ކޮވިޑް ފެސިލިޓީގައި މިހާރު ފަރުވާ ހޯދަމުންދާ މާބަނޑު އަންހެނެއްގެ ޝަކުވާތައް ހިއްސާ ކުރަމުން އޭނާގެ މުޅި އާއިލާގެ ހުރިހާ މެންބަރުން ޕޮޒިޓިވްވި އިރު ބަލީގެ އަލާމާތް ހުރި 3 ކުޑަކުދިން ކޮވިޑަށް ޓެސްޓު ނުކޮށް ލަސްވި މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެ އަންހެން މީހާގެ އާއިލާގައި ހިމެނޭ ކުޑަ ކުއްޖެއްގެ ގައިން ކޮވިޑް ބަލީގެ އަލާމަތްތައް ފެނިގެން އެކަން ރިޕޯޓު ކުރުމުން އެޗްޕީއޭއިން އޭނާއަށް ގުޅައި މައުލޫމާތު ސާފު ކުރި ކޯލްގެ ރެކޯޑިންއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ކޯލުގެ ރިކޯޑިންގައި އެޗްޕީއޭގެ ފަރާތުން މައުލޫމާތު ސާފުކުރަން ގުޅި މީހަކު ވަނީ ކުއްޖާގެ ގައިން ބަލީގެ އަލާމާތުގެ ގޮތުގައި ފެންނަ ކަންކަން ތަފްސީލް ކޮށް ކިޔައިދިނުމަށް އެދިފައެވެ. އަދި އެ މައުލޫމާތު ހޯދުމަށް ފަހު އެޗްޕީއޭއިން ޓެސްޓު ކުރަން ދާނެ ކަމަށް އެ ފަރާތުން ބުނެއެވެ.
އެވަގުތު ޕޮޒިޓިވް ވެފައި ހުރި އަަންހެންމީހާގެ އުދާސްތައް ބޭރުކޮށްލަމުން އޭނާގެ މުޅި އާއިލާއަށް މިހާރު ކޮވިޑް ޖެހި އެންމެ ޕޮޒިޓިވް ވެފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރެއެވެ. ދެ ދުވަސް ކުރިން އޭނާގެ ދަރިފުޅުގެ ގައިން ބަލީގެ އަލާމަތް ފެނިގެން ގުޅިކަމަށް ވެސް އޭނާ ބުނެއެވެ. އެ ދުވަހުވެސް އެޗްޕީއޭގެ ފަރާތުން ސާމްޕަލް ނަގަން ދާނެ ކަމަށް ބުނި ނަމަވެސް ނުދެވިފައިވާ ކަން ފާހަގަކޮށް މިހާރު ދެން އައުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ބުނެއެވެ.
އެ އާއިލާއިން އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސް ފެނުނު ދުވަހުން ފެށިގެން މުޅި އާއިލާގެ ހުރިހާ މެންބަރުން ޓެސްޓު ކުރުމަށް އެދުނު ކަމަށާއި ހުރިހާ މެންބަރުންނަކީ ވެސް ޑައިރެކްޓް ކޮންޓެކްޓުން ކަމަށް އޭނާ ބުނެއެވެ. އެ އާއިލާގެ ބައެއް މެންބަރުން ކޮވިޑް ފެސިލިޓީއަށް ގެންގޮސްފައިވާ އިރު ގޭގައި ތިބީ ބޮޑު ތިން މީހުންނާއި ކުޑަ ހަތަރު ކުދިން ކަމަށް އޭނާ ބުނެއެވެ. އޭގެތެރެއިން މިހާރު ބޮޑަށް ތިބި ތިން މީހުންނާއި އެތަނުން އެއް ކުޑަކުއްޖެއްގެ ސާމްޕަލް ނަގައި ޕޮޒިޓިްވް ވެފައިވާ ކަމަށް އޭނާ ބުނެއެވެ. ބާކީ ތިބި ތިން ކުދިންވެސް އެހެން ވީމައި ޕޮޒިޓިވް ވާނެ ކަމަށް އޭނާ ބުނެއެވެ.
