ރުޅިއައިސްފައި ހުރި ޒިބާންގެ ދެލޮލުން އަލިފާން ކަނި ބުރަމުން ދިޔަ އިރު އޭނާގެ ކަޅި އަމާޒުވެފައި ވަނީ ގޭގެ ދޮރުން ތަންކޮޅެއް އެތެރެއަށް ވަދެހުރި މަންޝާއާ ދިމާއަށެވެ. ކުރިއަށް ފިޔަވަޅެއްވެސް އަޅަން ނުކެރި އެ ހުރި ފިޔަވަޅު މަތީ ހުރެ މަންޝާ އިސްޖާހާލީ ކުށްވެރިވެފައިވާ މީހަކު ފަދައިންނެވެ. ޒިބާންގެ އަތުން ހިފަހައްޓައިގެން ހުރި އަލިފާން ބޯޅަ އޭނާގެ މުށުތެރެއަށް ލާ ބާރުކޮށްލިއެވެ. އަލިފާން ބޯޅަ ޒިބާންގެ އަތުތެރޭގައި އަޅިއަށްވެ އިނގިލިތަކުގެ ދޭތެރެއިން އޭގެ ކުނޑިތައް ފައިބައިގެން ދިޔައެވެ.
މަންޒަރު ބަލަން އިން ތަޒްކިޔާގެ ހިތަށް އުނދަގޫވިއެވެ. މަންޝާގެ ލޮލުން ފޭދިގެން ފައިބަމުންދިޔަ ކަރުނަތައް ފެނި ތަޒްކިޔާއަށް ހިމޭނަކުން ނުހުރެވުނެވެ. އޭނަ އިން ގޮނޑިން ތެދުވެ ކުރިއަށް ހިނގައިގަތެވެ. ޒިބާން ހުއްޓުވަން ފިޔަވަޅެއް އަޅާލި ނަމަވެސް ތަޒްކިޔާގެ މޫނު މައްޗަށް ޒިބާން އަތް ހުރަސްކޮށްލަމުން މަޑުޖެހިލި ގޮތުން އެ ހުރިތަނަށް ތަޒްކިޔާ ގަނޑުވިއެވެ. ޒިބާންގެ ރުޅިގަދަކަން ތަޒްކިޔާއަށް އެނގެއެވެ. އެކަކު ދައްކާ ވާހަކައެއްވެސް އޭނާ މިވަގުތު ގަބޫލު ނުކުރާނެއެވެ. މީހަކު ކިތަންމެ ރަނގަޅު ވާހަކައެއް ބުންޏަސް ޒިބާން އެވާހަކައެއް އަޑުއަހަން މަޑު ނުކުރާނެކަންވެސް ތަޒްކިޔާއަށް އެނގެއެވެ.
މީ މީގެ ކުރިންވެސް ޒިބާން އުޅެފައި ހުރި ގޮތެވެ. އޭނާގެ ހަޔާތުން މަންޝާ ބީވެގެން ދިޔަ ކޮންމެ ފަހަރަކު އޭނާއަށް ވަނީ މިހެންނެވެ. ދިރިއުޅުމުގެ އުންމީދު ގެއްލިފައިވާ މީހަކު ފަދައިން ބިތް ޖެހިފައި އިނުމަށް ވުރެ އެހުރިހާ ކަމެއްގައި އަމިއްލަ ނަފްސު ކުށްވެރިކޮށް ރުޅިގަދަވެފައި ހުރެ މީހާ ހަލާކުވެގެން ދަނީއެވެ.
ޒިބާން ގޮސް މަންޝާ ކުރިމައްޗަށް ހުއްޓިލީ އިސްޖަހައިގެން ހުރި މަންޝާގެ މޫނަށް ރުޅިވެރި ބެލުމަކުން ބަލަހައްޓައިގެން ހުރެއެވެ. މަޑުމަޑުން މަންޝާ އިސް އުފުލާލަމުން އޭނާގެ ކާފަގެ މޫނަށް ބަލާލީ އާދޭހުން ފުރިގެންވާ ފަދަ ބެލުމަކުންނެވެ. ޒިބާންގެ ރަތް ދެލޯ ފެނި މަންޝާގެ ހަތަރެސްފައިގައި ތުރުތުރެއް އުފެދިގެން ދިޔައެވެ.
"ކާފާ... އަޅުގަނޑަށް މައާފްކުރޭ... އަޅުގަނޑު...." މަންޝާ އުޅުނީ ވެގެންދިޔަ ކަންތައް ތަފްސީލުކޮށް ޒިބާނަށް ކިޔައިދޭށެވެ. ނަމަވެސް ޒިބާން އެއިން އެއްވެސް ވާހަކައެއް އަޑުއަހަން ބޭނުން ނުވާ ކަހަލައެވެ.
"ބޮޑު ދައިތައެއް ކަމެއް ވި ނަމަ ދެން ކިހިނެއް ހަދާނީ... މަން... މަން..." މަންޝާގެ ނަން ޒިބާންގެ ދުލަށް ގެނެވުނު ވަގުތު އޭނާއަށް ކުއްލިއަކަށް މަޑުޖެހިލެވުނެވެ. އަޑަށް ބާރުލަމުން ވާހަކަ ދައްކަމުން ދިޔަ ޒިބާންގެ އަޑުވެސް މަޑުވެގެން ދިޔައެވެ. އެ ހިތުގައި މަންޝާގެ ހަނދާންތައް އާވެ އޭނާގެ ހިތުގެ ކަނެއްގައި ރިހުމެއް އުފެދުނެވެ.
