ފެން ކުންފުނި ކަމަށްވާ މާލެ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ)ގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް އަމާޒުކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ 10 ނަސީބުވެރިންނަށް "އެއްހާސް" ރުފިޔާގެ ގިފްޓް ކާޑެއް ލ؛ބޭނެއެވެ. "1ހާސް1ހާސް!" ގެ ނަމުން ނަން ދީފައިވާ މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.

ފެން ކުންފުނިން ބުނީ، މި މުއްދަތުގެ ތެރޭގައި ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ހުރިހާ ފެންބިލަކަށް ފައިސާ ދައްކާ ހަލާސް ކުރާ ކޮންމެ ފަރާތަކަށް ވެސް "1ހާސް1ހާސް!" ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. އަދި ވަކި މަސްމަހަށް ބަހާލައިގެން ޑިއު ބިލްތަކަށް ފައިސާ ދައްކާ ހަލާސް ކުރާ ފަރާތްތަކަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރި ވެވޭނެ ކަމަށް ފެން ކުންފުނިން ބުނެއެވެ.

ހަމައެހެންމެ ރ. ދުވާފަރުގެ ޔުޓިލިޓީ ބިލްގައި ހިމެނޭ ހުރިހާ ހިތުމަތްތަކެއްގެ ބިލްތައްވެސް މި ޕްރޮމޯޝަނުގައި ހިމެނޭ ކަމަށް ފެން ކުންފުނިން ބުނެއެވެ. އެ ކުންފުނިން ބުނީ، "ހާސް ހާސް" ޕްރޮމޯޝަނުގައި ބައިވެރިވުމަށް އެމްޑަބްލިއުއެސްސީގެ މޯބައިލް އެޕާއި، އޮންލައިން ޕްލެޓްފޯމު މެދުވެރިކޮށް އަދި ޗެކާއި ނަގުތު ފައިސާއިން ވެސް ކަސްޓަމަރުންނަށް ފެން ބިލު ދެއްކޭނެ ކަމަށެވެ.

މި ޕްރޮމޯޝަނަކީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން އެމްޑަބްލިއުއެސްސީގެ ފެނާއި ނަރުދަމާގެ ހިދުމަތް ދޭ ކ. މާފުށި، ރ. ދުވާފަރު އަދި ހދ. ކުޅުދުއްފުށީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.