ރާއްޖޭގައި ކޮންޓްރޯލް ނުކުރެވޭ ކަމަށާއި ކޮވިޑް މުޅި ރާއްޖެއަށް ފެތުރެމުންދާ މި ދުވަސްވަރު އެންމެ ރަނގަޅު ގޮތަކީ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބޭއްވުން ކަމަށެވެ. އެގޮތުން މަޖިލީހުގެ ޖަލްސާތައް އޮނަލައިން ކޮށް ބޭއްވުމަށް ގޮވާލައްވާކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް މިފަދައިން ގޮވާލައްވާފައި ވާއިރު، ރާއްޖެއިން ކޮވިޑް-19 ފެނުމާ ގުޅިގެން މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހު އޮންލައިންކޮށް މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދިޔަ ނަމަވެސް މަޖިލީހުގެ ޖަލްސާތައް މިހާރު ކުރިޔަށް ގެންދަނީ މަޖިލީހުގެ ތަޅުމުގައެވެ.
ޖަލްސާތައް ކުރިޔަށް ގެންދަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާ އެއްގޮތަށް މެންބަރުން ދުރު ދުރުގައި ތިއްބަވައިގެންނެވެ. އަދި މަޖިލީހުގެ މެންބަރުންނުން ފެށިގެން މަޖިލީހުގެ މުވައްޒަފުންވެސް ތިބެނީ މާސްކު ވެސް އަޅައިގެންނެވެ.
މަޖިލީހުގައި ޖަލްސާތައް ކުރިއަށް ގެންދާއިރު، މަޖިލީހުން ކޮވިޑަށް ވަނީ ތިން މީހަކު ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވްވި މީހުންނާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާ މަޖިލީސް ވަނީ ޑިސްއިންފެކްޓް ކޮށްފައެވެ. ނަމަވެސް ފަހުން ވަނީ މަޖިލީހުގައި ޖަލްސާތައް ބާއްވަން ފަށާފައެވެ.