ވާދަވެރިންނަކީ ކޮބައިކަން ވާދަވެރިންނަށް އެނގި، ވާދަވެރި ލީޑަރު ކަނޑައެޅޭ ގޮތް ރައްޔިތުންނަށް އެނގުން މުހިންމު ކަމަށް އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ވިދާޅުވީ އިހްލާސްތެރި ވާދަވެރި ލީޑަރު ކަނޑައެޅުމަކީ ވާދަވެރިންގެ ކަމެއް ކަމަށާއި ވާދަވެރިންނަކީ ކޮބައިކަން ވާދަވެރިންނަށް އެނގެން ޖެހޭ ކަމަށެވެ. އަދި އެ ވާދަވެރިންގެ ތެރެއިން ލީޑަރެއް ކަނޑައެޅޭގޮތް ރައްޔިތުންނަށް ސާފުވުން މުހިންމު ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އެފަދައިން ވިދާޅުވެފައި ވާއިރު، ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި، ސަރުކާރާ އެކުގައި މަސައްކަތް ކުރަން ފެށުމަށް، ހުރިހާ ސިޔާސީ ބޭފުޅުންނަށް ގޮވާލައްވައިފައެވެ.
އެކަަމަށް ތާއީދު ކުރައްވައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ފުރިހަމަ ޑިމޮކްރެޓިކް ނިޒާމަކަށް ދައުލަތުގެ އިހްލާސްތެރި ވާދަވެރިޔާ އާއި އޭނާގެ ކެބިނެޓްގެ ފާޑުކިޔުން މުހިންމު ކަމަށާއި މިނިވަންކަން ދެމެހެއްޓޭނީ ސިޔާސީ ހަމަޖެހުމުން ކަމަށެވެ.
ރައީސް ނަޝީދުގެ މި ވާހަކަތަކާ ގުޅިގެން، ސިޔާސީ ވާދަވެރި ޕާޓީތަކުން ސަރުކާރާ އެކު މަޝްވަރާ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދައުވަތު ދެއްވާފައި ވީ ނަމަވެސް، އިދިކޮޅުން މަޝްވަރާ ކުރަންވީ ކޮން ރައީސަކާ ކަން އޮޅިފައި ވާ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.
އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު އަދި ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރު ވިދާޅުވީ އިދިކޮޅު ލީޑަރަކީ މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމާމެދު އެއްވެސް ސުވާލެއް ނެތް ކަމަށެވެ. ނަމަވެސް، އިދިކޮޅުން ކަމަކާގުޅޭ ގޮތުން މަޝްވަރާއެއް ކުރާ ނަމަ، މަޝްވަރާ ކުރާނީ ކޮން ރައީސަކާ (ރައީސް ނަޝީދު ނުވަތަ ރައީސް ސޯލިހު) ކަން ވެސް އެނގެން ޖެހޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
މައިން ބަފައިން އެނގޭބާއޭ ހިތަށްއަރާ
މޮޔައިންވެސްތަންތާތިބޭ ދޯ؟