ރ. އިނގުރައިދޫގައި ހޯމް ކަރަންޓީނު ވެގެން ތިބި ދެ ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އިނގުރައިދޫ ކައުންސިލުގެ ނައިބު ރައީސް އަބްދުﷲ ހަސަން ވިދާޅުވީ، ޕޮޒިޓިވް ވެފައި ވަނީ އެރަށުގައި ހޯމް ކަރަންޓީނު ވެގެން ތިބި ބަންގްލަދޭޝްގެ ދެ ރައްޔިތުން ކަމަށެވެ. އަދި އެމީހުންނާއެކު އެއް ލޯންޗެއްގައި އެރަށަށް ހޯމް ކަރަންޓީނު ވުމަށް އިތުރު 6 ދިވެހިން ދަތުރު ކޮށްފައި ވާއިރު އެ 6 މީހުން ނެގެޓިވް ވެފައި ވާ ކަމަށް އަބްދުﷲ މައުލޫމާތު ދެއްވައެވެ.

އަބްދުﷲ ވިދާޅުވީ އެ ދެމީހުން ހޯމް ކަރަންޓީނު ވެގެން ތިބީ އެއްވެސް އިތުރު މީހަކު ނޫޅޭ ގެއެއްގައި ކަމަށާއި، ނަމަވެސް އެރަށުގައި ތިބޭ ބަންގްލަދޭޝް މީހުން އެގެއަށް ޒިޔާރަތް ނުކުރާ ކަމުގެ 100 ޕަސަންޓު ގެރެންޓީއެއް ނެތް ކަމަށެވެ. އަދި އެމީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ދެ މީހުން އަދިވެސް ތިބީ ހޯމް ކަރަންޓީނުގައި ކަމަށެވެ.

އިނގުރައިދޫން ބަޔަކު ޕޮޒިޓިވް ވުމާ ގުޅިގެން އެރަށުގައި ވަނީ އަޑުގަދަ ކުރާއިން ގޮވާ އެވާހަކަ އާންމު ރައްޔިތުންގެ ސަމާލުކަން ގެނެސްފައެވެ. އަދި ކުރިއަށް ވުރެ ބޮޑަށް އެޗްޕީއޭގެ އިރުޝާދުތަކަށް ސަމާލުކަން ދިނުމަށް ކައުންސިލުގެ ފަރާތުން ރަށުގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފައި ވާއިރު ކުޑަކުދިން ބޭރަށް ނުނެރުމަށާއި މާސްކު އަޅައިގެން އުޅުމާއި އަދި ފިހާރަތަކާއި މަގުމަތީގައި ވީހާވެސް މަދުން މީހުން އުޅުމަށް އިލްތިމާސް ކޮށްފައި ވެއެވެ.

އިނގުރައިދޫން ޕޮޒިޓް ބަޔަކު ފެނިފައި ވާއިރު، މީގެ ކުރިން އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ވެސް ގެންގޮސްފައެވެ. އެއީ ކޮވިޑްގެ ކޭހެއް ފެނި މާލެ ސިޓީ ލޮކްޑައުން ކުރި ދުވަސްވަރު ފެނިގެން ދިޔަ އަމާޒު ބޯޓު ކްލަސްޓާއާ ގުޅިގެންނެވެ. އެ ބޯޓުގެ ކެޕްޓަނާއި އިތުރު ބަޔަކު ޕޮޒިޓިވް ވުމާ ގުޅިގެން އެ ބޯޓާ ގުޅުން ހުރި ހުރިހާ ރަށްތަކެއް ވެސް އޭރު ވަގުތީ ގޮތުން މޮނިޓަރިންގެ ހާލަތަށް ގެންދިޔައެވެ.

ރާއްޖޭގެ ކޮވިޑްގެ މިހާރުގެ ހާލަތަށް ބަލާއިރު، ދުވަހަކަށް ވުރެ ދުވަހެއް ކޮވިޑަށް ޕޮޒިޓިވް ވާ ދިވެހިންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. އެގޮތުން އިއްޔެ އެކަނި ވެސް 50 މީހުން ޕޮޒިޓިވް ވެފަައި ވާއިރު، އޭގެ ތެރޭގައި 34 ދިވެހިން ހިމެނެއެވެ. މިހާތަނަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު 3302 އަށް އަރާފައި ވާއިރު 2534 މީހަކު ބަލިން ރަނގަޅުވެ، 15 މީހަކު ވަނީ ބަލީގައި މަރުވެފައެވެ. މިހާރު މި ބައްޔަށް ފަރުވާ ކުރަމުން ދާ މީހުންގެ އަދަދުވެސް ވަނީ 738 އަށް އަރާފައެވެ.