ކަރެކްޝަނުގެ ބެލުމުގެ ދަށުގައި ހުރި ޔަމަންގެ ޔާސިރު ޔަހުޔާ މަރުވެއްޖެއެވެ. "ދަ ޕްރެސް" އަށް މައުލޫމާތު ދިން މަސްދަރުން އެކަން ވަނީ ޔަގީން ކޮށްދީފައެވެ.
މީގެ ކުޑަ އިރުކޮޅެއްގެ ކުރިން އޭނާގެ ހާލު ކްރިޓިކަލްވެގެން ސީޕީއާރުވެސް ވަނީ ދީފައެވެ.
މި ކަމާ ގުޅިގެން ކަރެކްޝަނުން ބުނީ އޭނާ މަރުވިކަން ހޮސްޕިޓަލުން ޔަގީންކޮށް ދިނީމައި ބަޔާނެއް ނެރޭނެ ކަމަށެވެ.
ދިވެއްސަކާ އިނދެގެން ދަރިއަކުވެސް ލިބިފައިވާ ޔާސިރު ޔަހުޔާ ހުރީ، ރާއްޖޭގެ އިމިގްރޭޝަން ގާނޫނާ ޚިލާފު ވެގެން ރާއްޖެއިން ފުރުވާ ލެވެންދެން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދު ކޮށްފައެވެ. އޭނާ އެތާ ހުރެ ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ދެފަހަރަކު ހެދިއެވެ. އަދި ފަހުން ހާލު ބޮޑުވެގެން މަރުވުމާ ހަމައަށް ފަރުވާ ދެމުން ދިޔައީ އިއިޖީއެމްއެޗްގައެވެ.
ޔާސިރު ޔަހުޔާ މަރުވީ އޭނާ ކެއުމަށް އިންކާރުކުރުމުގެ ސަބަބުން ހާލު ސީރިއަސް ވަމުން ދާކަމަށް ފެންނާތީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރު 16:30 ވަނިކޮށް ކަމަށް ވަނީ އެނގިފައެވެ. އޭނާ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
ޔަހުޔާއަކީ ޓެރަރިޒަމާ ގުޅުން ހުރި ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައި ހުރި މީހެކެވެ. އޭނާގެ ތަފާތު ޓްރެކް ރެކޯޑް އޮތް އިރު ޓެރަރިޒަމާ ގުޅުން ހުރި މައްސަލަތަކުގައި ރާއްޖެ ނޫން ގައުމުތަކުގައިވެސް އޭނާ ބަނދު ކުރިއެވެ.
އަދި އޭނާއަކީ ޓެރަރިޒަމާ ގުޅުން ހުރި މީހެއް ކަން އެނގިގެން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔައީ މާޗް 3، 2017، ގައެވެ. އެއަށް ފަހު ދައުވާއެއް ނުކޮށް ބަންދުކޮށްފައި ބެހެއްޓުމުން، އޭނާ މީގެ ކުރިންވެސް ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރިއެވެ. އެފަހަރު ހާލު ދެރަވެ އައިޖީއެމްއެޗްގައި އައިވީ ގުޅައިގެން ފަރުވާ ދީފައިވެސް ވެއެވެ. އެފަހުން އޭނާ ކާން ފެށިކަމަށް ކަމާބެހޭ އިދާރާތަކުން މީގެ ކުރިން ވަނީ ބުނެފައެވެ.
ޔަހުޔާ ހައްޔަރު ކުރީ، އޭނާ ދޫކޮށްލާފައި ހުރެއްޖެ ނަމަ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުން ވެދާނެ ކަމަށް ބެލެވޭތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައި ވެއެވެ.
ޔާސިރުގެ ކަޑުކަމާކެމީގެ ކަންކަން އިންތިޒާމު ކޮށްފައި އޮތް ގޮތެއް އަދި ސާފެއް ނުވެއެވެ.