މިހާރު ކޮވިޑް ފެތުރެމުންދާ މީހުންގެ ނިސްބަތަށް ބަލާއިރު އަދަދުތައް މައްޗަށް ދާނަމަ ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭ މިންވަރު ދެގުނަ އިތުރު ވާނެ ކަމަށް ޑރ. ޝީނާ މޫސާ ލަފާ ކުރައްވައިފިއެވެ.

މިރޭ ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ވިދާޅުވީ ބަލި ފެތުރޭ މިންވަރު އަވަސް ކަމަށާއި އޭގެ ތެރެއިން އައީސީޔޫގައި ފަރުވާ ދޭންޖެހޭ މީހުންގެ ތެރެއިން 50 އިންސައްތަ މަރުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އޭނާ އެގޮތަށް ވިދާޅުވީ، ކޮވިޑަށް ފަރުވާ ދިނުމަށް ހުރި ވަސީލަތްތަކާއި، މެޑިކަލް ޕްރޮފެޝަނަލުން ތިބި އަދަދުތަކަށް ރިޔާއަތް ކުރައްވައެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގެ ހާލަތަށް ރިޔާއަތް ކުރައްވާ ޑރ. ޝީނާ ވިދާޅުވީ ގިނަ ގައުމު ތަކުގައި ކޮވިޑް ޖެހި މަރުވެފައި ހުރީ ރަނގަޅު ފަރުވާ ދޭން މުޅި ހެލްތް ސިސްޓަމް އެވަރަށް ތައްޔާރުނުވެ ހުރުމުން ކަމަށާއި އެވަރަށް ހިދުމަތް ދޭނެ މީހުންވެސް ނެތިގެން ކަމަށެވެ. ރާއްޖޭގައިވެސް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިންތިހާއަށް ގިނަ ވެ ސިސްޓަމަށް ނުކެތުުގެ ބިރު ޑރ. ޝީނާގެ ވާހަކައިން ފާހަގަ ކުރެވެއެވެ.

ޑރ ޝީނާ ވިދާޅުވީ މިހާތަނަށް އައިރު ރާއްޖެއިން ގިނައިން ޕޮޒިޓިވް ވީ ޒުވާނުން ކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުން ކޮވިޑް-19އަށް ޕޮޒިޓިވް ވާ ނިސްބަތް މަދު ކަމަށާއި މިހާރު ބަލިޖެހޭ މިންވަރަށް ބަލާއިރު، މިމަހުން ފެށިގެން ދުވަސްވީ މީހުންނާއި، ދައިމީ ބަލިތަކަށް ފަރުވާ ކުރާ މީހުން ބައްޔަށް ޕޮޒިޓިވްވާ މިންވަރު އިތުރުވަމުން ދާ ކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭ މިންވަރު ދެގުނަ އިތުރު ވެދާނެ ކަމަށް ލަފާކޮށްފައި ވާއިރު، މިއަދު އެކަނި ރާއްޖެއިން ވަނީ 152 މީހަކު ޕޮޒިޓިވް ވެފައެވެ.