ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތައް އަޕްގްރޭޑްކޮށް އިތުރު ހަރަދަކާ ނުލައި ޑޭޓާއި ސްޕީޑް އިތުރުކޮށްފިއެވެ.
ދިރާގުން ބުނީ، މިއަދު އެކުންފުނީގެ ހޯމް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ތައާރަފުކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރު ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލާ އިތުރު ޑޭޓާ އާއި ސްޕީޑް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ. ވޭތުވެ ދިޔަ މަސްތަކުގައި ކަސްޓަމަރުން އިންޓަނެޓް ބޭނުން ކުރާ މިންވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާތަން ފެނުމާއެކު، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށާއި ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި ހޯމް ފައިބާ އިންޓަނެޓް ޕެކޭޖަތަކުން އިތުރު ޑޭޓާ އަދި ސްޕީޑް ލިބޭނެ ގޮތަކަށް ޕެކޭޖްތައް އަލުން ފަރުމާކުރީ ކަމަށް ދިރާގުން ބުނެއެވެ.
ޕެކޭޖްތަކުގެ އަޕްގްރޭޑްތަކާއެކު ކަސްޓަމަރުންނަށް 20 ޕަސެންޓާއި 65 ޕަސެންޓާ ދެމެދުގެ އިތުރު ޑޭޓާ އަދި މިހާރަށް ވުރެ ރަނގަޅު ސްޕީޑްވެސް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ. ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑްގެ ހުރިހާ ޕެކޭޖްތަކެއްގެ އަޕްގްރޭޑް އޮގަސްޓް މަހުގެ ފުރަތަމަ ހަފުތާގައި ނިމޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ދިރާގު ޗީފް މާކެޓިން އޮފިސާ މަހުމޫދު ދައްސަރު ވިދާޅުވީ ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަށް މި ގެނައި ބަދަލަކީ ދިރާގުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ހައި ސްޕީޑް އިންޓަނެޓް ހެޔޮ އަގެގައި ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރާ ކަމެއް ކަމަށެވެ. އަދި މި ގެނައި ބަދަލާއެކު ކަސްޓަމަރުންނަށް އިންޓަނެޓް މަހުފީ އިން 21 ޕަސެންޓާއި 40 ޕަސެންޓާ ދެމެދުގެ ލުޔެއް ލިބިގެންދާނެ ކަމަށެވެ.
ރާއްޖޭގެ ގިނަ ގޭބިސީތަކަށް މިހާރު ދިރާގު ފައިބާ ބްރޯޑްބޭންޑް އަޕްގްރޭޑްގެ އިތުރު ސްޕީޑް އަދި ޑޭޓާ ތަޖުރިބާ ކޮށްލެވޭނެއެވެ. އަދި ފައިބާ ބްރޯޑްބޭންޑް ހިދުމަތް ލިބޭ ހުރިހާ ރަށެއްގައި ދިރިއުޅޭ ކަސްޓަމަރުންނަށް ވެސް މި ޕެކޭޖްތައް ތަޖުރިބާ ކޮށްލުމުގެ މަގުފަހި ކޮށްދިނުމަށް ދިރާގުން ދަނީ މަސައްކަތްކުރަމުން ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން 16 ރަށެއްގައި މިހާރު ދިރާގުން ދަނީ ނެޓްވޯކް ކެޕޭސިޓީ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.