ކޮވިޑް-19ގެ ސަބަބުން، ދިރާރުގެ އާމްދަނީ ދަށްވެ، ސާފު ފައިސާ ދަށްވެ، އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 2.07 ރުފިޔާ ކަނޑައަޅައިފިއެވެ.
ދިރާގުން ބުނީ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން މިދިޔަ މާޗް 11 ވަނަ ދުވަހު މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމެއް ކަމަށް ކަނޑައަޅާފައިވާ ކޮވިޑް-19ގެ ސަބަބުން ެ ކުންފުނިން ހާސިލުކުރެވުނު މާލީ ނަތީޖާއަށް ފާހަގަކުރެވޭ ވަރުގެ ބޮޑު އަސަރެއްކޮށްފައިވާ ކަމަށެވެ. އެގޮތުން ކޮވިޑް-19ގެ ސަބަބުން ގައުމުގެ އިގްތިސޯދަށް ކޮށްފައިވާ އަސަރުގެ ސަބަބުން މިއހަަރު ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ކުންފުނީގެ ޖުމްލަ އާމްދަނީ 25 ޕަސަންޓް ދަށަށް ގޮސްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
ދިރާގުން ބުނީ، ކުންފުނީގެ ވިޔަފާރީގެ މުހިންމު ހުރިހާ ދާއިރާއަކުން ވެސް ލިބުނު ފައިދާ ޖުމްލަ ގޮތެއްގައި ދަށަށް ގޮސްފައިވާއިރު، އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީ މި އަހަރުގެ ދެވަނަ ކުއާޓަރުގައި ބައިނަލްއަގްވާމީ ބޯޑަރުތައް ބަންދުކުރުމާއި ފަތުރުވެރިކަން ހުއްޓުމަކަށް އައުމުގެ ސަބަބުންކަން ފާހަގަކުރެވިފިވާ ކަމަށެވެ.
އަދި ކުންފުނީގެ ސާފު ފައިދާ 49 ޕަސަންޓުން ދަށްވެފައިވާއިރު އާމްދަނީން ހިއްސާއަކަށް ޖެހޭ މިންވަރު ވަނީ ފާއިތުވި ކުއާޓަރާ އަޅާބަލާއިރު 50 ޕަސަންޓު ދަށްވެފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
އެހެންކަމުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މަސައްކަތް ކުރަނީ ހަމަހަމަ ގޮތެއްގައި ދުރު މުސްތަގުބަލުގެ އިންވެސްޓްމަންޓްތައް ރާވައި ކުންފުނީގެ މާލީ ހާލަތު ވަރުގަދަކޮށް، މާކެޓްގައި ދިމާވާ ފަދަ ގޮންޖެހުންތައް ގިނަ ދަނޑިވަޅުތަކުގައި ވެސް ކުންފުނީގެ ހިއްސާދާރުންނަށް ދެމެހެއްޓިނިވި ގޮތެއްގައި ނަފާ ހޯދައިދެވޭނެ ގޮތްތައް ހޯދުމަށެވެ. އެގޮތުން މިހުރިހާ ކަމަކަށް ރިއާޔަތްކުރުމަށްފަހު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިއަހަރުގެ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 2.07 ރުފިޔާ ކަނޑައަޅާ، ޖުމްލަ 157،320،000 ރުފިޔާ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ބަހަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
ދިރާގުން ބުނީ އަންނަ އޮގަސްޓް 11 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް ކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކަށް މި އިންޓަރިން ޑިވިޑެންޑް ބެހުމަށް ނިންމާފައިވާ ކަމަށެވެ.