ދުނިޔެ އުތުރުން ދެކުނަށް ބައިކުރާ ހަތުއިސްތަވާ (އީކުއޭޓަރު) ހުރަސް ކޮށް، އުތުރަށް ބޮޑުބައެއް އޮތް ގޮތަށް އުފެދިފައިވާ މި ދިވެހިރާއްޖެއަކީ މިއަދު ދުނިޔޭގެ އެއްވެސް މަންޒިލަކަށް އިތުރު ތައާރަފަކަށް ބޭނުންވާނެ ގައުމެއް ނޫނެވެ. ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ މުހިންމު ކަނޑުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާގެ ކަނޑުގެ މެދުގައި އޮތް، ޒަމާންވީ ޖަޒީރާއަކަށްވާއިރު، ޖިއޮޕޮލިޓިކްސް ނުވަތަ އެތަނަކަށް ލިބިފައިވި ވަސީލަތްތަކާ ނިއުމަތްތަކުގެ އަގާ އެކުގައި އަންނަ ޖިއޮގްރަފިކް ސިޔާސީ ހައްސާސްކަން އިންތިހާއަށް ބޮޑެވެ.

ދުނިޔޭގެ ޗާޓު ބަލާލި ކޮންމެ މީހަކަށްވެ، ރާއްޖެ އޮތީ ކިހާ މުހިންމު މަގާމެއްގައި ވިސްނާ ނުލެވިދާނެއެވެ. ނަމަވެސް، އިންޑިއާ ކަނޑަށް އަތްގަދަ ކުރި އަދި މިހާރުވެސް ކުރެވޭތޯ މަސައްކަތް ކުރަމުންދާ އެއްވެސް ނުފޫޒުކަށް، މިއީ އޮޅިފައި އޮތް ކަމެއް ނޫނެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުންވެސް މި ހަގީގަތް ގަބޫލުކުރެއެވެ. ރަނގަޅަށް ދަނެއެވެ.

އަވަށްޓެރި ގައުމުތަކުން ފެށިގެން ގޮސް، ހުޅަނގުގެ ނުފޫޒުގަދަ އިސްތިއުމާރީ ބާރުތަކާ ހިސާބަށް ރާއްޖޭގެ ގުޅުންތައް ބަދަހިވެގެން ދިއުމުގެ އެންމެ ބޮޑު އެއް ސިއްރަކީ މިއީއެވެ. ޕޯޗުގީޒުންނާ ހޮޅިންގެ އަތްދަށުގައި ރާއްޖެ އަޅުވެތި ކުރުމާ، އިނގިރޭސިންގެ އިސްތިއުމާރީ ހިމާޔަތަށް ރާއްޖެ ގެންދިއުމުގެ ސިއްރަކީވެސް ހަމަ މިއީއެވެ. އަވަށްޓެރި ގައުމުތަކާ ދެމެހެއްޓި ގުޅުންތަކެކޭ އެއްފަދައިން، ދުނިޔޭގެ ނުފޫޒުގަދަ ގައުމުތަކާވެސް އެކި ދުވަސްވަރުގެ ރަދުން ގެންދެވީ ބަދަހި ގުޅުމެއް ބާއްވަވަމުންނެވެ. މި ލިސްޓުގައި މިއަދު ދުނިޔޭގެ ބޮޑެތި، ނުފޫޒުގަދަ ބާރުތަކުގެ ގޮތުގައި ބަލާ ޗައިނާއާއި އަރަބި ގަލްފުގެ ގައުމުތައްވެސް ހިމެނެއެވެ.

ކަނޑުގެ ސަތަހައަށްވުރެ މީޓަރެއްހާ އުސްމިނުގައި އޮތް، 4 ލައްކައެއްހާ މީހުންގެ އާބާދީއެއް އޮތް މި ކުޑަކުޑަ ދިވެހިރާއްޖެއަކީ ދުނިޔޭގެ އިރުން ހުޅަނގަށް ދެމިފައިވާ ބޮޑެތި ބާރުތަކުގެ ކުރިމަތީގައި އިސްތިރާޖީ ބާރަކަށްވި ކޮން ސަބަބަކާ ހެދި ތޯ ކުރެވޭ ސުވާލަށް އޮތީ ސަރީހަ ޖަވާބެކެވެ. ހުރިހާ ކަމެއްހެންމެ ގުޅެނީ ޖިއޮގްރަފީ ގޮތުން ރާއްޖެ އުފެދިފައި އޮތް ސަރަހައްދާއެވެ. ސަރަހައްދީ ބޮޑު ބާރުގެ ގޮތުގައި އަރަމުން އަންނަ އިންޑިއާގެ ހުޅަނގު އުތުރުން ދިވެހިރާއްޖެ އުފެދިފައި އޮންނަނީ ކަނޑު މަގުގެ ވިޔަފާރީގެ މަގުތަކުގެ ނާރެހުގައެވެ. ވަކިން ހާއްސަކޮށް، ބައިނަލްއަގުވާމީ ރައުސުލްމާލުގެ "ރަންގަނޑު"ގެ ގޮތުގައި ސިފަކުރަމުން އަންނަ ތެލުގެ ސިނާއަތަށް އިންތިހާއަށް މުހިންމު ރޫޓްތަކެއް ކަމަށްވާ، ގަލްފް އޮފް އޭޑަންއާއި، ގަލްފް އޮފް ހޮރްމޫޒް އަދި ސްޓްރެއިޓް އޮފް މަލާކާގެ ރޫޓު ގުޅާލަދޭ މަރުކަޒުގައެވެ.

