ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ އުސޫލުތަކާ ހިލާފަށް ހިންގަމުން ދިޔަ އިތުރު 50 ތަނެއް މިއަދު ބަންދުކޮށްފައި ވާ ކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

މިރޭ ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިއަދުގެ އިންސްޕެކްޝަންގައި 99 ތަނެެއް އިންސްޕެކްޓް ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން އޭގެ ތެރެއިން 50 ތަނެއް ވަނީ ބަންދުކޮށްފައެވެ.

މިއަދު ބަލާފައިވާ 99 ތަނުގެ ތެރޭގައި ހިމެނެނީ ކާބޯތަކެތީގެ ހިދުމަތްދޭ 44 ތަނަކާއި 49 ފިހާރައެއްގެ އިތުރުން ފަސް ސެލޫނެކެވެ. އެގޮތުން ބަންދުކޮށްފައި ވަނީ ހަތަރު ސެލޫންއާއި ކާބޯތަކެތީގެ ހިދުމަތްދޭ 22 ތަނެއްގެ އިތުރުން 24 ފިހާރައެވެ.

މާދަމާވެސް އެ އިންސްޕެކްޝަން ކުރިއަށް ގެންދާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވެ، ވިދާޅުވީ ވިޔަފާރިތައް ހުއްޓުވަން ބޭނުން ނުވާ ކަމަށާއި ވިޔަފާރިތައް ހިންގައިގެން އިގްތިސާދު ކުރިއަށްދާނެ ނަމަވެސް އާ އާންމު ހާލަތުގައި ވިޔަފާރިތައް ކުރިއަށް ގެންދަންޖެހޭނީ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

މިއަދު 50 ތަނެއް ބަންދު ކޯށްފައި ވާއިރު އިއްޔެވެސް ވަނީ 27 ތަނެއް ބަންދުކޮށްފައެވެ. އޭގެ ތެރޭން 26 ތަނެއް މިހާރު ހުޅުވަން ވަނީ ހުއްދަ ދީފައެވެ. ޑރ. ނަޒްލާ ވިދާޅުވީ ހުއްދަ ދޭން ނިންމަނީ ގަވައިދަށް އެ ތަންތަން ފައްތާ އެޗްޕީއޭގެ ގަވައިދަށް އަމަލު ކުރަން ފެށުމުން ކަމަށެވެ.