"މަންގެ މައާފް ކިހިނެއް އަހަރެން ގަބޫލު ކުރާނީ... އަމިއްލައަށް ކުރަން ނޭނގޭ ކަންކަން ކުރަނީ ކީއްވެތަ؟ ކާކު ބުނެގެން އަލިފާން ބޯޅަ ހަދައިގެން މުޅި ގޭތެރެއަށް ތި ބުރުއްސުވަނީ... ކާކު ބުނެގެން ދައްކާހާ ޗަރުކޭހެއްތަ ތީ؟ މިއަދު އަހަންނަށް މިތަނަށް ނާދެވުނު ނަމަ ދެން ވާނެ ގޮތް އެނގޭތަ؟ އަބަދަކު ކާފައެއްވެސް ނުހުންނާނެ. ބޮޑު ދައިތައަކީ މިއަދު މި އާއިލާގެ ހުރި އެންމެ އިސް މީހާ. ބޮޑު ދައިތައަށް ކަމެއް ވި ނަމަ ޔޯ؟ މަންޝާއަށް ދުވަހަކުވެސް އަހަރެން މައާފެއް ނުކުރާނަން..."
ޒިބާންގެ ހަރުކަށި ބަސްތައް އަޑުއަހަން ހުންނާކަށް މަންޝާގެ ހިތަކަށް ކެތެއް ނުކުރެވުނެވެ. ގޭގެ އެއްފަރާތުން ފެންނަން ހުރި ސިޑިއާ ދިމާއަށް މަންޝާ ދުއްވައިގަތީ އެތާ ތިބި މީހުންގެ ގޮވުންތަކަށް ބީރު ކަންފަތެއް ދެމުންނެވެ. މަންޝާ ހުއްޓުވަން ތަޒްކިޔާއާ މެހެކް ގޮވާލި ނަމަވެސް އެއަޑު އެ މަންޖެއަށް ނީވޭ ކަހަލައެވެ. ދުވެފައި އެ ދިޔަ ގޮތަށް ގޮސް އޭނާ ކޮޓަރިއަށް ވަދެ ދޮރުފަތް ލައްޕާލި އަޑު ތިރީގައި ތިބި މީހުންނަށް އިވުނެވެ.
"ދަރިފުޅާ.. ކީއްވެތަ ތިހާ ހަރުކަށިކޮށް އެމަންޖެއާ ތި ވާހަކަ ދައްކަނީ... ލޯބިން ވާހަކަ ދައްކައިގެން ވިސްނައިދެވޭނެދޯ.. ތިހެން ހެދީމަ މަންޝާ އެދިޔައީ ހިތުގައި ޖެހިގެން ދެން ސައިބޯކަށްވެސް ނާންނާނެ.. ތިހާ ރުޅި އަންނާކަށް ނުވާނެ ދޯ.. ބޮޑު ދައިތައަށް ކަމެއްވީ ކީއެއްވެސް ނޫނެއްނު..." އަސާގަނޑު ޖަހައިގެން މަޑު ހިނގުމެއްގައި ސަކޭރާ އައިސް ޒިބާން ކައިރިއަށް ހުއްޓިލީ ނަސޭހަތް ދީ އޭނާއަށް ވިސްނައިދެމުންނެވެ. ނަމަވެސް އެ ވާހަކަތައް އަޑުއަހަން ޒިބާން އެތާ މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. ވައިރޯޅިއެއްހެން އޭނާ އެމީހުންގެ ކުރިމަތިން ގެއްލިގެން ދިޔައިރު އެތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ނަގާލީ ތަޒްކިޔާއެވެ.
"މަންޝާ ދެކެ ޒިބާން ރުޅި އަންނާކަށް ނުޖެހޭނެ. އަމިއްލަ މީހާ އިންސާނަކާ ހިތާވެގެން ޖެހުނުހާ މުސީބާތް ނިކަން ދެކެބަލަ. ޒޯއީ އަހަރެމެންނާ ވަކިވެގެން ގޮސް ރޫފަސްގެ އާއިލާއިން މިއާއިލާއާ ދެކޮޅަށް ހަނގުރާމައަށް ނުކުމެ ބައްޕަ ސައިބްރޯތާ މެހެކްގެ ފިރިމީހާވެސް މިދުނިޔެއާ ވަކިވެގެން ދިޔައީ... އަދިވެސް ރުޅި އަންނަންވީ ޒިބާންތަ؟" ހަރުފަތްތަކުން މައްޗަށް ދާން ތަޒްކިޔާ ހިނގައިގަތީ މަންޝާ ރޯން ހުރިކަން އޭނާއަށް އިހްސާސް ވާތީ ޒިބާން ނެތްކަން އެނގިހުރެވިޔަސް އޭނާއާ ދިމާއަށް ކިޔަން ބޭނުންވެފައި ހުރި އެއްޗިސް ދުލުން ބޭރުކުރަމުންނެވެ.
