އިދިކޮޅު ކޯލިޝަނުން ރޭ މާލޭގައި ބޭއްވި މުޒާހަރާގައި ބައިވެރިވި މީހަކު ދެ ފުލުހެއްގެ ގަޔަށް ކުޅު ޖެހި ކަމަށް ބުނާ ވާހަކަތައް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ދޮގުކުރައްވައިފިއެވެ.
ޝިޔާމް ވިދާޅުވީ ފުލުހަކަށް އެފަދަ ކަމެއް ކުރުމަކީ ހަޑިމުޑުދާރު އަމަލެއް ކަމަށާ އެއީ އިދިކޮޅު ކޯލިޝަނުން ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އެހެން ބަޔަކު ރާވައިގެން ހިންގާފައިވާ ކަމެއް ކަމަށާއި އެކަން ހިނގާފައިވަނީ ފުލުހުންނަށް ވެސް އެނގިގެން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އިހުތިޖާޖް ފެށުމުގެ ކުރިންވެސް އެފަދަ އަމަލެއް ހިނގަން އުޅޭކަން ފުލުހެއްގެ ފަރާތުން މައުލޫމާތު ލިބުނު ކަމަށާއި މާލެ ވަށައި ސީސީޓީވީ ކެމެރާ ހުންނާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އަދި އެ އަމަލު ހިންގި ފަރާތް ހިފާ ހައްޔަރުކުރުމަށާއި އެއީ އިންސާނުން މަޖަލަކަށް ވެސް ކުރާވަރު ކަމެއް ނޫން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް އެފަދައިން ވިދާޅުވެފައި ވާއިރު، ޕީއެންސީގެ ރައީސް އަބްރުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އިދިކޮޅު ކޯލިޝަނަނީ ދުވަހަކުވެސް ފުލުހުންނާއި ސިފައިންނާއި ކުރިމަތިލާނެ ބައެއް ނޫން ކަމަށާއި އެ ދެ މުއައްސަސާ އަކީ އިދިކޮޅުގެ ލޮއެއްބާއި ގަދަރު ލިބިގެންވާ ދެ މުއައްސަސާ ކަމަށާއި ފުލުހުންނާއި ސިފައިންނަށް ޓަކައި އަބަދުވެސް އިދިކޮޅު ކޯލިޝަނުން ފަހުރުވެރިވާ ކަމަށެވެ.
އެކަމާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައި ވަނީ ދެ ފުލުހުންގެ ގަޔަށް ހައްޕުނޑު ޖެހީ އެމީހުން ފުލުހުންގެ ވާޖިބު އަދާކުރަމުންދަނިކޮށް ކަމަށާއި އެކަން ކުއްވެރި ކުރައްވާ ކަމަށެވެ. އަދި އެހާ ބޮޑަށް ކޮވިޑް ފެތުރެމުންދާ މިދަނޑިވަޅުގައި އެކަން ކުރުމަކީ ވަރަށް ނާތަހުޒީބީ އަމަލެއް ކަމަށެވެ. އަދި އެމައްސަލަ ބައްލަވާނެ ކަމަށްވެސް ސީޕީ ވަނީ ވިދާޅުވެފައެވެ.
ރޭ ބޭއްވި މުޒާހަރާގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، ޕެޕާ ސްޕްރޭގެ އަސަރުކޮށްގެން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.