ހއ. އިހަވަންދޫން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 3 އަކަށް އަރައިފިއެވެ.

މިކަން އެރަސު ކައުންސިލުގެ ރައީސް، މުހައްމަދު ރަޝީދު ވަނީ 'ދަ ޕްރެސް' އަށް ކަށަވަރު ކޮށްދެއްވާފައެވެ. ރަޝީދު ވިދާޅުވީ، ޕޮޒިޓިވްވެފައި ވަނީ "242" ނަމަކަށް ކިޔާ ބޯޓުގެ ފާޅުވެއްރިއެއް ކަމަށެވެ. އޭނާ ޕޮޒިޓިވްކަން ދެނެގަނެވިފައު ވަނީ އެ ބޯޓުން ދަތުރުކުރި މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ހެދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިންނެވެ.

އިހަވަންދުއަށް ދަތުރުކުރި 242 ބޯޓުން ދެމީހަކު ޕޮޒިޓިވްވެފައިވާއިރު، އެހެން ބޯޓަކާއި ގުޅުން ހުރި ކްލަސްޓާއަކުން ވެސް ވަނީ އެރަށުން މީހަކު ޕޮޒިޓިވްވެފައެވެ. އެރަށުން ޖުމްލަ 3 މީހަކު ޕޮޒިޓިވްވުމާއެކު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފުޅާކޮށް، އިތުރު ސާމްޕަލްތަކެއް މިއަދު ވެސް ވަނީ ނަގާފައެވެ.

ޕޮޒިޓިވްވި މީހުން ތިބީ ހޯމް ކަރަންޓީނުގައި ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

'242 ބޯޓަކީ މުދާ އުފުލާ ބޯޓެކެވެ. އެ ބޯޓު އިހަވަންދޫއަށް ގޮސްފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ބޯޓުގައި ތިބި މީހުން ކަރަންޓީން ކޮށްފައި ނުވަނީ އެމީހުން މާލެއަށް ނުފައިބާތީ ކަމަށާއި އަދި މިހާތަނަށް އެ ބޯޓުން ދަތުރު ކުރި އެއްވެސް މީހެއްގެ ފަރާތުން ބަލީގެ އެއްވެސް އަލާމަތް ފެނިފައި ނުވާ ކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ

އިހަވަންދުއިން ޖުމްލަ 3 މީހަކު ޕޮޒިޓިވްވެފައިވާއިރު، އެރަށް ވަނީ މޮނިޓަރިންގެ ހާލަތުގައެވެ. އެ ރަށު ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ، ޒަރޫރީ ބޭނުންތަކަށް މެނުވީ ގެއިން ބޭރަށް ނުނިކުތުމަށާއި ބޭރަށް ނުކުންނަ ނަމަ މާސްކް އަޅައިގެން ނުކުތުމަށް އަންގާފައެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން މިސްކިތްތަކަށް ނުދިއުމަށާއި މިސްކިތްތަކަށް ދާ ފަރާތްތަކުން އަމިއްލަ މުސައްލަ ގެންދިއުމަށް ކައުންސިލުން އިލްތިމާސް ކުރެއެވެ. އަދި އިޖްތިމާއީ ގައިދުރުކަން ދެމެހެއްޓުމަށާއި އިޖުތިމާއީ ހުރިހާ ހަރަކާތެއް މި ވަގުތު މަނާކޮށްފައިވާ ކަމަށް އެ ކައުންސިލުން ބުނެއެވެ.