ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައި އޮތް ބިދޭސީއެއް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. ރޭ ދަންވަރު އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ އެމީހާ ކޮވިޑަށް ޕޮޒިޓިވް ވީ ޓެސްޓް ހެދުމުންނެވެ.

ނަމަވެސް އޭނާގެ ފަރާތުން ކޮވިޑްގެ އަލާމާތް ފެންނަން ނެތް ކަމަށް ބަލައި އެ މަރަކީ ކޮވިޑް މަރެއް ނޫން ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ނިންމާފައެވެ.

ރޭ މަރުވެފައި ވަނީ އުމުރުން 29 އަހަރުގެ ބަންގްލަދޭޝް މީހެއް ކަމަށްވެސް ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން ވަނީ ވިދާޅުވެފައެވެ.

އިއްޔެ އަކީ ކޮވިޑަށް ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވް ވި ދުވަހެކެވެ. އިއްޔެ އެކަނި 152 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 16 މީހަކު މަރުވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 11 ދިވެހިންނާއި 5 ބިދޭސީންނެވެ. 11 ދިވެހިންގެ ތެރޭގައި 5 ފިރިހެނުންނާއި 6 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.

އެގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ އުމުރުން 42 އަހަރުގެ ދިވެހި ފިރެހެނަކާއި 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ އަންހެނަކާއި 79 އަހަރުގެ އަންހެނެކެވެ. އަދި މިއަދު މަރުވި 71 އަހަރުގެ އަންހެން މީހާވެސް މީގެ ތެރޭގައި ހިމެނެއެވެ.

މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.