ކޮވިޑް-19 އިން ރައްކާތެރި ވުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނެސް މިހާރު ދީފައިވާ ލުއިތައް ހަރުކަށި ކުރުމަށް މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ގޮވާލައިފިއެވެ.
ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެމްއާރްއެމުން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު ސަރުކާރުން ދީފައިވާ ލުއިތަކަށް ބަދަލު ގެންނަން ޖެހޭ މިއީ އެއަށް ވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ވަގުތު ކަމުގައި ދެކޭ ކަމަށެވެ.
މިނިވަން ދުވަސް ބައްދަކުރިއިރު ރައްޔިތުން ވަނީ މިނިވަން ކަމާއިއެކު އެއްރަށުން އަނެއްރަށަށް ދަތުރުކުރާނެ ގޮތެއް ނެތި، ދަތިތަކާއި ކުރިމަތިލާން ޖެހިފައި ކަމަށާއި ކޮވިޑްގެ މިހާލަތު ރަނގަޅު ކުރުމަށާއި ރައްޔިތުންނަށް ފަސޭހަ ގޮތްތައް ފަހިކޮށްދިނުމުގައި ދިވެހި ސަރުކާރުން ހަމަޖައްސާފައިވާ އިންތިޒާމުތައް މިހާރަށްވުރެ ހަރުދަނާ ކުރުން ޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.
މިނިވަން ދުވަހަށް އިޝާރާތްކޮށް ބުނެފައި ވަނީމިނިވަންކަން ހޯދުމަކީ އެކަމުގައި އެތައް ބައެއްގެ ބޮޑެތި ގުރުބާނީތަކާއި ހައްގުތައް ޝާމިލުވާ ކަމެއް ކަމުން، މިނިވަންކަން ހޯދުމަށް ވުރެ އެ ލިބުނު މިނިވަންކަން ދެމެހެއްޓުމަކީ ބޮޑު ގޮންޖެހުމެއް ކަމަށާއި ކިތަންމެ ގޮންޖެހުން ބޮޑު ނަމަވެސް އެކަމުގެ ޒިންމާއާ މަސްއޫލިއްޔަތު އެޅިފައި އޮންނަނީ އެއިރެއްގައި އޮންނަ ސަރުކާރެއްގައި ކަމަށެވެ. މީގެ އިތުރުން އެ ބަޔާނުގައި ވަނީ މިނިވަންކަން ދެމެހެއްޓުމަށް ރައްޔިތުން ވެސް މަސައްކަތް ކުރަންޖެހޭކަމަށް ފާހަގަ ކުރައްވާފައެވެ.
މިގެ ކުރިންވެސް އެމްއާރްއެމުން ވަނީ މިހާރު އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކިބައިން އެދިވަޑައިގެންފައެވެ.
ދުވަހަކަށްވުރެ ދުވަހެއް ކޮވިޑަށް ޕޮޒިޓިވްވާ ދިވެހިންގެ އަދަދު އިތުރުވެފައި ވާއިރު މިހާރު ރާއްޖޭގައި ޕޮޒިޓިވް ވެފައިވާ ބަންގްލަދޭޝް މީހުންގެ އަދަދަށްވުރެ ދިވެހިންގެ އަދަދު ވަނީ އިތުރު ވެފައެވެ. ލޮކްޑައުނަށް ދިން ލުއި ތަކަށް ފަހު އެމްނެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވް ވެފައި ވަނީ އިއްޔެއެވެ. އެގޮތުން އިއްޔެ އެކަނި ރާއްޖެއިން 77 މީހަކު ޕޮޒިޓިވް ވެފައި ވާއިރު އޭގެތެރެއިން 56 މީހުންނަކީ ދިވެހިންނެވެ.