ކާމޭޒު ދޮށުގައި ކޮޅަށް ހުރި މެހެކް އަނގައިން ބަހެއް ނުބުނެ ހުރީ ހިމޭންވެފައެވެ. ޒިބާންގެ އަމަލުން މެހެކް ވެސް ހުރީ ހިތުގައި ޖެހިފައެވެ. އޭނާގެ ދަރިފުޅު ދެކެ ޒިބާން އެހާ ރުޅި އަންނަންވީ ސަބަބަކީ އެކުއްޖާގެ ނަމަކަށް މަންޝާ ކިޔުމުން ކަމަށް އޭނާއަށް ގަބޫލު ކުރެވުނެވެ. ޒިބާން ރުޅިއައުމުގައި މަންޝާގެ ކުށެއްނެތެވެ. ބޮޑުވަމުން އަންނަ މަންޝާގެ ހިތުގައި ކުޑައިރުއްސުރެ ފުނިޖެހިފައިވާ ސުވާލުތައް މިހާރު އޭނާ ބޭރުކުރަން ފަށައިފިއެވެ. އެކި ފަހަރު ޒިބާނާ ބެހޭ ގޮތުން އޭނާ ސުވާލު ކުރެއެވެ. އެ ކުއްޖާއަށް މިހުރިހާ ކަމެއް ވިސްނައިދޭން ބުނާނެ އެއްޗަކާ ދޭތެރޭ މެހެކް ދިޔައީ ވިސްނަމުންނެވެ. މާޒީގެ ސަފްހާތައް ހުޅުވައިގެން އެ ކުއްޖާއަށް މި ހުރިހާ ވާހަކަތަކެއް ކިޔައިދޭން ފަށާނެ ގޮތަކާއި އެ ވާހަކަތައް ހިއްސާކުރާނެ ހިތްވަރު އޭނާ ބޭނުންވިއެވެ.
ކޮޓަރީގެ ދޮރު މަޑުމަޑުން ތަޒްކިޔާ ހުޅުވާލި އިރު ގިސްލަ ގިސްލާފައި މަންޝާ ރޮމުން ދިޔަ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ. ކުޑަދޮރުން ބޭރު ބަލަން ހުރި މަންޝާގެ ކުދި ބުޅި އިސްތަށިގަނޑު ވަޔާ އެކު ވިހުރެމުންދިޔައެވެ. އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަން ވެސް ބޭނުން ނުވާ ކަހަލައެވެ. ކުޑަދޮރުން ބޭރުން ފެންނަމުން ދިޔަ ވިލާތަކާ ދިމާއަށް ބަލަހައްޓައިގެން ހުރެ މަންޝާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
"ކީއްވެތަ ކާފަ އެހާ ރުޅި އަންނަނީ... އަޅުގަނޑުގެ ބައްޕަވެސް މި ދުނިޔެއަކު ނެތް... ދެން ކާފަ ކީއްވެގެންތަ އަޅުގަނޑުދެކެ އެހާ ފޫހިވަނީ... މަންމަ ކައިރީ އަހާ އަހާވެސް ޖަވާބެއް ނުދޭ... ކޮންމެވެސް ކަމެއް މިގޭ މީހުން އަޅުގަނޑަށް އެބަ ސިއްރު ކުރޭ... ކީއްވެތަ ސިއްރު ކުރަންވީ.. އަޅުގަނޑު ކުޑަ ވީމަތަ؟ މިހާރު މަންޝާ ކުޑައެއް ނޫނޭ... މަންޝާ ބޮޑުވެއްޖެއޭ..."
ރޮމުން އަމިއްލައަށް އެކަނިމާ އެކަނި އިނދެ މަންޝާ ވާހަކަ ދައްކަމުން ދިޔަ އިރު އޭނާގެ ހިތުގައި ހުރި އެތައް ސުވާލެއް މިއަދު ތަޒްކިޔާގެ ކަންފަތުގައި ޖެހިއްޖެއެވެ. ދެލޯ ފަދައިން ލޯބިވާ މާމަ ދަރީގެ ހިތުގެ ޝަކުވާތައް އިވި ތަޒްކިޔާގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ.
"ކާކުތަ ބުނީ ދަރިފުޅު ތީ ކުޑަކުއްޖެކޭ.. މިހާރު ދަރިފުޅު ތިހިރީ ފުރާ ފުރިހަމައަށް ބޮޑުވެފަ. ބޮޑު އަންހެނަކަށް ވެފަ. ދެން ދަރިފުޅުވެސް ހަޔާތެއް ފަށާނެ. އެހާ ހިސާބަށް ދިޔައިމަ އަނެއްކާ މާމަ މަތިން ހަނދާން ނައްތާ ނުލައްޗޭ..." މަންޝާގެ ބުރަކަށީގައި ފިރުމާލަމުން ތަޒްކިޔާ ވާހަކަ ދައްކަމުން ކުޑަދޮރުން ބޭރުން ފެންނަމުން ދިޔަ މަންޒަރަށް ބަލާލިއެވެ. އެއީ މީގެ ކުރިން ތަޒްކިޔާވެސް ކަންކަމާ ދެރަވީމައި އައިސް ހުންނަ ތަނެވެ. ބޭރުން ފެންނަމުން ދާ މަންޒަރަށް ބަލަހައްޓައިގެން ކުޑަދޮރު ކައިރީ ރޯން ހުންނަ ހަނދާން އޭނާގެ ސިކުނޑީގައި އެނބުރިގަތެވެ.
