ރޭ އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑުު ޖަހާފައިވާތީ އެ މައްސަލަ ބަލާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ރޭ ވިދާޅުވީ އެ ދެ ފުލުހުންގެ ގަޔަށް ހައްޕުނޑު ޖެހީ އެމީހުން ފުލުހުންގެ ވާޖިބު އަދާކުރަމުންދަނިކޮށް ކަމަށާއި އެކަން ކުއްވެރި ކުރައްވާ ކަމަށެވެ. އަދި އެހާ ބޮޑަށް ކޮވިޑް ފެތުރެމުންދާ މިދަނޑިވަޅުގައި އެކަން ކުރުމަކީ ވަރަށް ނާތަހުޒީބީ އަމަލެއް ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ސީޕީ ރޭ ކުރެއްވި ޓްވީޓާއެކު އާންމުކުރެއްވި ފޮޓޯގައި ފުލުހެއްގެ ޔުނީފޯމަށް ހައްޕުނޑު ޖަހާފައި ހުރިތަން ފެނެއެވެ. އަދި ކަރާއި މޫނުގައިވެސް ކޮންމެވެސް ވަރަކަށް ހައްފުނޑު ހުރިތަން ފެނެއެވެ.

ރޭ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާ ހުއްޓުވުމަށް ޕެޕާ ސްޕްރޭ ބޭނުން ކުރިއެވެ. އޭގެ އަސަރު މުޒާހަރާގެ ބައިވެރިންނަށް ކުރި ނަމަވެސް، އެމީހުން ވަނީ ނުހުއްޓި ކުރިއަށް ހިނގާފައެވެ.

އެ މުޒާހަރާގައި ބައެއް މީހުން މާސްކު ނާޅައި ގައިދުރުކަމެއް ނެތި އުޅޭތަންވެސް ފެނިގެންދިޔައެވެ.

އިއްޔެ ރެކޯޑް އަދަދަކަށް ދިވެހިން ޕޮޒިޓިވް ވެފައި ވާއިރު، ޖުމްލަ، 92 ދިވެހިންނަށް ވަނީ ކޮވިޑް ޖެހިފައެވެ. އިއްޔެ ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު 137 އަށް އަރާފައިވާއިރު، އެެއްވެސް މީހަކު ބަލިން ރަނގަޅުވެފައެއް ނުވެއެވެ.