ހއ. ކެލައިން ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާތީ މާދަމާއިން ފެށިގެން އާންމު ހާލަތަށް އަންނަންދެން އެ ރަށުގެ ހުރިހާ މިސްކިތްތަކެއްގައި ޖަމާއަތް ނުހެދުމަށް ނިންމާފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
ކެލާ ކައުންސިލް އިދާރާއިން ބުނީ، އެރަށުން ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ޕޮޒިޓިވް ވުމުން މާދަމާގެ ފަތިސް ނަމާދުން ފެށިގެން އާންމު ހާލަތަށް އަންނަން ދެން އެ ރަށުގެ ހުރިހާ މިސްކިތްތަކެއްގެ ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދު އަދި އީދު ނަމާދު މިސްކިތުގައި ޖަމާއަތް ނުހެދުމަށް ނިންމާފައިވާ ކަމަށެވެ.
ހަމައެއާއެކު ކެލާ ކައުންސިލުން ބުނީ، މިހާރު ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުން ދާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ގިނަ ބަޔަކު އެރަށުން ފެނުމާއެކު ހާއްސަ ސަމާލުކަމެއް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން، އެ ރަށުގައި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި ގޭގެއަށް ޒިޔާރަތް ނުކުރުމަށާއި، ބޭރުގައި އުޅޭ ވަގުތު އެންމެންވެސް މާސްކް ބޭނުން ކުރުމަށް އެދޭ ކަަމަށް ކައުންސިލުން ބުނެއެވެ.
އަދި މި ބައްޔަކީ ފަސޭހަކަމާއެކު ގައިންގަޔަށް އަރާ ބައްޔަކަށް ވާތީ ފިހާރަތަކާއި ހޮޓާ އަދި ކެފޭތަކުން ހިދުމަތް ހޯދާ ފަރާތްތަކުންވެސް އިތުރަށް ސަމާލުކަން ދިނުމަށާއި އެތަންތަނަށް ދިއުމުގެ ބަދަލުގައި ގެއަށް ޑެލިވާ ކުރުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅެއް ކަމަށް އެ ކައުންސިލުން ބުނެއެވެ.
ހަމައެއާއެކު ކޮވިޑަށް ޝައްކުވާ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ކެލާ ސިއްހީމަރުކަޒުގެ ނަންބަރު 6500047 އަށް ގުޅައިގެން މައުލޫމާތު ހިއްސާ ކުރުމަށް ކައުސިންލުން އިލްތިމާސް ކުރެއެވެ.
އެ ރަށުން ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން މިއަދުން ފެށިގެން އެ ރަށަށް މީހުން އަރާ ފޭބުން މަނާކޮށް އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ އެރަށުން މިއަދު އިތުރު 9 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ފައިވާ ކަމަށެވެ. މި 9 މީހުންނާއެކު ކެލައިން ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު 10 އަކަށް ވަނީ އަރާފައެވެ.