މިނިވަންކަން ނުލިބޭ ކަމަށް ބުނެ ޗާންދަނީ ޖަންގްޝަން ކައިރީ އިހުތިޖާޖެއް ކުރަން ފަށައިފިއެވެ.

އެ އިހުތިޖާޖުގައި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ އިސް ގިނަ މެންބަރުން ވެސް ވަނީ ބައިވެރި ވެފައެވެ.

އެ ސަރަހައްދުގައި ފުލުހުން ހަރަކާތެރިވަމުން ދާއިރު މިހާރު ވަނީ އެ އެއްވުމުގެ ބައިވެރިއަކު ހައްޔަރު ކޮށްފައެވެ.

ފުލުހުން އެ ސަރަހައްދުން އާންމުން ފޮނުވާލުމަށް މަސައްކަތް ކުރަމުން ދާއިރު ގިނަ އަދަދެއްގެ ފުލުހުން ދަނީ ހަރަކާތްތެރި ވަމުންނެވެ.

އެ އެއްވުމުގެ ބައިވެރިން ގޮވާލަމުން ދަނީ އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށާއި ރާއްޖޭގައި އިތުރު ގައުމެއްގެ މީހުންނަށް ޖާގަ ނުދިނުމަށާއި ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހު، މިނިވަންކަންކަމުގެ އިހުސާސް ކުރެވިގެން ނުދާ ކަމަށެވެ.

އިދިކޮޅުން ޗާންދަނީމަގުގައި ބާއްވަމުން ދާ އިހުތިޖާޖުގައި ޣައްސާން މައުމޫން (މ) ބައިވެރިވެވަޑައިގަންނަވަނީ

އެ އެއްވުމުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫނާއި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވެސް ދަނީ ބައިވެރިވެވަޑައިގަންނަވަމުނެވެ. އަދި އިދިކޮޅުގެ ކޯލިޝަންގެ ކައުންސިލްގެ ބައެއް މެންބަރުންވެސް ދަނީ ބައިވެރިވަމުންނެވެ.

މުޒާހަރާގެ ބައިވެރިން މަޖީދީމަގުގެ މެދުގައި އިށީނދެ އަޑުއުފުލަމުން ދާއިރު ފުލުހުން އެ ސަރަހައްދުން ބައިވެރިން ދުރުކުރުމަށް ދަނީ މަސައްކަތް ކުރަމުނެވެ. އަދި އެ ސަރަހައްދުން ދުރުކުރުމުން އަނެއްކާވެސް މުޒާހަރާގެ ބައިވެރިން އައިސް މަގުމަތީގައި އިށީނދެއެވެ.

އެންމެ ފަހުން ލިބުނު މައުލޫމާތަށް ބަލާއިރު މުޒާހަރާގެ ބައިވެރިން މަޖީދީ މަގާއި ޗާންދަނީ މަގު ޖަންގްޝަން ދޫކޮށް މިހާރު ދަނީ މަޖީދީ މަގުން އިރަށް ހިނގަމުންނެވެ. މަޖީދީ މަގުން ހުޅަނގުން އިރަށް މުޒާހަރާގެ ބައިވެރިން ހިނގަމުން ދާއިރު، މުޒާހަރާ ރޫޅާލުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރެއިން އެ މުޒާހަރާގައި ބައިވެރިވި އަންހެނެއްގެ ބޮލަށް އަނިޔާ ވެފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

ސޯސަންމަގުން މަޖީދީމަގަށް ވާގޮތައް މުޒާހަރާގެ ބައިވެރިން އިށީންދެ ދަނީ ބައިވެރިންގެ ޝުއޫރު ފާޅު ކުރަމުންނެވެ.

އެގޮތުން އަދުލު އިންސާފު ގާއިމް ކުރުމަށާއި ވެފައިވާ ވައުދުތައް ނުފުއްދަވާ ކަމަށާއި އެ ވައުދުތައް ފުއްދުމަށް ދަނީ ގޮވާލަމުނެވެ. އަދި މިނިވަންކަން ރާއްޖޭގައި ނެތް ކަމަށާއި މިނިވަންކަން ހޯދައި ދިނުމަށް ދަނީ ގޮވާލަމުނެވެ.

މުޒާހަރާގެ ބައިވެރިން އަނެއްކާވެސް ކުރިއަށް ހިނގަމުންދާއިރު، ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ދަނީ ގޮވާލަމުނެވެ.

އިހުތިޖާޖުގެ ބައިވެރިން ޕީޕީއެމް އޮފީސް ދޮށަށް ގޮސް ވެސް ވަނީ އަޑުއުފުލާފައެވެ.