"އިނގޭތަ.. މާމަވެސް ދެރަވީމަ ކުރީގައި އައިސް މިހެން ބޭރު ބަލަން ހުންނަން. ވިލާތަކުން އުދަރެހުގައި ކުރެހުންތައް ކުރެހިފައިވާ މަންޒަރު ބަލަން ހުރުމަކީ ހާދަ ހިތްފަސޭހަ ކަމެކޭ... ބަލާބަލަ އޭނި ވިލާކޮޅަށް...." ދުރުން ފެންނަމުން ދިޔަ ހިތެއްގެ ބައްޓަމަށް އިން ވިލާ ކޮޅެއް މަންޝާއަށް ދައްކާލަމުން ތަޒްކިޔާ ކުރިއަށް އިނގިލި ދިއްކޮށްލިއެވެ. އެ ދިމާއަށް ބަލަން ހުރި މަންޝާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިތަން ފެނުމުން ތަޒްކިޔާގެ ހިތަށް ހަމަޖެހުމެއް ވެރިވިއެވެ.
"ދެން ހިނގާ ސައިބޯން ދާން...."
*** *** *** *** *** ***
ކާމޭޒު ކައިރީ ހުރި ގޮނޑި ދަމާލަމުން ލިވިއަސް ގޮނޑީގައި ހަމަޖެހިލިއެވެ. މޭޒުމަތީގައި ހުރި ކާއެއްޗިއްސަށް ބަލާލުމަށްފަހު ލިވިއަސް ނެގީ ކައިރީހުރި ބުއިމެވެ. ސަރުބަތު އަޅާފައިވާ އެބުއިމުން އެތިފޮދެއް ރަހަބަލާލުމަށްފަހު މޭޒުމަތީ ބޮޑު ލޯތައްޓެއްގައި އޮތް މަސްގަނޑާ ދިމާއަށް އޭނާ ބަލާލީ ދަހިވެތި ގޮތަކަށެވެ.
ބޮޑު ގެރިއެއްގެ ހަންނޮޅާލުމަށްފަހު ފިހެފައި އޮތް އިރު އޭގެ ފައެއްގައި ލިވިއަސްގެ އަތުން ހިފާލިއެވެ. އޭނާގެ އަތުގެ ވަކިތައް އެފައިގެ ތެރެއަށް ވައްދާލަމުން އެއް އަތަށް ލުކިޖަހާ އަނބުރާލުމަށްފަހު ފައި އޭގެ ހަށިގަނޑުން ވަކިކޮށްލިއެވެ. އޭނާގެ ކުރިމަތީ ހުރި ހުސް ތަށީތެރެއަށް އެފައިބުރި ލީ އެއްފަހަރު ފައިގައި ދަތް އަޅާ ދަތުން މަސްގަނޑެއް ދަމާލުމަށްފަހުއެވެ.
"އާދެވިއްޖެ ދޯ... ކޮން އިރެއް ލިވިއަސް އާދޭތޯ ހުންނަތާ..."
އެތެރެ ގެއިން ނުކުމެގެން އައި ވެލެރިއާގެ ނަޒަރު ހުސްކޮށްލެވިފައި ވަނީ ޗުއިންގަމެއް ހެން އަނގަޔަށް ލީ މަސްގަނޑު ހަފަމުންދިޔަ ލިވިއަސްއާ ދިމާއަށެވެ. ހަންގަނޑުގެ ކުލަ އަޅިކުލައަކަށް ހުރި ވެލެރިއާގެ ހަށިގަނޑުގައި ކެހެރިތަކެއް ފެންނަން ނެތަސް އޭނާގެ ހަންގަނޑުގައި އޮފް ވިދުމެއް ހުރެއެވެ. އޭނާ ހިނގާފައި އައި އިރު ކަޅުކަންގަދަ ފަންދިގު އިސްތަށިގަނޑު ބިންމަތީގައި ކޭއްތިލަ ކޭއްތިލަ އޮތެވެ. ކަޅުކުލައިގެ ހެދުމެއްގައި ހުރި ވެލެރިއާގެ ހެދުން އުފުލާލައިގެން އައިސް ލިވިއަސް ކައިރިން ގޮނޑިއެއްގައި އޭނާ އިށީން އިރު އޭނާގެ ފަހަތުން ހާދިމުންތަކެއް އައިސް އޭނާއަށް ގޮނޑި ދަމާލަދިނެވެ. ހާދިމުންގެ ގޮތުގައި އުޅެމުންދިޔަ ޖިންނިންތަކަކީ އެމީހުންނަށް ވުރެ އިސްކޮޅުން ކުރު އަދި މުށި ހަންގަނޑެއްގެ ބައެކެވެ.
