އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް 1.8 މިލިއަން ދިވެހި ރުފިޔާގެ އަގުހުރި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ހަދިޔާކޮށްފިއެވެ.

ޖުލައި މަހުގެ 28 ވަނަ ދުވަހު ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި ހުންނަ އޮސްޓްރޭލިއާ ހައިކޮމިޝަންގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް ހޮލީއާއި އޮސްޓްރޭލިއާގެ ޑިފެންސް އެޑްވައިޒާ، ގްރޫޕް ކެޕްޓަން ޝޯން އަންވިންއެވެ. އަދި މިތަކެއްޗާއި ހަވާލުވެވަޑައިގަތީ ކޮޅުނބުގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުއްރައްޒާގު އާއި ޑިފެންސް އެޑްވައިޒަރު ލޓ. ކލ. އިސްމާއިލް ނަސީރުއެވެ.

އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން އޮސްޓްރޭލިއާ އަސްކަރިއްޔާއިން ވެދިން މި އެހީތެރިކަމަށްޓަކައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ސަފީރު އުމަރު އަބްދުއްރައްޒާގު ވަނީ އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. ކޮވިޑް-19 އާ ދެކޮޅަށް ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އޮސްޓްރޭލިއާއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 12 ހާސް އޯވާއޯލް އާއި، 2 ލައްކަ އަންގިއެވެ. މިތަކެތި އުފައްދާފައިވަނީ އޮސްޓްރޭލިއާގެ އަންސެލް ކުންފުނިންނެވެ.

އޮސްޓްރޭލިއާއިން ރާއްޖެއަށް ޕީޕީއީ ހަދިޔާކޮށްފައިވާއިރު، ކޮވިޑް-19 އިން ރައްކާތެރިވުމަށް އެމެރިކާ ސަރުކާރުން ވެސް ވަނީ ރާއްޖެއަށް ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓްސް ހަދިޔާކޮށްފައެވެ. މިތަކެތި ދިވެހި ސަރުކާރާއި ހަވާލުކޮށްފައިވަނީ ކޮލޮމްބޯގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގައެވެ. އެމެރިކާ ސަރުކާރުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ، އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލީޒެވެ. ދިވެހި ސަރުކާރުގެ ފަރާތުން މިތަކެއްޗާއި ހަވާލުވެ ވަޑައިގަތީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އޮމަރު އަބްދުލް ރައްޒާގެވެ.

އެމެރިކާއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ޕްރޮޓެކްޓިވް ކަވާރޯލް، ލެޓެކްސް ގްލަވްސް، ސޭފްޓީ ގޮގްލްސް އަދި ސާޖިކަލް އަންގިއެވެ. މިރަސްމިއްޔާތުގައި އެމެރިކާ އެމްބަސީގެ އިސް ބޭފުޅުންނާއި ދިވެހި އެމްބަސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.