ރާއްޖެއިން މިއަދު 74 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި 44 ދިވެހިން ހިމެނެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވެފައި ވަނީ 44 ދިވެހިންގެ އިތުރުން ބަންގްލަދޭޝްގެ 19 މީހަކާއި، އިންޑިއާގެ 8 މީހަކާއި ލަންކާ، ނޭޕާލް އަދި ޕިލިޕީންސުން ކުރެ ކޮންމެ ގައުމަކުން މީހެއް ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 3793 އަށް އަރާފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަތޮޅުތެރެއިން 4 މީހަކުވެސް ހިމެނެއެވެ.

މިއަދު 74 މީހަކު ކޮވިޑަށް ޕޮޒިޓިވް ވި އިރު 39 ވަނީ ބަލިން ރަނގަޅު ވެފައެވެ. މިވަގުތު 1155 މީހަކަށް ފަރުވާ ދެމުން ދާ އިރު ހޮސްޕިޓަލުގައި 65 މީހަކަށް ދަނީ ފަރުވަ ދެމުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި މިވަގުތު 709 މީހަކު އެބަ ތިއްބެއެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 16 މީހަކު މަރުވެފައިވެސް ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 11 ދިވެހިންނާއި 5 ބިދޭސީންނެވެ. 11 ދިވެހިންގެ ތެރޭގައި 5 ފިރިހެނުންނާއި 6 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.

އެގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ އުމުރުން 42 އަހަރުގެ ދިވެހި ފިރެހެނަކާއި 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ އަންހެނަކާއި 79 އަހަރުގެ އަންހެނެކެވެ. އަދި މިއަދު މަރުވި 71 އަހަރުގެ އަންހެން މީހާވެސް މީގެ ތެރޭގައި ހިމެނެއެވެ.

މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.