މީލާދީން 1947 ވަނަ އަހަރު އިންޑިއާއަށް ފުރިހަމަ މިނިވަން ލިބި، އިންޑިއާ ކަނޑަށް އިންޑިއާގެ ނުފޫޒު އޮންނަންޖެހޭކަން އެ ގައުމަށް ފަހުމްވި ހިސާބުން، ދިވެހިރާއްޖެގެ އިސްތިރާޖީ އަގު އުފުލެން ފެށިއެވެ. 1965 ވަނަ އަހަރު އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ދިވެހިންނަށް ސިޔާސީ މިނިވަންކަން ލިބުމާއެކު އިންޑިއާގެ އިސްތިރާޖީ އިސްތިއުމާރެއްގައި ރާއްޖެ ބަނދެލި ފަދައެވެ. އެހީގެ ނަމުގައި އެކި ގޮތް ގޮތުން އިންޑިއާގެ އެހީތައް ރާއްޖެއަށް ލިބެމުންދެއެވެ.

އެގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް، ސަރަހައްދީ ޖިއޮޕޮލިޓިކްސް އިސްތިރާޖަށް ލޮޅުން އެރީ، 2012 ވަނަ އަހަރަށްފަހު ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބޮޑު ބަދަލާއެކުގައެވެ. އެއާއި ވިދިގެން އައި އަހަރު ދިވެހިރާއްޖޭގެ ވެރިކަން އެހެން އަތަކަށް ދީލާލުމާއެކު، ރާއްޖެއަށް އަންނަ އެހީގެ މޭސްތިރިއަކީ ޗައިނާ ކަމުގައިވިއެވެ. މިއީ ސަރަހައްދީ ނުފޫޒާ، އާރާ، ބާރުގެ ގޮތުން އިންޑިއާގެ ވާދަވެރިޔާއެވެ. ފަތުރުވެރިކަމަށް އިންތިހާއަށް ބަރޯސާވެގެން އޮތް ދިވެހިރާއްޖޭގެ މައި އެއާޕޯޓްގެ ހިންގުމުގައި އޮތް އިންޑިއާ ކުންފުންޏެއްގެ އަތުން އެކަން ނެގުމާ، ޗައިނާއިން ރާއްޖޭގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަން ފެށިއެވެ.

އިންޑިއާއިން ދިޔައީ ރާއްޖޭގެ މަސްރަހަށް އަންނަމުންދިޔަ ބަދަލުތައް ގާތުން ބަލަމުންނެވެ. ސަމާލުވެއޮވެއެވެ. ރާއްޖޭގައި ޗައިނާގެ އަސްކަރީ މަރުކަޒެއް އަޅާފާނެ ކަމުގެ ބިރަށް އިންޑިއާ އޮތީ ސިހިސިހިއެވެ. އޭރު ދިވެހި ސަރުކާރު ހިންގުމުގައި އޮތް ޕާޓީން ދިޔައީ އަރަބި ގައުމުތަކުން އަރާ އޮތް ބާރު ކަމުގައިވާ ސައުދީ އަރަބިއްޔާއާއިވެސް ގާތް ގުޅުންތަކެއް ބަދަހި ކުރަމުންނެވެ. ރާއްޖޭގެ އަތޮޅެއް ސައުދީއަށް ދޫކޮށްލުމުގެ އަޑުތަކެއްވެސް އެރިއެވެ. މިއާއެކު ރާއްޖޭގެ އިސްތިރާޖީ މުހިންމުކަން އިންޑިއާ ކަނޑަށް ވަކިން ބޮޑުވެގެންދިޔައެވެ.

މާ ގިނަ ދުވަހެއް ނުވެ ރާއްޖޭގެ ސިޔާސީ މަސްރަހުގެ އޮއެވަރު އިހު އޮތްގޮތަށް ބަދަލުވެ، އިންޑިއާއާއި ވީ ކޮޅަށް ބުރަވާން ފެށިއެވެ. ދެކުނު އޭޝިއާ ސަރަހައްދުގެ އިއްތިހާދު (ސާކް)ގެ މެމްބަރު އެއްވެސް ގައުމަކަށް ވަޑައިނުގެން 4 އަހަރެއްހާ ދުވަހު ހުންނެވުމަށްފަހު ކުރެއްވި ފުރަތަމަ ދަތުރުފުޅު ރާއްޖެއަށް ހާއްސަ ކުރެއްވުމުގައިވެސް ސަބަބުތަކެއް އޮންނާނެތާއެވެ.

