ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ކުޑަކުދިންތަކެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކާޓޫން "ޕޯ ޕެޓްރޯލް"ގެ ޝޯތައް ކެންސަލް ނުކުރާ ކަމަށް، އެ ޝޯގެ ޕްރޮޑިއުސަރުން ހާމަކޮށްފިއެވެ.

ޝޯގެ ޕްރޮޑިއުސަރުން މިކަން ހާމަކޮށްފައި މިވަނީ، ބޮއިކޮޓްކުރާ އުސޫލުން ފުރައްސާރަ އަމާޒުވެ ކެންސަލް ކުރަމުންދާ ޝޯތަކުގެ ލިސްޓުގައި "ޕޯ ޕެޓްރޯލް" ހިމެނޭ ކަމަށް، ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކޭލީ މެކިނާނީ ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ދިވެހިރާއްޖޭގެ ކުޑަކުދިންގެ އާބާދީގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފަފައިވާ "ޕޯ ޕެޓްރޯލް" ގެ ޕްރޮޑިއުސަރުން ބުނީ، ހާސްވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އެމެރިކާގެ އަދުގެ ހާލަތަށް ބަލާއިރު، ފުލުހުންގެ ހިދުމަތަށް ހާއްސަކޮށްގެން ގެނެސްދޭ ގިނަ ޝޯތަކެއް މިހާރު ވަނީ އޮންއެއާ ކުރުން ހުއްޓާލާފައެވެ. މިފަދަ ގިނަ ޝޯތަކެއް ހުއްޓާލާފައިވަނީ، އެމެރިކާގެ ދޮން ނަސްލުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ލާއިންސާނީ އަނިޔާ ލިބި، އެ އަނިޔާގައި މަރުވެދިޔަ ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑްގެ މަރުގެ ހާދިސާއާއި ގުޅިގެން އެމެރިކާގައި އުފެދިފައިވާ ނަސްލީ ހަމަނުޖެހުންތަކުގެ ތެރެއިންނެވެ.

ކަންމިހެން އޮތްއިރު، ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ވަނީ، ލެގޯގައި ހިމެނޭ ފުލުހުންގެ މާޝަންޑައިޒްއެއްވެސް ނަގާފައިވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް ލެގޯ ކުންފުނިންވެސް ވަނީ އެފަދަ ކަމެއް ނުހިނގާ ކަމަށް ބުނެފައެވެ.