ހއ ކެލައިން މާލެއަށް ދަތުރު ކުރާ ސަވާރީ ބޯޓުގެ ކައްޕި ކޮވިޑަށް ޕޮޒިޓިވް ވުމާއެކު އެ ބޯޓު ކެލައަށް ދިޔަ މަގުމަތީގައި ބަނދަރު ކުރި 3 ރަށް ލޮކްޑައުން ކޮށްފިއެވެ.

ސަވާރީ ބޯޓު ބަނދަރު ކުރި ރަށްރަށަކީ ހދ ނޮޅިވަރަންފަރާއި ހއ ވަށަފަރާއި ދިއްދުއެވެ. މި ތިން ރަށުން ކުރެ ރަށަކުން އަދި ޕޮޒިޓިވް ކޭސް އެއް ނުފެނުނު ނަމަވެސް ރަށަށް އަރާ ފޭބުން މަނަލެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ އެ ތިން ރަށް ލޮކްޑައުން ކުރީ އެ ބޯޓުން އެ 3 ރަށަށް ވެސް މީހުން ދަތުރުކޮށްފައި ވާތީ ކަމަށެވެ.

ސަވާރީ ބޯޓު ހއ ކެލައަށް ދިޔައީ މާލޭ ބަނދަރުގައި 2 ހަފްތާ ކުރުމަށް ފަހު މި މަހުގެ 24 ވީ ހުކުރު ދުވަހުއެވެ. ބޯޓުގެ ކައްޕި ޕޮޒިޓިވް ވި އިރު އޭނާގެ ފަރާތުނ ސިމްޓަމް ނުފެންނަ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް އެ ބޯޓުން ކެއަށް ދިޔަ މީހުން ރަށުގެ އެކިއެކި ގޭގެއަށާއި މިސްކިތްތަކަށްވެސް ވަނީ ގޮސްފައެވެ.

ކައްޕި ޕޮޒިޓިވް ވުމާއެކު ހެދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އިތުރު 9 މީހަކު އިއްޔެ ވަނީ ޕޮޒިޓިވް ވެފައެވެ. މި 9 މީހުންނާ ގުޅިގެން މިހާރު ކެލާގައި ދަނީ ކޮންޓެކްޓް ޓްރޭސިން ހަދަމުންނެވެ.

ކެލައަކީ ށ. ނަރުދޫ ފިޔަވައި ރާއްޖޭގެ ރަށަކުން އެންމެ ގިނަ އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވް ވި ރަށެވެ. ނަރުދޫ އަމާޒު ބޯޓާ ގުޅިގެން 11 މީހަކު ޕޮޒިޓިވް ވިއެވެ.

މި ވަގުތު މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްތަކަކީ ހއ. ކެލާ، ރ. އިނގުރައިދޫ، ބ. އޭދަފުށި، ޅ. ކުރެންދޫ، ލ. މާފުށި އަދި ބ. ކަމަދުއެވެ. އަދި ބ. އަތޮޅުގައި ރިސޯޓެއް ތަރައްގީ ކުރާ ސީސައިޑް ފިނޮޅު ވެސް ވަނީ މޮނިޓަރިންގެ ހާލަތުގައެވެ.