ރާއްޖޭގެ ކޮވިޑުގެ ހާލަތު ބަދަލުވަމުން ދާ ގޮތުންނާއި، ކޭސްތައް އިތުރުވާނަމަ އޮގަސްޓުގައި ސްކޫލުތައް ހުޅުވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ، މިހާރު ކޮވީޑުގެ ހާލަތު އޮތް ގޮތާއި، ކުރިއަށް އަންދާޒާ ކުރެވިފައި އޮތް ގޮތަށް ބަލާއިރު އޮގަސްޓު މެދުތެރޭގައި ސްކޫލުތައް ހުޅުވޭ ވަރުވެދާނެ ކަމަށް ދަންނަވަން އުނދަގޫ ކަމަށެވެ. އެހެން ނަމަވެސް އެކަން ނިންމަވާނީ، ކޮވިޑާ ގުޅިގެން މިހާރު އަޅަމުން ދާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަ ގޮތެއްގެ މައްޗަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ގްރޭޑް 9 އިން 10 އަކަށް މިހާރުވެސް ކިޔަވައިދެއެވެ. ނަމަވެސް ސަރުކާރުން ނިންމާފައި ވަނީ މިފެށޭ އޮގަސްޓް މަހުގެ މެދުތެރޭގައި ގްރޭޑް 7 އަދި 8 އަށް ކިޔެވުން ފަށާށެވެ. އަދި ގްރޭޑް އެކަކުން ފެށިގެން ކިޔެވުން ފެށުމުގެ ތައްޔާރީތައް ދަނީ ކުރަމުންނެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، ސްކޫލުތައް ހުޅުވުމާއި ނުވަތަ އެނޫންވެސް ލުއިތައް ދިނުން ގުޅިފައިވަނީ ރާއްޖޭގައި ކޮވިޑް މިހާރު ފެތުރޭ ނިސްބަތަށް ބަލާފައި އަޅަމުން ގެންދާ ފިޔަވަޅުތަކަށް ރައްޔިތުން ބޯލަނބާ މިންވަރެއްގެ މައްޗަށް ކަމަށެވެ. އެގޮތުން އޭނާ ފާހަގަ ކުރެއްވީ، މިއަދުން ފެށިގެން މާސްކު އެޅުން މަޖުބޫރު ކޮށްފައި އޮތް ނަމަވެސް މާސްކު ނާޅާ އުޅުނު މީހުން ފެނިވަޑައިގެންނެވި ކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ ފިޔަވަޅަކީ އެންމެންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއް ކަމަށާއި، ފަރުދީ ޒިންމާ އަދާކޮށް، ސިއްހީ ފަރާތްތަކުން ދޭ ލަފަޔާ އެއްގޮތަށް އަމަލު ކުރުމަށް އަދިވެސް އެދިވަޑައިގަންނަވާ ކަމަށެވެ.

ސްކޫލުތައް ހުޅުވުމާ ގުޅޭ ގޮތުން މިނިސްޓަރު އިތުރަށް ވިދާޅުވީ، ސްކޫލުތައް ކަނޑައެޅި ތާރީހަށް ހުޅުވިދާނެ ތޯ ނުވަތަ ނޫންތޯ ނިންމަވާނީ އެޑިއުކޭޝަން މިނިސްޓްރީއާ ވެސް މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.