އަންނަ އޮގަސްޓް މަހު ކޮންމެ ދުވަހަކު 170 މީހުންނަށް ބަލި ޖެހޭނެ ކަމަށް ޑރ. ޝީނާ މޫސާ ލަފާ ކުރައްވައިފިއެވެ.
މީރޭ ކޮވިޑާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޝީނާ ވިދާޅުވީ އޮގަސްޓަމަހު ދުވާލަކަށް 170 އެއްހާ މީހުން ޕޮޒިޓިވްވުން އެކަށީގެންވާ ކަމަށާއި އެހެން ނަމަވެސް ބައެއް ދުވަސް ތަކުގައި އެއަށް ވުރެ އިތުރަށް އަދި ބައެއް ދުވަސްތަކުގައި އެއަށް ވުރެ މަދުން މީހުން ބައްޔަށް ޕޮޒިޓިވް ވުން ވެސް އެކަށީގެންވާ ކަމަށެވެ.
އެގޮތުން އޮގަސްޓް މަހު ޖުމްލަ 2373 މީހުން ކޮވިޑަށް ޕޮޒިޓިވް ވެ 47 މީހުންނަށް އައިސީޔޫގައި ފަރުވާދޭން ޖެހޭނެ ކަމަށް ކަމުގައި ޑޮކްޓަރު ޝީނާ ވަނީ އަންދާޒާ ކުރައްވާފައެވެ.
މިހާރު ޕޮޒިޓިވްވާ މިންވަރަށް ބަލާ ކުރިއަށް އޮތް މަހުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ލަފާކޮށްފައި ވާއިރު، އޮގަސްޓް މަހުގެ ތެރޭގައި 475 މީހުން ބައްޔަށް ފަރުވާދިނުމަށް ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހިދާނެ ކަމަށް ޑރ ޝީނާ ލަފާކުރައްވައެވެ.
މި މަހު އެވްރެޖުކޮށް ދުވާލަކު 71 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ޑރ. ޝީނާގެ ހިސާބުތައް ދައްކާއިރު އެއީ މުޅި މަހަށް ބަލާނަމަ 997 މީހުނެވެ.
އެވްރެޖްކޮށް ދުވާލަކަށް ހަތް މީހުން ފަރުވާދިނުމަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ އިރު، މުޅި މަހު ޖުމްލަ 199 މީހުން ވަނީ އެޑްމިޓް ކޮށް، އައިސީޔޫ ގައި 20 މީހަކަށް މިމަހު އެކަނި އެޑްމިޓް ކޮށްފައިވާކަމަށް ތަފާސްހިސާބުތައް ދައްކައެވެ.