އާސަންދައިގެ ދަށުން ބޭސްފަރުވާ އަށް ދާ ތިންވަނަ ބެޗް މިއަދު އިންޑިއާގެ ޓްރިވެންޑަރަމަށް ފުރައިފިއެވެ.
އާސަންދަ އިން ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމުގެ މަތިން އިންޑިއާ ސަރުކާރުން ދިން ހުއްދައާ އެކު، އާސަންދައިގެ ހަރަދުގައި މިއަދު 60 މީހުން ފުރާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބަލިމީހުންނާ އެހީތެރިން ވެސް ހިމެނޭ ކަމަށް އެކުންފުނިން ބުނެއެވެ. އަދި އެމީހުން ފުރާފައިވަނީ މިއަދު 15:45 ގައި ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.
މިއީ އެގޮތަށް އިންޑިއާއަށް ފުރި ތިންވަނަ ބެޗަށް ވާއިރު އެބެޗްގައި ދާ ހުރިހާ ފަސިންޖަރުން އިންޑިއާއަށް ދަނީ އިންޑިއާގެ ވިސާ ހަމަޖައްސާ އެ ގައުމުގެ ޕަބްލިކް ހެލްތް ގައިޑްލައިނާ އެއްގޮތަށް ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވް ނަތީޖާއާއެކުގައެވެ.
އާސަންދައިން ބުނީ އިންޑިއާއިންވެސް އެ ފަސިންޖަރުން ކޮވިޑަށް ޓެސްޓު ކުރާ ކަމަށާއި އެ ގައުމުގައި 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރުމަށް ފަހު އަނެއްކާވެސް ކޮވިޑް19 އަށް ޓެސްޓު ކުރާ ކަމަށެވެ.
މިއަދު ފުރި ބަލިމީހުންގެ ފަރުވާ ހަމަޖެހިފައިވަނީ އިންޑިއާގެ ކިމްސް ހޮސްޕިޓަލުގައި ކަމަށް އާސަންދައިން ވަނީ ބުނެފައެވެ. އަދި ކަރަންޓީނުގައި ތިބޭނީވެސް އެ ހޮސްޕިޓަލުގައި ކަމަށާއި ކަރަންޓީނުގެ މުއްދަތުގައިވެސް އެމީހުންގެ ފަރުވާކުރިއަށް ގެންދެވޭ ކަމަށް އާސަންދައިން ވަނީ ބުނެފައެވެ.
އާސަންދައިން އިތުރަށް ބުނީ މިމަހު 14 ވަނަ ދުވަހު ފުރި ބެޗްގައި ދިޔަ ތިން ދިވެހިން ކޮވިޑް19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ޕޮޒިޓިވްވީ މީހުންނާއި އެމީހުންގެ ކްލޯޒް ކޮންޓެކްޓުން، އިންޑިއާގެ ހެލްތް ޕްރޮޓޮކޯލް އެއްގޮތަށް ވަކިން އައިސޮލޭޓްކޮށްފައި ކަމަށެވެ.
އެގޮތަށް އައިސޮލޭޓްކުރި ކަމުގައި ވީނަމަވެސް އެމީހުންގެ ހާލު ބަލާ އެސެސްކުރުމަށް ފަހު އިމަޖެންސީކޮށް ދޭންޖެހޭ ފަރުވާތައް އިންޑިއާގެ ގައިޑްލައިންތަކާ އެއްގޮތަށް ދެމުންދާ ކަމަށް އާސަންދައިން ބުނެއެވެ. އަދި އެހެނިހެން ބަލި މީހުންނަށްވެސް އިމަޖަންސީކޮށް ދޭންޖެހޭ ފަރުވާތައް ކުރިއަށް ގެންދާ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.
އާސަންދައިން ބުނީ ހޮސްޕިޓަލާ ގުޅިގެން ބަލިމީހުންގެ ފަރުވާގެ ކަންކަން ކުރިއަށް ދާގޮތް ގާތުން ބަލަމުން ގެންދާ ކަމަށެވެ.
އިންޑިއާއަށް މިއަދު ފުރަން އޮތް ބޯޓުން ހަތަރު މީހަކު ޕޮޒިޓިވް ވެފައި ވާއިރު އޭގެ ތެރޭގައި ބަލިމީހަކާއި ތިން އެހީތެރިން ހިމެނޭ ކަމަށް އާސަންދައިން ބުނެފައި ވެއެވެ.
އާސަންދައިން ބުނީ ޕޮޒިޓިވް ވި މީހުންގެ ތެރެއިން ދެ މީހަކު ބޯޓަށް އައުމުގެ ކުރިން ޕޮޒިޓިވް ވުމާ ގުޅިގެން ބޯޓަށް ނާރާ ކަމަށެވެ. އަދި 2 މީހުންގެ އެމީހާގެ ނަތީޖާ ލިބުނު އިރު ހުރީ ބޯއްޓުގައި ކަމަށް ވެސް އާސަންދައިން ވަނީ ބުނެފައެވެ.