މިދިޔަ އާދިއްތަ ދުވަހު މާލޭގައި އިދިކޮޅުން ކުރި މުޒާހަރާ އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްލާމާއިލް އަދި ކުރީގެ ފެނަކައިގެ މެނޭޖިންގް ޑައިރެކްޓަރު މުހައްމަދު ނިމާލް ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
އެދެބޭފުޅުންނަށް ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އަޑުއުފުލައި، ގާނޫނާ ހިލާފު އަމަލު ކުރުމަށް އާންމުންނަށް ހިތްވަރުދީ އެކަމަށް ގޮވާލައްވައިފައި ވާތީ ކަމަށް ފުލުހުން ފޮނުވި ޗިޓުގައި ވަނީ ބުނެފައެވެ. އަދި މަގުމަތީގައި ހިނގާ މީހުންނާއި ދުއްވާ މީހުންނަށް ހުރަސް އަޅުއްވާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
މުހައްމަދު އިސްމާއީލް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައި ވާނީ މިއަދު މެންދުރު ފަހު 3:00 އަށެވެ. އަދި ނިމާލް ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގާފައި ވަނީ މިއަދު ހަވީރު 4:00 އަށެވެ.
އާދިއްތަ ދުވަހު މުޒާހަރާ ކޮށްފައި ވަނީ މާލޭގެ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ސަރަހައްދުގަ އެވެ. މުޒާހަރަގެ ބައިވެރިން ޕީޕީއެމް އޮފީސް ދޮށަށް ގޮސް ވެސް ވަނީ އަޑުއުފުލާފައެވެ.
މި މަހުގެ 14 ވަނަ ދުވަހު ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ގާނޫނުގެ ދަށުން އެ މިނސިްޓްރީން މީގެ ކުރިން ކޮށްފައިވާ އިއުލާނުގައިވާ ގޮތުގެ މަތިން ފުލުހުން ލިޔުމުން ހުއްދަ ދިނުމުން މެނެވީ އެއްވުންތައް ނުބޭއްވޭނެ ކަމަށެވެ. އެގޮތުން ހުއްދަ ނުހޯދާ ރާއްޖޭގެ ވެރިކަން ކުރާ ރަށް މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ ހެންވޭރު ކަނިވާ ސަރަހައްދުގައި އެކަނި ކަމަށް ކަނޑައަޅާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފައި ވެއެވެ.