ހއ. ކެލާ އިން ކޮވިޑަށް ޕޮޒިޓިވް ކޭސްއެއް ފެނުމާއެކު އެ ރަށުން 7 ގެއެއް ކަރަންޓީން ހާލަތަށް ގެންގޮސްފިއެވެ.

ކެލާ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނީ އެ ރަށުން ކޮވީޑް ބައްޔަށް ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓް ވެފައިވާ ފަރާތްތައް ދިރިއުޅޭ ތަންތަން ކަރަންޓީން ކުރުމުގެ ގޮތުން އެރަށުގެ 7 ގެއަކާއި ބޯޓެއް ކަރަންޓީންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށެވެ. އެ ގޮތުން ސަވާރީ ބޯޓާއި، ހަނިމާދޫގެ، ތިނަދޫގެ، ހެޕީ، ކާނޭޝަންމާގެ، ހިރި، ގާދޫ އަދި ވިޓީ ވަނީ ކަރަންޓިންގެ ހާލަތަށް ގެންގޮސްފައި ކަމަށް ކައުންސިލުން ބުނެއެވެ.

ހަމައެއާއެކު މިތަންތަން މިއަދުން ފެށިގެން އެޗްޕީޢޭއިން ވަކި ގޮތެއް އަންގަންދެން ކަރަންޓީން ކުރެވިފައިވާ ކަމަށާއި އެ މުއްދަތުގައި އެތަންތަނަށް އެއްވެސް ފަރާތަކުން ވަދެ ނުކުމެ ހެދުމަކީ މަނާކަމެއް ކަމުގައި އެ ކައުންސިލުން ބުނެއެވެ.

ކެލާ ކައުންސިލުން ބުނީ، މިހާރު ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު އެ ރަށު ސަވާރީ ބޯޓުން ފެނިފައިވާތީ، އެ ރަށުގައި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި ގޭގެއަށް ޒިޔާރަތް ނުކުރުމަށާއި، ބޭރުގައި އުޅޭ ވަގުތު މާސްކް ބޭނުން ކުރުމަށް އެދޭ ކަަމަށެވެ.

އަދި މި ބައްޔަކީ ފަސޭހަކަމާއެކު ގައިންގަޔަށް އަރާ ބައްޔަކަށް ވާތީ ފިހާރަތަކާއި ހޮޓާ އަދި ކެފޭތަކުން ހިދުމަތް ހޯދާ ފަރާތްތަކުންވެސް އިތުރަށް ސަމާލުކަން ދިނުމަށާއި އެތަންތަނަށް ދިއުމުގެ ބަދަލުގައި ގެއަށް ޑެލިވަރީ ކުރުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅެއް ކަމަށް އެ ކައުންސިލުން ބުނެއެވެ.

ހަމައެއާއެކު ކޮވިޑަށް ޝައްކުވާ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ކެލާ ސިއްހީމަރުކަޒުގެ ނަންބަރު 6500047 އަށް ގުޅައިގެން މައުލޫމާތު ހިއްސާ ކުރުމަށް ކައުސިންލުން އިލްތިމާސް ކުރެއެވެ.