އަންނަ މަހު ގެސްޓް ހައުސްތައް ހުޅުވާ ޓޫރިޒަމް އަލުން ފަށައިގަތުމަށް އެކުލަވާލި ގައިޑްލައިންގައި އޮތް ނަަމަވެސް ގެސްޓް ހައުސްތައް ހުޅުވާ ދުވަސް ފަސްކުރަން ސަރުކާރުން ނިންމައިފިއެވެ.
މިރޭ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަދި ހއ. އިހަވަންދޫގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، އަންނަ މަހު ގެސްޓްހައުސްތައް ހުޅުވަން ނިންމި ނިންމުން ރިވިއު ކުރާ ކަމަށާއި ގެސްޓް ހައުސްތައް އޮގަސްޓް މަހު ނުހުޅުވާ ގޮތަށް ނިންމާފައިވާ ކަމަށެވެ.
އަމީން ވިދާޅުވީ އޮގަސްޓް މަހުގެ 15 ހިސާބުގައި އަލުން ރިވިއު ކުރުމަށްފަހު ގެސްޓްހައުސްތައް ހުޅުވޭނީ ކޮން ހިސާބެއްގައިކަން އިއުލާނު ކުރާނެ ކަމަށެވެ. މިހާރުގެ ހިސާބުތަކާއި އަދަދުތަކާއި ނުވަތަ މިހާރު ބަލި ފެތުރޭ ނިސްބަތާއި އަތޮޅުތެރޭގައި ބަލީގެ އަލާމާތްތައް ފެންނަމުންދާ ގޮތަށް ބަލާއިރު ގެސްޓްހައުތައް ހުޅުވޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައި ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.
މިހާރު މި ބަލި ފެތުރެމުންދާ ނިސްބަތާއި މިހާރުގެ ހާލަތަށް ބަލާފައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް އަމީން ވިދާޅުވިއެވެ. މިހާރު އެއް ދުވަހުން އަނެއް ދުވަހަށް ކޮވިޑް ކޭސް ފެންނަމުންދާ މިންވަރު އިތުރުވަމުންދާ ކަން ފަހާގަކުރައްވަމުން އަމީން ވިދާޅުވީ މިއަދު އެކަނިވެސް 77 ކޭސް ފެނިފައިވާ ކަމަށެވެ.
މިއަދު ރައްޖެއިން 77 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު އޭގެ ތެރޭގައި 56 މީހުންނަކީ ދިވެހިންނެވެ. ބަންގްލަދޭޝްގެ 20 މީހަކު ހިމެނޭ އިރު ދެން ހިމެނެނީ އިންޑިއާގެ މީހެކެވެ.
ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާއެކު ހަތަރު މަސް ވަންދެން ރާއްޖޭގެ ބޯޑަރުތައް ވަނީ ބަންދުކޮށްފައެވެ. ޓޫރިޒަމް މުޅިން ހުއްޓާލާފައި އޮތުމަށްފަހު ބޯޑަރު އަލުން ހުޅުވައިލީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ރިސޮޓުތައް ހުޅުވާލައިގެން ފަތުރުވެރިކަން ކުރިއަށް ގެންދަން ފަށާފައި އޮތް ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ގެސްތް ހައުސްތައް ހިންގަން ފަށަން ކުރިން ނިންމާފައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.