މިހާރު އެގޭގައި ސާމްޕަލް ނުނަގައި ތިބި 3 ކުދިން ކަމަށާއި އެ ކުދިންގެ ތެރޭގައި ހިމެނެނީ ވާހަކަ ދައްކާ ފަރާތުގެ ދަރިފުޅާއި 5 އަހަަރުގެ ކުއްޖަކާއި 9 މަހުގެ ކުއްޖެއްް ކަމަށް އެ ފަރާތުން ބުނެއެވެ. އަދި އެކުދިންގެ ނޭފަތަށް އެއްޗެއް ކޮށްޕައިގެން އަނިޔާކޮށްގެން ސާމްޕަލް ނެގުމުގެ އެއްވެސް ބޭނުންމެއް ނެތް ކަމަށް އޭނާ ބުނެއެވެ. މިހާރު އެ ކުދިންވެސް ތިބޭނީ ޕޮޒިޓިވް ވެފައި ކަމަށް އެނާ ބުނެއެވެ.
ޕޮޒިޓިވް ކޭސްއެއްގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ވާ ފަރާތެއް ނަމަ ނުވަތަ ޑައިރެކްޓް ކޮންޓެކްޓެއްކަން އެނގޭނަމަ އެޗްޕީއޭއަށް އަންގަން ބުނާ ކަމަށާއި އެ އާއިލާއިން އެންގި ނަމަވެސް އެޗްޕީއޭއިން ޓެސްޓު ކޮށްފައި ވަނީ ފަހަރަކު މީހަކު ފަހަރަކު މީހަކު ވަކިވަކިން ކަމަށް އޭނާ ބުނެއެވެ.
އެ މާބަނޑު މީހާގެ ސާމްޕަލް ނަގާފައި ވަނީ ވެސް ރިކުއެސްޓް ކުރިތާ 24 ގަޑިއިރުވީ ފަހުން ކަަމަށް އޭނާ ބުނެއެވެ. އަދި އޭނާގެ ނަތީޖާ ލިބުނީވެސް އެތައް "ހަނގުރާމަ" އެއް ކޮށްގެން ކަމަށާއި ގުޅައިގެން ނަތީޖާ ނުލިބި އޮއްވާ ނަތީޖާ ލިބޭ ގޮތްވީ ބަލިވެގެން ސީދާ އައިޖީއެމްއެޗަށް ދިއުމުން ކަމަށް އޭނާ ބުނެއެވެ.
ކޮވިޑް ފެސިލިޓީއަށް އޭނާ ގެންގޮސް އެޑްމިޓް ކުރި އިރު އޭނާއަކީ އަންނަ މަހުގެ 27 ވަނަ ދުވަހު ވިހާނެ ކަމަށް ޑޮކްޓަރުން ޑިއުޑޭޓް ދީފައިވާ ފަރާތެއް ކަމަށް އެނާ ބުނެއެވެ. ނަމަވެސް އެ ފެސިލިޓީގައި އޭނާގެ ބަނޑުގައިވާ ދަރިފުޅުގެ ވިންދުވެސް ނުބަލާ ކަމަށް އޭނާ ބުނެއެވެ. އެތަނުގައި ފާހަނާ ހުންނަނީ 5 ވަރަކަށް ފޫޓު ދުރުގައި ކަމަށާއި އަދި އޭނާއަށް ހިނގާބިނގާވެ އުޅެން އުދަނގޫވީމައި އެކަމުން ވަރަށް ތަކުލީފު ލިބޭ ކަމަށްވެސް އޭނާ ބުނެއެވެ.