"މަންމަ ކައިރީ ބުނަމެއްނު މަޑުނުކުރާށޭ... އަހަންނަށް އިންތިޒާރު ނުކުރާށޭ... ދަރިން ބޮޑެތި ވީމަވެސް މަންމަ އުޅޭ ގޮތް ދޯ..." ލިވިއަސް ކައިރީ ހުރި ސަރުބަތު ތަށިން އެތިފޮދެއް ބޯލި އިރު އޭނާގެ މޫނުމަތިން ފާޅުވަމުން ދިޔައީ ހިތްހަމަނުޖެހުމުގެ ކުލަވަރެވެ.
އަތުން މޭޒުމަތީ ވެލެރިއާ ޖަހާލިއިރު އޭނާގެ ދެލޯ ވަނީ ނޫކުލައިން ދިއްލިފައެވެ. "ބޮޑުވީ އިރު ލިވިއަސް ވާކަމެއް އެބައޮތްތަ؟ ކޮންމެ ފަހަރަކު ކޮންމެ ކަމެއް ކުރިއަސް އަމިއްލަ ބާރުގެ ބޭނުންކޮށްގެން ކަމެއް ހާސިލް ކުރެވުނު ދުވަހެއް އެބަ އޮތްތަ؟ އަމިއްލަ މީހާ ތި އުޅެނީ މީހެއްގެ ދަށުވެގެން މީހެއްގެ ފިޔަގަނޑު ދަށުގައި އޭނާއަށް ތަބާ ވެގެން. ބަލަ ތިހެން އުޅެގެން ކިހިނެއްތަ ލިވިއަސް އަށް މަންމަ ބޭނުންވާ ކަންކަން ފުއްދޭނީ... ތަހުތުގައި ލިވިއަސް ބައިންދަން ބޭނުންވިއަސް އެކަން ހާސިލް ކުރެވޭނެތަ؟ ކައިކައިގެން މީހުންނަށް މައްލަވަ ޖައްސަން ދުވާއިރު މި ސަހަރުގެ މީހުންގެ ރުހުން ހޯދުމާއި ބާރުގެ ބޭނުންކޮށްގެން ބާރުހުރި ޖިންނިއަކަށް ލިވިއަސް ވާނީ ކޮންދުވަހަކުންތަ؟..."
ކާން ހުރި ތަށި ދުރަށް ޖައްސާލަމުން ލިވިއަސް އެތަނުން ދާން ހިނގައިގަތީ ވެލެރިއާ ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން އޭނާ ބޭނުން ނުވާތީއެވެ. "މަންމާ... އަނެއްކާވެސް އެއްކަލަ ހާސަރުގަނޑު... އަހަރެން ބޭނުމެއް ނޫނޭ ތަހުތެއް.. ދޮންބެ އެހުރީނު. ދޮންބެއަކީ ތި ހުރިހާ ކަމަކަށް އެންމެ ކޮލިފައިވާނެ މީހާ... ދެން އަހަރެން އަރާމުގަ މިހެން އުޅުން މާ ސަޅިއެއްނު... ވަރަށް ވަރުބަލިވެއްޖެ. މި ދަނީ ނިދާލަން..."
ލިވިއަސް ގޭތެރެއަށް ވަދެގެން ދިޔައިރު ވެލެރިއާ ހުރީ ރުޅިގަނޑު އިންތިހާއަށް ގޮސްފައެވެ. ދަތްކުނޑިވިކާލަމުން ގޮނޑިން ތެދުވެ މޭޒުގައި އޭނަ އަތް ވިއްދާލި އިރު ވެލެރިއާގެ އިސްތަށިގަނޑު ވަޔާއެކީ ބޯމަތިން ކަޅުކަން ގަދަ ވިލާގަނޑެއްހެން ވިހުރިލިއެވެ.
ހުދުވެފައިވާ އިސްތަށިގަނޑަކާއެކު އެތަނަށް ނުކުތް އުމުރުން ދުވަސްވީ ޖޫލިއަސް ފެނުމުން ވެލެރިއާ އިސްޖަހާލީއެވެ. ހަމައެއާއެކު އޭނާގެ އިސްތަށިގަނޑުވެސް ތިރިވެ ކުރިން ހުރިގޮތަށް ރުޖޫއަ ވެއްޖެއެވެ. "ކޮންކަމަކާ ތިހާ ރުޅިއައިސްފަ ތިހުރީ... ލިވިއަސްއާ ދެމީހުން އަރައިރުންވަނީތަ؟"
"އޭނާ ބޮޑުވެގެން ވެސް އަހަރެން ބުނާގޮތެއް ހަދާ ނަމަތާ... މާމަ ދަރިން ހަލާކުކޮށްގެންނު ތި ހުންނަނީ..." ރުޅިވެރިކަން ދައްކަމުން ވެލެރިއާ އޭނާގެ މައިދައިތައާ ދިމާއަށް ނުރުހުމުގެ ބަސްތައް އުކަން ފެށިއެވެ.
"މި ޖޯރަމް ސަހަރުގެ ރާނީއަކީ ކަލޭ.. އެކަމަކު ދެން އެކަމަށް ނިމުން އަންނާކަށް މާ ގިނަ ދުވަހެއް ނެތް. ލިވިއަސް ތަހުތަށް އަރާނެ ހަމައެއްގޮތެއްވެސް ނެތް. ތަހުތަށް އަރާނީ އޭނާގެ ބޭބެ ލިވީތަން... ލިވީތަންއަކީ އާރާއި ބާރު ހުރި އާދަޔާ ހިލާފް ޖިންނިއެއް..." ޖޫލިއަސް ބޮޑާވެލާފައި ލިވީތަންނަށް ތައުރީފް ކުރުމުން ވެލެރިއާގެ ރުޅިގަނޑު ދެގުނައަށް އިތުރުވިއެވެ.
