ހެލްތް ކެއާ ވޯކަރުންގެ ތެރެއިން 37 ފަރާތެއް ޖުލައި މަހު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަ ދައްކަވަމުން ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ ހެލްތު ކެއާ ވޯކަރުންގެ ތެރެއިން މިހާތަނަށް ޖުމްލަ 64 ފަރާތެއް ޕޮޒިޓިވް ވެފައިވާ ކަމަށާއި އޭގެ ތެރެއިން މިދިޔަމަހު 37 ފަރާތެއް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އޭގެ އިތުރުން މީހާތަނަށް 67 ޕޮލިހުން ޕޮޒިޓިވް ވެފައިވާ ކަމަށާއި މިދިޔަ މަހު 21 ޕޮލިހެއް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ޑރ. ނަޒްލާ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިއަދު ހަ ޕޮލިހެއް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ޑރ. ނަޒްލާ ވަނީ ފާހަގަ ކުރައްވާފައެވެ.

ފޮރޮންޓްލައިންގައި މަސަސްކަތް ކުރާ މީހުންގެ ތެރެއިން ފުލުހުންގެ އިތުރުން ސިފައިންވެސް ކޮވިޑަށް ޕޮޒިޓިވް ވެއެވެ. ނަމަވެސް ސިފައިންގެ ޖުމްލަ އަދަދެއް ހާމައެއް ނުކުރެއެވެ.

ފޮރޮންޓްލައިންގައި ގިނަ ބަޔަކު މަސަައްކަތް ކުރާ އިރު، އެމީހުންނަށް ދޭން ޖެހޭ ފްރަންޓްލައިން އެލަވަންސް މިދިޔަ ބުދަ ދުވަހުން ފަށައިގެން ދޭން ފަށާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން މިހާތަނަށް 220 ފަރާތަކަށް 2.9 މިލިއަން ރުފިޔާ ވަނީ ދީފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި އިތުރު ފަރާތްތަކަށް އެލަވަންސް ދިނުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށް ދާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އިތުރު ފަރާތްތަކަށް އެލަވަންސް ދިނުމުގެގޮތުން ޑޭޓާ ވެރިފިކޭޝަން އާއި އެޕްރޫވަލްގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތް ނިމުމާއެކު އިތުރު ފަރާތްތަކަށް އެލަވަންސް ދޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ރާއްޖެއިން މިހާތަނަށް 3949 މީހަކު ޕޮޒިޓިވް ވެފައިވާއިރު މިއަދު އެކަނިވެސް 156 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ރާއްޖެއިން އެ ބަލި ޖެހިގެން 16 މީހަކު ވަނީ މަރުވެފައެވެ.