މިމަހުގެ 24 ވަނަ ދުވަހު ހއ ކެލާ ފަޅަށް ވަން ސަވާރީ ބޯޓުން ކޮވިޑަށް ޕޮޒިޓިވް ވި ކައްޕިއާއެކު އިތުރު 9 މީހަކު ޕޮޒިޓިވް ވި ކްލަސްޓާގެ ކޮންޓެކްޓް ޓްރޭސިންގެ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު ފާހަގަ ވެއްޖެ ކަމަށް ކެލައިން މައުލޫމާތު ދީފިއެވެ.

ކެލާ ކައުންސިލުން ބުނީ، މިހާރުވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި، ގާތް ގަނޑަކަށް 150 އެއްހާ މީހުން ފާހަގަ ވެފައި ވާ ކަމަށެވެ.

މިހާ ގިނަ އަދަދެއްގެ ބަޔަކު ކޮންޓެކުޓް ޓްރޭސިންގެ ތެރެއިން ފާހަގަ ވި ނަމަވެސް އަދި އެންމެންގެ ސާމްޕަލް ނުނަގައެވެ.

މާލެއާއި ކެލައާ ދެމެދު ދަތުރު ކުރާ ސަވާރީ ބޯޓު މާލެއިން ކެލައަށް ދިޔައީ މާލެ ފަޅުގައި ދެ ހަފްތާ އޮތުމަށް ފަހުއެވެ. އެ ބޯޓު ރަށަށް ދިޔަ މަގުމަތީގައި ހދ. ނޮޅިވަރަންފަރާއި، ހއ ވަށަފަރާއި އެއަތޮޅު ދިއްދުއަށް ވަނީ ގޮސްފައެވެ.

ސަވާރީ ބޯޓުގެ ކައްޕި ކޮވިޑަށް ޕޮޒިޓިވް ވީ، ކޮވިޑްގެ އަލާމާތްތައް ފެނި ދަތުރުމަތީގައި ހދ ނޮޅިވަރަންފަރަށް ޖައްސާ ހެދި ޓެސްޓުންނެވެ. މައުލޫމާތު ލިބިފައި ވާ ގޮތުގައި، ބޯޓުގެ ކައްޕީގެ އިތުރުން، ފަޅުވެރިންނަށް އުޅޭ ބައެއް މީހުންގެ ކިބައިންވެސް އޭރު އަލާމާތް ފެންނަމުން ދިޔައެވެ.

ސަވާރީ ބޯޓު ކެލައަށް ގޮސް، ބޯޓުގައި ހުރި މުދާ ހުސްކޮށް ކައްޕިއާއި ފަޅުވެރިން އާދައިގެ މަތިން ރަށަށް ފައިބެ ރަށުތެރޭގައި އުޅުނު އިރުވެސް ކައްޕިގެ ނަތީޖާ ޕޮޒިޓިވް ކަން އެނގިފައި ނުވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ފުރަތަމަ ނަތީޖާ ލިބުނީ "ނެގެޓިވް" ކަމަށް ކަމުގައިވެސް "ދަ ޕްރެސް" އަށް ވަނީ އެނގިފައެވެ. ކައްޕިއަށް ނަތީޖާ ލިބުނު އިރު، ބޯޓުގައި ހުރި މުދާ ހުސްކުރުމާއި މުދާ ބަލާ ބޯޓު ދޮށަށް ކެލާގެ އެތައް ބަޔަކު ވަނީ ގޮސްފައި ވެއެވެ.

އެކަން ހިނގާ ދިޔަ ގޮތް "ދް ޕްރެސް" އާ ހިއްސާ ކޮށްދެއްވަމުން އެޗްއީއޯސީން ބުނީ، އޭނާ (ބޯޓު ކައްޕި) ނެގެޓިވް ކަން އަންގާފައި ނުވާ ކަމަށާއި، ނަމަވެސް މައުލޫމާތު ބަދަލު ކުރުމުގައި ގެންގުޅޭ އުސޫލުގެ ތެރެއިން ހއ ގެ ހުރިހާ ނަތީޖާއެއް ނެގެޓިވް ކަމަށް ހއ ގެ މަރުކަޒަށް އެންގި ކަމަށެވެ. އަދި އެ ގޮތަށް އެކަން ހިނގީ، ސަވާރީ ބޯޓުގެ ކައްޕި ޓެސްޓް ހެދީ ހދ އަތޮޅުގައި ކަމަށް ވެފައި ހއ ގެ ނަތީޖާއާ އޭނާ (ކައްޕި) ގެ ނަތީޖާ އާ ގުޅުމެއް ނެތުމުން ކަމަށެވެ.

ނަމަވެސް ފަހުން ކައްޕިއަށް ޕޮޒިޓިވް ކަން އެޗްޕީއޭއިން އެންގި އިރު އެކިއެކި ކަންކަމުގައި ކައްޕި ވަނީ ރަށުތެރޭގައި އުޅެފައެވެ. އަދި ބޯޓުން ދިޔަ މީހުންވެސް ރަށުތެރޭގައު އުޅެފައި ވުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ކެލާ ސަވާރީ ބޯޓުގެ ކްލަސްޓާގެ ކޮންޓެކްޓުންގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައެވެ.

މިހާރު ކެލާ ވަނީ ލޮކްޑައުންކޮށް، މިސްކިތްތަކުގައި ޖަމާއަތް ހެދުންވެސް ވަގުތީ ގޮތުން ހުއްޓާލާފައެވެ. އަދި މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި ގޭގެއަށް ޒިޔާރަތް ނުކުރުމަށާއި، ބޭރުގައި އުޅޭ ވަގުތު އެންމެންވެސް މާސްކް ބޭނުން ކުރުން ފަދަ ފިޔަވަޅުތައް އަޅާފައެވެ.

އަދި ކޮވިޑަކީ ފަސޭހަކަމާއެކު ގައިންގަޔަށް އަރާ ބައްޔަކަށް ވާތީ ފިހާރަތަކާއި ހޮޓާ އަދި ކެފޭތަކުން ހިދުމަތް ހޯދާ ފަރާތްތަކުންވެސް އިތުރަށް ސަމާލުކަން ދިނުމަށާއި އެތަންތަނަށް ދިއުމުގެ ބަދަލުގައި ގެއަށް ޑެލިވާ ކުރުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅެއް ކަމަށް އެ ރަށު ކައުންސިލުން ވަނީ އާންމުކޮށް އަންގާފައެވެ.

ހަމައެއާއެކު ކޮވިޑަށް ޝައްކުވާ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ކެލާ ސިއްހީމަރުކަޒުގެ ނަންބަރު 6500047 އަށް ގުޅައިގެން މައުލޫމާތު ހިއްސާ ކުރުމަށް ކައުސިންލުން ވަނީ އިލްތިމާސް ކޮށްފައެވެ.