ލ. ގަމު ބަނދަރުގައި އޮތް ފުލުހުންގެ ލޯންޗުގައި ރޯކޮށްލި މައްސަލައިގައި މޫސާ އިނާސްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ދައުވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ، މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހު ލ. ގަން، ތުނޑި ބަނދަރު ސަރަހައްދުގައި އޮތް މޯލްޑިވްސް ޕޮލިސް ސާވިސްގެ ލޯންޗެއްގައި ގަސްދުގައި އަލިފާން ރޯކޮށްލި މައްސަލާގައި ދައުވާ ކުރަނީ ލ. ގަން، ތުނޑި، ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސްގެ މައްޗަށްް ކަމަށެވެ.
އެގޮތުން އޭނާ ގެ މައްޗަށް ގާނޫނު ނަންބަރު: 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި ދައުވާ ސާބިތު ވެއްޖެނަމަ އަދަބެއްގެ ގޮތުގައި، 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލާނެ ކަމަށް ޕީޖީން ބުނެއެވެ.
މޫސާ އިނާސް ދިރިއުޅޭ ގެ، ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން ބަލައި ފާސް ކުރިއިރު ފެނުނު ލެޕްޓޮޕެއްގެ ހާޑްޑިސްކް ތަހްލީލް ކޮށްފައި ވެއެވެ. އަދި އެ ލެޕްޓޮޕުން ޓެރެރިސްޓް ޖަމާއަތްތައް ކަމަށްވާ އިސްލާމިކް ސްޓޭޓާއި އަލްގައިދާއަށް ތާއިދު ކުރާކަން ދޭހަކޮށްދޭ ލިޔުންތަކާއި ވީޑިއޯ ފެނިފައިވާ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.
މި މައްސަލާގައި މޫސާ އިނާސްއާއި، ލ. ގަން، ތުނޑި، ލަވްސައިޑް އަބްދުއްލަތީފް އިބްރާހީމްގެ މައްޗަށް ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާ މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ޕީޖީން ބުނެއެވެ.
އެ މައްސަލައިގެ ހެކި ނައްތާލާފައި އަބްދުއްލަތީފްގެ މައްޗަށް ލ. ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާއަށް އޭނާ ވަނީ އިއުތިރާފްވެފައެވެ. އެހެންކަމުން އަބްދުލްލަތީފް އެއް އަހަރާއި 12 ދުވަހަށް ޖަލަށްލުމަށް މި މަހުގެ 6 ވަނަ ދުވަހު ކޯޓުން ވަނީ ހުކުމްކޮށްފައެވެ.