އިންޑިއާއާއި ޗައިނާއިން އިންޑިއާ ކަނޑަށް ބާރުފޯރުވާކަން ރަމްޒު ކޮށްދޭ ކުރެހުމެއް

ކުރިންވެސް ދެންނެވި ފަދައިން އިންޑިއާ ކަނޑަށް އިންޑިއާގެ ނުފޫޒު ގަދަ ކުރުމަށް އިންޑިއާއިން ގެންގުޅޭ ފިކުރަށް ބަލާއިރު، ދިވެހިރާއްޖެ އޮތީ އިންޑިއާއަށް އަޅާނުލާ ދޫކޮށްލެވޭ ވަރުގެ ހިސާބެއްގައެއް ނޫނެވެ. ގަތަރުން ފެށިގެން އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބަލަހައްޓަމުންދާ ސަރަހައްދުން ސްޓްރެއިޓް އޮފް މަލާކާއާއި، އޭގެ ބޭރުން ގޮސް ދެކުނު ޗައިނާ ކަނޑަށް އިންޑިއާއިން ފާރަވެރިވާން ބޭނުންވާއިރު، ރާއްޖެ އޮތީ އިންތިހާއަށް މުހިންމު ލޮކޭޝަނެއްގައެވެ.

ކަންމިހެން އޮތްއިރު، އިސްތިރާޖީ ގޮތުން ޗައިނާގެ ބާރުވެރިކަން ގަދަކޮށްފިނަމަ، އެކަމާ ކުރިމަތިލާން އެކަށީގެންވާ ބެކަޕެއް އިންޑިއާގެ އަތުގައި އެބައޮތްތޯ ސުވާލުކޮށްލަންޖެހެއެވެ. އޭގެ ބަދަލުގައި، އިންޑިއާ ކަނޑުގައި އެ ގައުމަށް ބާރުތަކެއް ލިބެނީ ދިވެހިރާއްޖޭ ފަދަ ގައުމުތަކުގެ ވެރިކަމަށް އަންނަ އޮއެވަރެއްގެ ސަބަބުންތޯވެސް ސުވާލު އުފެދެއެވެ. ހާރިޖީ މަސްރަހު ހިނގާދާ ކަންކަމާ ދިވެހިރާއްޖޭގެ ޖިއޮޕޮލިޓިކްސްއާއި ގުޅުމެއް އޮތްކަމަށްވެސް ދެންނެވިދާނެއެވެ. އެގޮތުން ކަނޑުމަގުން އަމާޒުވާ ޓެރަރިޒަމްގެ ހަމަލާތައް އިތުރުވަމުން އަންނަ އަދުގެ މި ދުނިޔޭގައި، ރާއްޖެ ފަދަ މުހިންމު ސަރަހައްދެއްގައި އޮތް ގައުމެއްގެ ސަލާމަތާ، ސުލްހަ މަސަލަސްކަމީ މުޅި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ހަމަޖެހުމާވެސް ގުޅިފައި އޮތް ކަމެއްކަން ހަނދާން ނައްތާލެވޭކަށް ނެތެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ، ޖިއޮޕޮލިޓިކްސްގެ ނަޒަރިއްޔާއިން ބަލާއިރު، ބޭރުގެ ނުފޫޒުތަކުން ރާއްޖެއަށް ދުވަހަކުވެސް މިނިވަންކަމެއް ލިބިދާނެތޯ ކުރެވޭ ސުވާލެވެ. އިރެއްގައި ޕޯޗިގީޒުންނާ، ހޮޅިންނާ ޓައިގަރުން އަރާ ދިވެހި ދަރިންގެ ލޭ މި ފަސްގަނޑަށް އޮހުރުވާ، ގައުމު ސުންނާފަތި ކުރުމާ، ބުންބާއީން ނުވަތަ ވޯރާއިން މި ގައުމަށް އަރާ އިގުތިސޯދު އިނދަޖައްސާލުމާ، އަދުގެ ތަރައްގީ ވެފައިވާ ދުނިޔޭގައި އެހީގެ ނަމުގައި ދޭ ލޯނުގެ އަޅަކަށް ދިވެހި ގައުމު ހަދާ، އަންނަން އޮތް ޖީލުތައް ދަރަނިވެރި ކުރުވުމަކީ، ޒަމާނީ ބައިނަލްއަގުވާމީ ފޭރާމުގައި ގަތާލެވޭ ޖިއޮޕޮލިޓިކްސް އިސްތިރާޖުގެ އަޅަކަށް ރާއްޖެ ވުން ނޫންތޯއެވެ. ވީއިރު، މިނިވަން ކަން ކޮބައި ތޯއެވެ؟