"އިންސާނަކާއެކީ ހޯދި ދަރިއެއް އެއީ.. ބަރްސޫލްގެ އެ ދަރިއަކީ މި ރަސްދަރިކޮޅަށް ނިސްބަތްވާ ދަރިއެއްކަމަކަށް އަހަރެން ގަބޫލެއް ނުކުރަން. އަދި ބުނެފިއެއްނު ލިވިއަސްގެ ބޭބެއޭ... ލިވިއަސްގެ ނުހުންނާނެ ބޭބެއެއް. އެއީ އަހަރެމެންނާ ބެހޭވެސް މީހެއް ނޫން. މަށަށް ވެގެން ވަންޏާ ތި ލިވީތަނަށް ތަހުތަށް އަރާކަށް ލާހިކެއް ނޫން. ބަލަން ހުންނާތި. ތަހުތަށް އަރާނީ ލިވިއަސް..."
ހެދުންގަނޑު އެއްފަރާތަށް ހޫރާލުމަށްފަހު ޖޫލިއަސްއަށް ފުރަގަސްދެމުން ވެލެރިއާ އެތެރެގެއާ ދިމާއަށް ހިނގައިގަތީ ލިވިއަސްގެ ނަމުން ބާރަށް ގޮވާލަމުންނެވެ.
*** *** *** *** *** ***
ބިންގަރާހުގެ ތެރޭގައި ނިދިޖެހިފައި އޮތް މަންޝާއަށް ހޭލެވުނީ ދަގަނޑު ދޮރުފަތްގަނޑު ހުޅުވާލި އަޑު އޭނާގެ ކަންފަތުގައި ޖެހުމުންނެވެ. މަޑުމަޑުން ދެލޯ ހުޅުވާލަމުން ވަށައިގެން އެނާ ބަލާލީ އެތަނަށް އެއްވެސް އަލިކަމެއް ވެރިވެފައި ހުރިތޯއެވެ. ފަރުބަދައިގެ ހޮހޮޅައިގެ ތެރެއިން އެންމެ ތިރިއަށް ދެވެން ހުރި ބިންގަރާހަށް އިރުގެ އަލިކަން އެޅިފައި ވަނީ މަތިން ފެންނަން ހުރި ބާގަނޑުންނެވެ. އެތަނަށް އެޅިފައިވާ އިރުގެ ދޯދިން ތަންދޮރު ވަކިވާވަރުގެ އަލިކަމެއް ލިބިފައި ހުއްޓެވެ.
ހަށިގަނޑުގައި ވަރެއް ނެތުމުން އަނެއްކާވެސް މަންޝާގެ އެސްފިޔަތަކަށް ބަރުވެ މީހާއަށް ނިދިޖެހޭ ގޮތްވިއެވެ. ހަތަރެސް ފައިގައި އަޅުވާފައިވާ ދަގަނޑު ތަނޑިތަކުގެ ބަރަށް އަތްފައި ގުޑުވާނެހާ ހިތްވަރު އޭނާގެ ގަޔަކު ނެތެވެ. ހިލިހިލާތަކާއެކީ އޭނާ އެ ހިރަފުސް ފަސްގަނޑުމަތީ އޮށޯވެގެން އޮތީ ކުރުގެޅިގެންނެވެ.
މަންޝާގެ ފަން އިސްތަށިގަނޑުން ނުރައިގެ އަސަރު ފެންނަން ހުއްޓެވެ. މޫނުމަތިން ފެންނަމުން ދިޔައީ އުމުރުން ދުވަސްވެފައިވާ ކަމުގެ ނިޝާންތަކެވެ. ހަންގަނޑު ކުރަކިވެފައިވާއިރު މޫނުގެ އެކި ތަންތަނުން ހަންގަނޑު ކަޅުވެ ލޯކައިރިން ކުދި ރޫތަކެއް ފާޅުވަމުން ދިޔައެވެ. އިސްތަށިގަނޑު ބަލިކަށިވެ ވަނީ ހިރަފުސް ބުރާފައެވެ.
ދެލޯ މެރިފައި އޮތް މަންޝާއަށް މީހެއްގެ ފިޔަވަޅުތަކުގެ އަޑު ކަންފަތުގައި ޖެހުނެވެ. ނަމަވެސް އޭނާއަށް އެ އޮތްތަނުން ހިއްލާލާނެހާ ހިތްވަރެއް ނެތެވެ. ހިމޭނުން އިވެމުން ދިޔަ އަޑުތަކަށް ސަމާލުކަން ދީގެން އޮތްއިރު އޭނާގެ ލޮލަށް ވަނީ ބަރުވެފައެވެ.
"މަންޝާ... އޭ މަންޝާ.. ކަލޭ ނިދަނީތަ؟..."
