މިއަދު ރައްޖެއިން 77 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އޭގެ ތެރޭގައި 56 މީހުންނަކީ ދިވެހިންނެވެ. ބަންގްލަދޭޝްގެ 20 މީހަކު ހިމެނޭ އިރު ދެން ހިމެނެނީ އިންޑިއާގެ މީހެކެވެ.

މިކަން ހާމަ ކުރެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީންއެވެ. އަމީން މިކަން ހާމަ ކުރެއްވީ އައްޑޫ ސިޓީއާ ފުވައްމުލައް ސިޓީގެ އިތުރުން އިހަވަންދޫގައި ކޮވިޑް-19 އަށް ފަރުވާދޭ ފެސިލިޓީތަށް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ، ކޮވިޑް ޖެހޭ މީހިން ގިނަވަމުން ދާ ކަމަށާއި، މިއަދު އެކަނިވެސް 77 މީހަކު ޕޮޒިޓިވް ކަން ފާހަގަ ކުރެއްވިފައި ވާކަމަށެވެ. އަދި މިހާރު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 3252 އަށް އަރާފައެވެ.

ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް މަތިވަމުން ދާ އިރު، ޕޮޒިޓިވް ވާ މީހުންގެ ތެރޭގައި ގިނައީ މިހާރު ދިވެހިންނެވެ. ކޮންމެ ދުވަހަކު ޓެސްޓް ކުރެވޭ ނިސްބަތަށް ބަލާއިރު ޕޮޒިޓިވް ވާ މީހުންގެ އަދަދުތައް ހުރީ 90 ޕަސެންޓާ ގާތުގައެވެ. އަދި ޕޮޒިޓިވް ވާ މީހުންގެ 95 ޕަސެންޓަކީ ދިވެހިންނެވެ. އަދި މީގެ ތެރޭގައި ގިނައީ ރޭންޑަމް ސާމްޕަލިން ނުވަތަ ކްލަސްޓާއަކާ ގުޅުމެއް ނެތް މީހުންކަމަށް ވާއިރު، ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވް ވަމުން ދިއުމަކީ ކޮވިޑްގެ ދެވަނަ ރާޅެއް އައިސް އިތުރަށް ހާލަތު ގޯސްވެދާނެ ކަމެއް ކަމަށް ސިއްހީ މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

މިއަދު 77 މީހަކު ޕޮޒިޓިވް ވެފައި ވާ އިރު ކޮވިޑުން ރަނގަޅުވެފައި ވަނީ 36 މީހެކެވެ. މިއާއެކު ރާއްޖެއިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 2534 އަށް އަރާފައެވެ.