ހއ ކެލައިން އިތުރު 9 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. މިކަން ކެލާ ކައުންސިލްގެ ރައީސް އާދަމް ޣުފްރާން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވި 9 މީހުންނަކީ މިމަހުގެ 27 ވަނަ ދުވަހު ކެލައިން ޕޮޒިޓިވް ވި މީހާ އާ އެއް ބޯޓެއްގައި ދަތުރު ކޮށްފައިވާ މީހުން ކަމަށެވެ.

އެ ބޯޓުން ދަތުރު ކުރި މީހަކު ޕޮޒިޓިވް ވެ 12 މީހަކު ޓެސްޓް ކޮށްފައި ވާއިރު އޭގެ ތެރެއިން ޕޮޒިޓިވް ވީ 9 މީހުންނެވެ.

އެޗްއީއޯސީން ބުނީ، މި 12 މީހުންގެ ތެރެއިން 9 ވަނަ މީހުންނަކީ ބޯޓުން ދަތުރު ކުރި މީހުން ކަމަށެވެ.

އެމީހުން މާސްކް ނާޅާ ރަށުތެރޭގައި އުޅެފައިވާ ކަމަށާއި ރަށުގެ މިސްކިތްތަކަށް ނަމާދަށްވެސް އަރާފައިވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން މައުލޫމާތު ދެއެވެ. ޕޮޒިޓިވް ވި މީހުންގެ ކޮންޓެކްޓް ވަރަށް ގިނަ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ކެލައިން އިތުރު 9 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، މިއަދު ބ. ކަމަދޫން ވެސް މީހަކުވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

27 ވަނަ ދުވަހު ރ. އިނގުރައިދޫގައި ހޯމް ކަރަންޓީނު ވެގެން ތިބި ދެ ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު، ސީސައިޑް ފިނޮޅުގައި މަސައްކަތް ކުރަން އުޅުނު 4 މީހަކު ޕޮޒިޓިވް ވެފައެވެ.

ރާއްޖޭގެ ރަށްތަކުގައި ހޯމް ކަރަންޓީނު ވެގެން ތިބޭ ބައެއް މީހުން ދަނީ ޕޮޒިޓިވް ވަމުންނެވެ. ހަމައެއާއެކު ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވެ، ދުވަހަކަށް ވުރެ ދުވަހެއް ކޮވިޑަށް ޕޮޒިޓިވް ވާ ދިވެހިންގެ އަދަދު އިތުރު ވަމުން ދާއިރު އިއްޔެ އެކަނި ވެސް 61 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި 44 ދިވެހިން ހިމެނެއެވެ.

ހާތަނަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު 3567 އަށް އަރާފައި ވާއިރު 2554 މީހަކު ބަލިން ރަނގަޅުވެ، 15 މީހަކު ވަނީ ބަލީގައި މަރުވެފައެވެ. މިހާރު މި ބައްޔަށް ފަރުވާ ކުރަމުން ދާ މީހުންގެ އަދަދުވެސް ވަނީ 983 އަށް އަރާފައެވެ.