ބަވޭޝް އަޑު ބަރުކޮށް ގޮވަމުން އައިސް އަސާގަނޑުން ނިދިޖެހިފައި އޮތް މަންޝާގެ ގައިގައި ކޮއްޓާލިއެވެ. ސިހިފައި މަންޝާ ތެދުވެ ބިރެއް ފެނިގެންހެން ބަވޭޝާއާ ދިމާއަށް ބަލާލީ އޭނާ އޮތް ހާލަތާ މެދު ވިސްނާލަމުންނެވެ. މީހާ ކުރުގެޅެމުން ދުރަށް ޖެހެމުން ގޮސް ފާރުގައި ލަށްވެ، އޭނާ ލައިގެން ހުރި ހެދުމުގެ ފަސްބަޔަށް އަތުން ހިފާ ދަމަމުން ދިޔައީ ހަށިގަނޑުން ބައެއް ބަވޭޝްއަށް ދައްކަން ބޭނުން ނުވާތީއެވެ.
"ކަންޗަން.. އަހަރެން މިދަނީ ރާއްޖެއަށް ދާން... ބޮޑު މަސައްކަތެއްގައި މިދަނީ.. ކަލޭ ރަނގަޅަށް މަންޝާއަށް ބަލާތި ނުބައިކަމެއް ފާހަގަވަންޏާ މަށަށް އަންގާތި؟... އެކޮޅަށް ގޮސް ކަލެއަށް މަ ގުޅާނަން..." ބަވޭޝްގެ ފަހަތުން އެތަނަށް އައިސް ހުއްޓުނު އުމުރުން ދުވަސްވީ އަންހެންމީހާއާ މުހާތަބްކޮށް ބަވޭޝް ސުވާމީ ދިޔައީ ވާހަކަ ދައްކަމުންނެވެ. އެދެމީހުންގެ ދެމެދުގައި ހިންދީ ބަހުން މުއާމަލާތް ކުރަމުން ދިޔަ ނަމަވެސް އެ ބަހަކީ މަންޝާއަށް ފަރިތަ ބަހެކެވެ.
މަންޝާގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައި ހުންނަ ކަންޗަނަކީ ބަވޭޝް ސުވާމީ ވަރަށް އިތުބާރު ކުރާ އޭނާގެ ކައިރީގައި އެތައް އަހަރުތަކެއް ވަންދެން އެ ފައްޅީގައި މަސައްކަތް ކުރަމުން ދިޔަ އަންހެނެކެވެ. ކަންޗަން ހުރީ އޭނާގެ ސާހިބު މީހާގެ އަމުރުތަކަށް ކިޔަމަންވެގެން އަޑުއަހާ ފަދައިން އިސްޖަހައިގެންނެވެ. ބަވޭޝްގެ އަމުރަށް ކިޔަމަންވެގެން ހުރި މީހަކު ފަދައިން އޭނާ ބުނި ކޮންމެ އެއްޗަކަށް ކަންޗަން ދިޔައީ އެއްބަސް ވަމުންނެވެ.
"ރާއްޖެއަށޭ...." މަންޝާގެ ކަންފަތުގައި ބަވޭޝް ދެއްކި ވާހަކަތަކުން އަޅައިގަތް ބަސް ތަކުރާރުކޮށްލެވުނެވެ. މަންޝާ އެހެން ބުނި އަޑު ބަވޭޝް އާއި ކަންޗަންއަށް ނީވުނުކަން އެއީ ނަސީބެވެ. އެހެންނޫން ނަމަ އެކަމުގެ ހަސްކާ މަންޝާއަށް އަންނާނެ ކަން ކަށަވަރެވެ.
މަންޝާގެ ހިތުގައި އެވަގުތު ބަޔާންކުރަން ދަތި ބިރުވެރިކަމެއް އަށަގަތެވެ. އޭނާ ފޮރުވައިގެން އުޅޭ ބޮޑު ސިއްރު ފަޅާ އަރަން ގާތްވަނީއެވެ. ބަވޭޝް ރާއްޖެއަށް ގޮސްފި ނަމަ އޭނާގެ ހުރިހާ ސިއްރެއް ފަޅާއެރުން ވަރަށް ގާތެވެ. މަންޝާގެ ހިތުގެ ވިންދު ދިޔައީ އަވަސްވަމުންނެވެ.
އަސާގަނޑު ޖަހައިގެން ހިނގަމުން ދިޔަ ބަވޭޝް ކުރިއަށް ޖެހިލީ އެތާ އަނދިރިގަނޑުގެ ތެރޭގައި ހުރި ހަރުފަތަކާ ދިމާއަށެވެ. އޭނާ ހިފަހައްޓައިގެން ހުރި އަލިފާން ޖަހާފައިވާ ލަކުޑިބުރި ކަންޗަން އަތަށް ދިއްކޮށްލިއެވެ. އަދި އޭނާ ބަލަމުން ދިޔަ ހަރުފަތަށް އަލިކުރުމަށް އަމުރުކުރިއެވެ. ބަވޭޝް އެދުނު ފަދައިން އެ ހަރުފަތަށް ކަންޗަން އަލިކޮށްގެން ހުރީ ބަވޭޝް ހޯދާ އެއްޗެއް ދެނެގަންނާށެވެ. ކުރިއަށް ޖެހެން މަންޝާ މަސައްކަތް ކުރީ އެ ހަރުފަތުގެ ތެރެއިން ބަވޭޝް ހޯދަމުންދަނީ ކޮން އެއްޗެއްކަން މަންޝާއަށް އެނގޭތީއެވެ. ނަމަވެސް މަންޝާގެ ފަޔަށް ބަރުވެފައި ވުމުން އޭނާއަށް ކުރިއަށް ޖެހެވޭ ގޮތެއް ނުވިއެވެ.
