ރޯގާއިން ސަލާމަތްވާން ގައުމު ބަންދުކުރުމަށް ވުރެ ކޮވިޑްއާ އެކު އުޅެވޭނެ ގޮތް ހޯދަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެ އަލުން އަނބުރާ ބަނދުކުރުމުގެ ވިސްނުމަކީ ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތް ކމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އެހެންކަމުން މި ވަގުތު ލޮކްދައުން ކުރުމަށް ވުރެ ކޮވިޑާ އެކު އުޅެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. ރޯގާއިން ސަލާމަތްވުމަށްޓަކައި ގައުމު ބަންދުކޮށް ރައްޔިތުން ބަނގުރޫޓުވުމަށް ޖާގަ ދީފި ނަމަ ރައްޔިތުންނަށް އެކަމުން ލިބޭނެ ގެއްލުން ބޯޑުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިދެމުން ދިޔަ ނަމަވެސް މިހާރު ނުރައްކަލުގެ ރަނގަބީލުގެ އަޑު އެބަ ގަދަވާ ކަމަށް ރޭ ހެލްތް މިނިސްޓަރު އަބްދުﷲ އަމިން ވަނީ ވިދާޅުވެފައި ވަނިކޮށެވެ. އާއްމު ހާލަތަށް އެދޭނަމަ މާސްކު އަޅައިގެން އުޅުމަށާއި އެކަކު އަނެކެއްގެ ދުރުމިން ކަށަވަރު ކުރުމަށާއި އެކަކު އަނެއްކަކާ ބައްދަލުވާ އަދަދު މަދު ކުރުމަށާއި ކޮންމެހެން ނުކުންނަން ޖެހޭ ހާލަތުގައި މެނުވީ ގެއިން ނުނިކުތުމަށް އަމީން ވަނީ ވިދާޅުވެފައެވެ.

ކޮވިޑް19 އިން ރައްކާތެރި ވުމަށް އަލާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން ލޮކްޑައުންނަށް ލުއިދީ މިހާރު ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ހުޅުވާލައި ފިހާރަތަކާއި ރެސްޓޯރަންޓް ކެފޭތައްވެސް ވަނީ ހުޅުވާލާފައެވެ. ހަމައެއާއެކު މިސްކިތްތަކުގައި ނަމާދު ކުރުމުގެ ހުއްދަވެސް ވަނީ ދީފައެވެ. މިހާލަތަށް ބަދަލު ކުރި ފަހުން މާލޭގެ މަގުތަކުގައި ނުކުމެ އުޅޭ މީހުންގެ އަދަދު ވަނީ އިތުރު ވެފައެވެ. އަދި ވޭތުވެ ދިޔަ ހަފްތާގެ ތެރޭގައި ފެނިފައިވާ ޕޮޒިޓިވް ކޭސްތައް ވެސް ވަނީ އިތުރު ވެފައެވެ.

ހަމައެއާއެކު ރާއްޖޭގެ ބޯޑަރުތައް މި މަހުގެ 15 ވަނަ ދުވަހު ހުޅުވާލައި ޓުއަރިސްޓުން ރާއްޖެއަށް އަންނަން ވަނީ ފަށާފައެވެ. ނަމަވެސް ދާދި ފަހުން އެމެރިކާއިން ރާއްޖެއަށް އައި ފަތުރުވެރިއެއްގެ ގައިން ވަނީ ކޮވިޑް ބަލި ފެނިފައެވެ. ޖޫން 15 ގައި ލޮކްޑައުން އުވާލި އިރު ރާއްޖޭގައި ޕޮޒިޓިވް ވަމުން ދިޔައީ ސާމްޕަލް ނަގާ ޓެސްޓު ކުރި މީހުންގެ ތެރެއިން 2.08 ޕަސަންޓު މީހުންނެވެ. ނަމަވެސް މި ރޭޓު ދުވަހެއް ދުވަހަކަށް އިތުރު ވަމުން ގޮސް މިހާރު ވަނީ 5.68 ޕަސަންޓަށް އަރާފައެވެ.

އިއްޔެ ރާއްޖެއިން ވަނީ ރިކޯޑް އަދަދަކަށް ކޮވިޑަށް މީހުން ޕޮޒިޓިވްވެފައެވެ. ޖުމްލަ 137 މީހަކު އިއްޔެ ޕޮޒިޓިވްވެފައި ވާއިރު އޭގެތެރޭގައި 92 ދިވެހިން ހިމެނެއެވެ.