ލ. އަތޮޅު ގަމު ތުނޑީ އަވަށުގެ ބަނދަރުގައި އަޅާފައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މައްސަލައެއްގައި ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ގަން، ތުނޑި ބަނދަރު ސަރަހައްދުގައި އޮތް މޯލްޑިވްސް ޕޮލިސް ސާވިސްގެ ލޯންޗެއްގައި މާޗު 22، 2020 ގައި ގަސްދުގައި އަލިފާން ރޯކޮށްލި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ލ. ގަން، ތުނޑި، ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސް އަށާއި ލ. ގަން، ތުނޑި، ލަވްސައިޑް އަބްދުއްލަތީފް އިބްރާހީމް އަށެވެ.

އެ ދެ މީހުންގެ މައްޗަށްވެސް ދައުވާ ކޮށްފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 1-16 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާ ހަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައާ ގުޅިގެން މޫސާ އިނާސް ދިރިއުޅޭ ގެ، ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން ބަލައި ފާސް ކުރިއިރު ފެނުނު ލެޕްޓޮޕެއްގެ ހާޑްޑިސްކް ތަހްލީލް ކޮށްފައި ވެއެވެ. އަދި އެ ލެޕްޓޮޕުން ޓެރެރިސްޓް ޖަމާއަތްތައް ކަމަށްވާ އިސްލާމިކް ސްޓޭޓާއި އަލްގައިދާއަށް ތާއިދު ކުރާކަން ދޭހަކޮށްދޭ ލިޔުންތަކާއި ވީޑިއޯ ފެނިފައިވާ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.

އެ މައްސަލައާ ގުޅިގެން އަބްދުއްލަތީފް އިބްރާހީމް ދިރިއުޅޭ ގެ، ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން ބަލައި ފާސް ކުރިއިރު ފެނުނު ހާޑްޑިސްކްއެއް ތަހްލީލް ކުރިއެވެ. އެ ގޮތުން އެ ހާޑު ޑިސްކުން ޓެރެރިސްޓް ޖަމާއަތްތައް ކަމަށްވާ ޖަބްހަތުއް ނުސްރާއާއި އަލް ގައިދާއަށް ތާއީދު ކުރާކަން ދޭހަކޮށްދޭ ލިޔުންތައް ފެނިފައިވާ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.

އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އެއިން ކޮންމެ މީހެއްގެ މައްޗަށް އެއް އަހަރާއި ތިން އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