ހަރުފަތްތައް ހާވާލަމުން އޭނާ އެތަނުން ނެގީ ކުޑަ ބިއްލޫރި ފުޅިއެކެވެ. އެ ފުޅި ނަގާ އޭގައި ހުރި ހިރަފުސްތައް ފޮޅާލަމުން އަތުން ފުޅީގެ ބޭރު ސާފުކޮށްލިއެވެ. އޭނާ އެފުޅިއަށް ބަލަން ހުރުމަށް ފަހު އެނބުރި މަންޝާއާ ދިމާއަށް ބަލާލީ ވިހަ ހިނިތުންވުމާކާ އެކީގައެވެ. ކަނަކަށް ޖެހި ގުޅަވެގެން އިން މަންޝާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. އެއީ އޭނާގެ ސިއްރު ހޯދަން ބަވޭޝް ކުރާ މަސައްކަތުން ކުރިއެރުން ހޯދެން އޮތް ހަމައެކަނި ގޮތްކަން މަންޝާއަށް އެނގެއެވެ.
ގަދަ ދައްކަން ބޭނުންވި ނަމަވެސް ގަދަ ހެދޭނެ ފުރުސަތެއް އޭނާއަކަށް ނެތެވެ. ހިމޭނުން އިސްޖަހައިގެން އިންނަން މަސައްކަތް ކުރި ނަމަވެސް މަންޝާގެ މޫނުމަތިން ފާޅުވަމުން ދިޔަ އުދާސްކަން ދެނެގަންނަން ބަވޭޝަށް އެނގުނެވެ.
"މަ ދާހާ ތާކަށް މި ގެންދާނަން.. އޭނަ ހޯދާފަ ނޫނީ ދުލެއް ނުކުރާނަން... ކަލެއަކަށްވެސް މި ކުރާ މަސައްކަތެއް ނުހުއްޓުވޭނެ... ކަލެއަކީ މަގޭ ކޮށީގައި ޖެހި ބަނދެވިފައިވާ ދޫންޏެއް... ކާންދީނީމަ ކައިގެން މަށަށް ކިޔަމަންވެ މަށަށް ސަޖިދަ ކުރުން ނޫން ކަމެއް ކަލެއަކަށް ނެތްކަން ހަނދާން ބަހައްޓާތި"
ބަވޭޝްގެ ހަރުކަށި ބަސްތަކުން މަންޝާގެ ލޭ ކެކޭ ގޮތް ވިއެވެ. އެ ނުބައި ކާފަރު މީހާއަށް އޭނާ މަރުވިޔަސް ސަޖިދައެއް ނުޖަހާނެއެވެ. ކިތަންމެ އަނިޔާއަކަށް ކެތްކުރަން ޖެހުނަސް އިސްލާމް ދީން ނޫން އެހެން ދީނަކަށް އޭނާ ބޯ ނުލަނބާނެއެވެ. ހަތަރެސް ފައިގައި ޖަހާފައިވާ ދަގަނޑު ހިލިހިލިތަކުގެ ބަރަށް އަތްފައި ގުޑުވަން އުނދަގޫވި ނަމަވެސް މަންޝާ ގަދަ ދައްކަމުން އަތަށް ވާންކޮށް ލުކިޖަހާލިއެވެ. އޭނާގެ އަތުގައި ޖަހާފައިވާ ޗޭނުގަނޑު ހެލިލި އަޑު ބަވޭޝްގެ ކަންފަތުގައި ޖެހުމުން އޭނާ ވަރުގަދަ ބޮޑު ހިނިގަނޑެއް ޖަހާލަމުން އެތަނުން ދާން ހިނގައިގަތީ އަތުގައި އޮތް ބިއްލޫރި ފުޅީގައި ބޮސްދެމުންނެވެ.
އެމީހުން އެތަނުން ދިއުމުން މަންޝާ އިން ތަނަށް ތިރިވެ ރޯން ފެށިއެވެ. އެތަނުގައި އޭނާ ގައިދީއެއްހެން ހުންނަތާ އެތައް އަހަރުތަކެއް ވީއެވެ. އެ ނުބައި ނުލަފާ ބަވޭޝްގެ އަތްދަށުން ސަލާމަތްވެވޭނެ ދުވަހެއްގެ އިންތިޒާރުގައި ދުވަސްތައް ގުނަމުން ދިޔަ މަންޝާ އިންތިޒާރު ކުރަމުން ދަނީ އޭނާގެ ދަރިފުޅު އަންނާނެ ދުވަހަކަށެވެ. އޭނާގެ ދަރިފުޅަށް ނޫނީ މަންޝާ އެތަނަކުން ސަލާމަތެއް ނުކުރެވޭނެއެވެ.
(ނުނިމޭ)
ވާހަކާއިގެ އަނެއް ބައި ކޮބާ؟