ހަމައެއާއެކު ކޮވިޑް ފެސިލިޓީއަކީ އެއްވެސް ސޯޝަލް ޑިސްޓަންސެއް އޮތް ތަނެއް ނޫން ކަމަށާއި ދެ އެނދު ދެ އެނދު ހުންނަނީ ޖެހިޖެހިގެން ކަމަށްވެސް އޭނާ ބުނެއެވެ. އަދި ޕޮޒިޓިވް ވެގެން އެ ފެސިލިޓީއަށް ގެންގޮސްފައި ތިބޭތާ 10 ދުވަސްވެފައި ތިބޭ މީހުން ކައިރިއަށް މިއަދު ޕޮޒިޓިވްވާ މީހާވެސް ގެންގޮސް ވައްދާ ކަމަށް އޭނާ ބުނެއެވެ.
މި ކަމުގެ މައްސަލަ މިހާރު އެ ދާއިރާގެ މެންބަރަށް ހުށަހަޅާފައިވާ ކަމަށާއި އަދި ހެލްތް މިނިސްޓްރީއަށް ވެސް ހުށަހަޅާނެ ކަމަށް އެ އަންހެން މީހާ ބުނެއެވެ. އަދި މި ކަމުގެ ޝަކުވާތަކާއެކު ދެން ނުކުންނާނީ މަގުމައްޗަށް މުޒާހަރާ ކުރަން ކަމަށްވެސް އޭނާ ބުނެއެވެ.
ކޮވިޑް ފެސިލިޓީގައި ހުރި މާބަނޑު އަންހެން މީހާގެ ހުރިހާ ޝަކުވާތަކެއް ހިއްސާ ކުރަމުން ދިޔައިރު އެޗްޕީއޭގެ ފަރާތުން ވާހހަކަ ދައްކާ ފަރާތުން ހުރީ އެއްވެސް ޖަވާބެއް ނުދީ އެ ވާހަކަތައް އަޑު އަހާށެވެ.
މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެޗްއީއޯސީން ބުނީ، ކޮވިޑް ފެސިލިޓީތަކުގައި ތިބޭ މާބަނޑު މީހުންގެ ބަނޑުގައިވާ ދަރިފުޅުގެ ވިންދު ބަލާނެ ކަމަށާއި ކޮވިޑް ފެސިލިޓީގައި ސޯޝަލް ޑިސްޓަންސް ބަހައްޓަން އެނދުތައްވެސް ބަހައްޓާފައި ހުންނާނީ ވަކި ދުރުމިނެއްގައި ކަމަށެވެ. އަދި މިހާރު ކޮވިޑަށް ނެގެޓިވް ވެފައި ތިބޭ މީހުންނާއި ޕޮޒިޓިވް ކޭސްތައް އެއް ސަރަަހައްދެއްގައި ނުބައިތިއްބާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
އަދި މިކޭސް އާ ގުޅިގެން ޕޮޒިޓިވްވި ފުރަތަމަ ކޭސް އައުމާއެކު އެ އާއިލާގެ މެންބަރުންނަށް އެޗްޕީއޭއިން އެޓެންޑް ވި ކަމަށާއި އެކަމުގައި ބޮޑަށް ބަލާފައި ވަނީ އަލާމަތް ހުރި މީހުންނާއި ހައި ރިސްކް މީހުންނަށް ކަމަށް އެޗްއީއޯސީން ބުނެއެވެ. އަދި މިފަދަ ހާލަތްތަކުގައި ބަލި މީހުންގެ ފަރާތުން ކަންބޮޑުވުންތަކާއި ޝަކުވާތައް އަންނާނެ ކަން އެނގޭ ކަމަށާއި ކޮންމެ ކަމެއްވެސް ކުރިއަށް ގެންދަން ވަގުތު ކޮޅެއް ނަގާނެ ކަމަށް އެޗްއީއޯސީން ބުނެއެވެ.
ހަމަ ވެދާނެ. ކީއްވެ ދޮގު ހަދަންވި